ކޮވިޑް 19 އިގެ ސަބަބުން އިގްތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ނިއު ނޯމަލްގެ ތެރެއިން ކޮވިޑް ފްރީ ޒޯނެއް ކަނޑައަޅައި އިގްތިސާދީ ހަރަކާތްތައް ހިންގޭނޭ ގޮތަށް ގައުމު ހުޅުވާލުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ގަރާރު ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އެވެ. އެ ގަރާރުގެ ފުރަތަމަ ކިޔުން މާދަމާގެ ޖަލްސާގައި އިއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ.
އަހުމަދު ރަޝީދު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ކޮވިޑްގެ ބިރުވެރިކަމާއެކު ރާއްޖޭގެ އިގްތިސާދު ވަނީ މުޅިން ހުއްޓިފައި ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދުގެ 85 ޕަސެންޓް ބިނާވެފައި އޮތް ޓުއަރިޒަމްގެ ވެސް މުޅިން ހުއްޓިފައިވާކަން ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. އެހެންވެ ރާއްޖޭގައި އިންޓަނޭޝަނަލް އެއާޕޯޓު ހުރި އެހެން ސަރަހައްދުތަކަށް ޕްރައިވެޓް ޖެއްސޭގޮތަށް ޓުއަރިޒަމަށް ސޭފް ޒޯންތަކެއްގެ ގޮތުގައި ކަނޑައަޅައި ހުޅުވާލަން ގަރާރުގައި ވަނީ ގޮވާލާފަ އެވެ.
އެގޮތުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުޥާލައި އައްޑޫ އަދި ހުވަދޫ ސޭފް ޓުއަރިޒަމްގެ ގޮތުގައި ޕްރޮމޯޓް ކުރުމަށް ވަނީ ގޮވާލާފަ އެވެ. އަދި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުވެސް އެގޮތަށް ހުޅުވާލުމަށް ވަނީ ގޮވާލާފަ އެވެ.
އޭގެ އިތުރުން ކަނޑުމަގުން ރާއްޖެ މުދާ އެތެރެކުރާ އުޅަނދުތައް މާލޭ ބަނދަރުގެ އިތުރުން އައްޑޫ އަދި ކުޅުދުއްފުށީގައި ބަނދަރުކުރެވޭ ގޮތަށް ހަދަން ޖެހޭ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ. އޭގެ ސަބަބުން އެސަރަހައްދުތަކުގައި ސަރުކާރުގެ ކުންފުނިތަކުގެ ގުދަން ތަކާއި އަމިއްލަ ވިޔަފާރިވެރިންގެ ގުދަންތައް އިތުރުވެގެން ދާނެ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.
"ހަމައެއާއެކު ރާއްޖޭގައި މިވަގުތު ހުރި މަސް ކާރުހާނާތަކުގައި މަސް ރައްކާ ކުރުމާއި މަސްދަޅު ބަންދުކުރުމުގެ ގާބިލްކަން އިތުރުކުރުމާއި އެ މަސައްކަތް ކުރިއަރުވަން ޖެހެ އެވެ. އަދި ވޭތުވެ ދިޔަ ދުވަސްތަކުގައި އިހުމާލުކުރެވިފައިވާ ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހެ އެވެ." އަހުމަދު ރަޝީދު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވެ އެވެ.
ހުރިހާ ކަމަކަށް ބިނާކޮށް ރާއްޖޭގެ ތިން ސަރަހައްދެއް އިގްތިސާދަށް ހުޅުވާލަން ގަރާރުގައި ވަނީ ގޮވާލާފަ އެވެ.
ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބޯޑަރު ހުޅުވާލަން ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި ފަތުރުވެރިކަމަށް ހުޅުވާލާއިރު އެކި ސަރަހައްދު ތަކުގެ އެއާޕޯޓުތަކަށް ޕްރައިވެޓް ޖެޓް ޖެއްސޭ ގޮތަށް ހަދާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.