ހިޔާ ފްލެޓުތަކަކީ ދަރަނީގެ ދަންތުރައެއް، އެމްޑީޕީގެ ފްލެޓުތަކުގައި ދަރަންޏެއް ނޯންނާނެ: ނަޝީދު

ފެބްރުއަރީ 23، 2020: ހުޅުމާލޭގައި ހަދަމުންދާ ހިޔާ މަސްރޫއުގެ ފްލެޓްތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާ މަޝްރޫއުގެ ދަށުން އަޅާ 7،000 ސޯޝަލް ހައުސިން ޔުނިޓްތަކަކީ ދަރަނީގެ ދަންތުރައެއް ކަމަށާއި، އެމްޑީޕީގެ ސިޔާސަތުގެ ދަށުން ހަދާފައިވާ ފްލެޓުތަކުގައި ބޮޑު ދަރަންޏެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރަމުން އަންނަ ފްލެޓުތަކުގެ ފޮޓޯއެއް ޓުވީޓުކުރައްވައި ނަޝީދު މިއަދު ވިދާޅުވީ، އެ ފްލެޓުތައް އަޅާފައި ވަނީ 500 އަކަފޫޓުގެ ކުދި ކޮތަރުކޮށިތަކެއް ގޮތަށް ކަމަށެވެ.

އަދި އެތަންތަން ހަދާފައި ވަނީ އަކަ ފޫޓަކަށް 1900 ރުފިޔާގެ ރޭޓުން ކަމަށާއި، އެހެންކަމުން ކުލީގެ ގޮތުގައި 11،000 ރުފިޔާ ޖެހޭ ކަމަށެވެ.

"ދެން މި ކިހިނެތް ދެކޮޅު ޖައްސާނީ. މީ އެ ދަރަނީގެ ދަންތުރައިގެ ފޮޓޯއެއް،" ނަޝީދު ވިދާޅުވެފައިވެއެވެ.

ނަޝީދު ވިދާޅުވީ ހިޔާ ފްލެޓުތައް ފިޔަވަައި ދެން ގިނަ ތަންތަނަކީ އެމްޑީޕީގެ ސިޔާސަތު ކަމަށެވެ. އަދި އެތަންތަން ތަނަވަސްވުމުގެ އިތުރުން އަގުވެސް ހުންނާނީ އެކަށީގެންވާ ވަރެއްގައި ކަމަށެވެ.

"ބޮޑު ދަރަންޏެއް ނޯންނާނެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ހިޔާ ފްލެޓުތަކުގެ ދަރަނި މި ސަރުކާރުން ދައްކާނެ ކަމަށާއި، އަދިވެސް އިތުރު ތަނަވަސް ފްލެޓުތަކެއް މި ސަރުކާރުން އަޅާދޭނެ ކަމަށެވެ.

ޗައިނާއިން މި ސަަރަހައްދުގެ ގައުމުތަކުގައި ބޮޑެތި ލޯނުތައް އަޅުވައި ދަރުވާލުމުގެ ސިޔާސަތުތަކެއް ގެންގުޅޭ ކަމަށް ނަޝީދު އަބަދުވެސް ކުރައްވާ ތުހުމަތު މިއަދުވެސް ވަނީ ތަކުރާރުކުރައްވައިފައެވެ.

"ސަރުކާރުން ފޫބައްދައިދެއްވާނެ. އެކަމަކު 900 ރުފިޔާއަށް އަކަފޫޓެއްގެ މަގުން އަސްލު އަގުހުރި މަސައްކަތެއް 1900 ރުފިޔާއަށް ކުރީމަ ތަފާތުވީ ބައި ކޮބާ؟ ޗައިިނާ ކުންފުނިން ދެކޮޅުނުޖެހޭ މިންވަރަށް އަގު އުފުލީ ދަރުވާލާފަ ފަހުން އެ ކުންފުނިން ގަންނާންބާ؟ ލަންކާ އާއި އެފްރިކާގެ ގައުމުތަކަށް ވީހެން،" އިތުރު ޓުވީޓެއްގައި ނަޝީދު ވިދާޅުވިއެވެ.

މީގެކުރިން ވެސް ނަޝީދު ވަނީ ޗައިނާއިން ލޯނު އެހީގެ ނަމުގައި ރާއްޖެ ބޮޑު ދަރަނީގެ ދަންތުރައެއްގައި ޖައްސާފައިވާ ކަމަށް ވިދާޅުވެފައެވެ.

ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވައި ޗައިނާ ސަފީރު ޖަންގް ލީ ޖޮންގް ކުރިން ވިދާޅުވެފައި ވަނީ ޗައިނާ އަކީ ދަންތުރަ ޖަހާ ބައެއް ނޫންކަމަށާއި، ޗައިނާއިން ފޯރުކޮށްދެނީ އެހީތެރިކަން ކަމަށެވެ.

އަދި ޗައިނާ އަކީ ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއްގެ އިތުރުން، ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމަކީ ވެސް ޗައިނާކަން ސަފީރު ފާހަގަ ކުރައްވައި ސަފީރު ވިދާޅުވީ ނަޝީދު ދައްކަވަނީ މުޅިންވެސް ހިޔާލީ ވާހަކަތަކެއް ކަމަށެވެ.

ކުރީ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަންފެށި ހިޔާ މަޝްރޫއުގެ ދަށުން 7،000 ހައުސިން ޔުނިޓުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީ) އިންނެވެ. މި މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އަޅާފައިވެ އެވެ.

ކުރީ ސަރުކާރުން 7000 ހައުސިން ޔުނިޓު އަޅަން ނިންމި ނަމަވެސް، އިމާރާތުގެ ސްޓްރަކްޗާއަށް ގެނައި ބަދަލާ އެކު މިހާރުގެ ސަރުކާރުން ވަނީ ފްލެޓްތަކުގެ އަދަދު 6،860 އަށް މަދުކޮށްފަ އެވެ. އަދި މަދު ކުރި 140 ފްލެޓްގެ ބަދަލުގައި، އެ ތަންތަން ހާއްސަ ކުރާނީ ވިޔަފާރީ ބޭނުންތަކަށް ކުއްޔަށް ދިނުމަށް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކުރީ ސަރުކާރުގެ ހައުސިން މިނިސްޓަރު، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ، ހިޔާ ފްލެޓްތަކުގެ މަހު ކުއްޔަކީ 5600 ރުފިޔާކަމަށް އެ މަޝްރޫހް އިފްތިތާހުކޮށްދެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަނޑައަޅުއްވައި ނިންމަވާފައިވެސް ވާ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ހުރިހާ ހަރަދުތަކާ ގުޅޭ ތަފާސް ހިސާބުތައް އާންމުކުރައްވައި މިނިސްޓަރު މުއިއްޒު ވިދާޅުވީ، އެ ފްލެޓުތަކުން މަހު ކުލީގެ ގޮތުގައި 7000 ރުފިޔާ ނެގި ނަމަވެސް، އެޗްޑީސީއަށް ފައިދާކުރާނެ ކަމަށެވެ.

ނަމަވެސް އެޗްޑީސީން ބުނެފައި ވަނީ ހައުސިން ޔުނިޓަށް އިތުރަށް 42 މިލިއަން ޑޮލަރު (647.6 މިލިއަން ރުފިޔާ) ހަރަދު ކުރަން ޖެހި، ފްލެޓެއްގެ މަހު ކުލި 11،000 ރުފިޔާއަށް އަރާނެ ކަމަށެވެ. އެއީ އެ ފްލެޓްތަކުގެ ކުލި 96.4 ޕަސެންޓްގެ ބޮޑުވުމެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ ސަބްސިޑީތަކެއް ދީގެން، ފްލެޓުތަކުގެ ކުލި ކުޑަކުރަން މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

ރައީސް ސޯލިހުގެ ސަރުކާރަށް ދެ އަހަރު ވާން ކައިރިވެފައި ވާއިރު، އަދިވެސް ހިޔާ ފްލެޓުތައް ހަވާލުކުރެވިފައެއް ނުވެއެވެ. އެޗްޑީސީން ބުނެފައި ވަނީ އެ ފްލެޓުތަކުގެ މަސައްކަތް މުޅިން ނިންމާލެވޭނީ މި އަހަރު ފަހުކޮޅުގައި ކަމަށެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓުތައް އޭގެ ހައްގުވެރިންނާ މިއަހަރު ހަވާލު ކުރައްވާނެ ކަމަށެވެ. އަދި ފްލެޓު ދޭނީ ކުރީ ސަރުކާރުގެ ލިސްޓަށް ކަމަށްވެސް ރައީސް ވަނީ ފަހުން ވިދާޅުވެފަ އެވެ.

comment ކޮމެންޓް