ވާނާ ޗެލްސީއަށް ބަދަލުވާކަށް ނޫޅޭ: ލިޕްޒިގްގެ ސީއީއޯ

ލައިޕްޒިގްގެ ފޯވަޑް ޓިމޯ ވާނާ ---

ޖަރުމަނުގެ އާރްބީ ލިޕްޒިގަށް ކުޅެމުން އަންނަ ހުނަރުވެރި ފޯވާޑް ޓިމޯ ވާނާ ޗެލްސީއަށް ސޮއިކުރުމަށް އެއްބަސްވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް ލިޕްޒިގުގެ ސީއީއޯ އޮލިވާ މިންޒްލަފް ދޮގުކޮށްފި އެވެ.

ވާނާ ހޯދަން މީގެ ކުރިން އިންޓަމިލާނާއި ބާސެލޯނާއިން ވަނީ މަސައްކަތްކޮށްފަ އެވެ. އެކަމަކު އޭރު ވާނާގެ އޭޖެންޓް ވަނީ އޭނާ ބޭނުންވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުމަށް ކަމަށް ބުނެފަ އެވެ. ފަހުން މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީންވެސް ވާނާއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު އޭރު އޭނާ ބަދަލުވުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ލިވަޕޫލަށް ކަމަށް ދޭހަވާ ގޮތަށްވެސް އޭޖެންޓް ޖަރުމަނު މީޑިއާގައި ވާހަކަ ދެއްކި އެވެ.

ނަމަވެސް ދާދިފަހުން ވާނާގެ ޓްރާންސްފާއަށް ޗެލްސީން 53 މިލިއަން ޕައުންޑް ލައިޕްޒިގްއަށް ދޭން އެއްބަސް ވެފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ "ޔޯލަ" ހަބަރުތަކެއް ފެތުރިފަ އެވެ. އެކަމަކު ވާނާ ހޯދުމަށް ޗެލްސީއިން އެއްވެސް ހުށައެޅުމަށް މިހާތަނަށް ހުށަނާޅާ ކަމަށް ލިޕްޒިގުގެ ސީއީއޯ އޮލިވާ މިންޒްލަފް ވަނީ ބުނެފަ އެވެ.

"ޗެލްސީއިން މިހާތަނަށް ވާނާ ހޯދުމަށް އެއްވެސް ހުށައެޅުމަށް އަޅާފަ އެއް ނުވޭ. ވާނާ އަކީ ލިޕްޒިގްގެ ކުޅުންތެރިއެއް. އޭނާގެ ކޮންޓްރެކްޓް އިތުރު ކުރުމުގެ މަސައްކަތް ކުލަބުން މިދަނީ ކުރަމުން. އެކަމަކު އޭނާ ބޭނުންވާނަމަ އެހެން ކުލަބަކަށް ދިއުމުގެ ފުރުސަތު އެބައޮތް. މިހާތަނަށް އެއްވެސް ކުލަބަކުން ރަސްމީ ހުށައެޅުމެއް އަޅާފައެއް ނެތް،" ލިޕްޒިގުގެ ސީއީއޯ މިންޒްލަފް ބުންޏެވެ.

އޭނާ ބުނީ ލިޕްޒިގުން މިވަގުތު އެންމެ ބޮޑު އަމާޒަކީ ލީގުގައި ރަނގަޅު ނަތީޖާއެއް ހޯދާ، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުން ކަމަށެވެ.

"މިދިޔަ ސީޒަނުގައި އަހަރެމެން ވާނާގެ ކޮންޓްރެކްޓް އިތުރު ކުރި އިރު ކުލަބު ދޫކޮށްލަން ބޭނުންވާނަމަ އެ ފުރުސަތު އިތުރު ކުރީ އެ ކުޅުންތެރިޔާގެ ބޭނުމަކަށް. އެކަމަކު އޭނާ އަދި ހިއެއް ނުވޭ ކުލަބު ދޫކޮށްލަފާނެހެނެއް،"

ޖަރުމަންގެ ވީއެފްބީ ސްޓުޓްގާޓުން 2016 ވަނަ އަހަރު ލައިޕްޒިގްއަށް ބަދަލުވި ވާނާ ވަނީ، މި ސީޒަނުގައި މިހާތަނަށް 40 މެޗުން 31 ގޯލު ޖަހައިފަ އެވެ. އޭގެ ތެރެއިން 25 ގޯލަކީ މި ފަހަރު ލީގުގައި ޖެހި ގޯލުގެ އަދަދެވެ. މިއީ ވާނާގެ ކެރިއަރުގައި މިހާތަނަށް އޭނާ އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ސީޒަނެވެ.

comment ކޮމެންޓް