ޕެސެންޖާ ޓާމިނަލްގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް: އެމްއޭސީއެލް

ވީއައިއޭގެ އާ ޕެސެންޖާ ޓާމިނަލްގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އަޅާ އާ ޕެސެންޖާ ޓާމިނަލްގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާ ކަމަށް އެމްއޭސީއެލް އިން ބުނެފިއެވެ.

އެމްއޭސީއެލް އިން ބުނީ އާ އިންޓަނޭޝަނަލް ޕެސެންޖާ ޓާމިނަލްގެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރިއަށް އެބަދާކަމަށެވެ.

އަދި ކުރިން ރޭވިފައިވާގޮތަށް 2022 ވަނަ އަހަރުގެ މެދުތެރޭ ޓާމިނަލްގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

ވީއައިއޭގެ އާ ޕެސެންޖާ ޓާމިނަލްގެ މަސައްކަތް ކުރަނީ ސައުދީ ބިންލާދިން ގްރޫޕުންނެވެ.

މިހާރު އެއާޕޯޓުގައި ހުރި ޓާމިނަލުގެ ހުޅަނގު ދެކުނު ފަރާތުން 78،000 އަކަ މީޓަރުގެ ސަރަހައްދެއްގައި ހަދާ މި ޓާމިނަލް މަޝްރޫއަށް އަބޫދާބީ ފަންޑާއި، ކުވެއުތު ފަންޑާއި ސައުދީ ފަންޑާއި، އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑް)އިން 680 މިލިއަން ރުފިޔާ ވަނީ ދީފައެވެ.

އާ ޓާމިނަލްއާއެކު އަހަރަކުން ތިން މިލިއަން ޕަސެންޖަރުންނަށް ހިދުމަތް ދޭނެއެވެ. އާ ޓާާމިނަލް ގާއިމް ކުރަނީ ޒަމާނީ ވަސީލަތްތަކާއެކުއެވެ. ޕްރީފެބް އިމާރާތެއްގެ ގޮތުގައި އަޅާ ޓާމިނަލްގައި 40 ޑިޕާޗާ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރު ހުންނާނެއެވެ. ފްލައިޓަށް އަރަން ފަސޭހަވާނެހެން ހައެއިރޯ ބްރިޖު ގާއިމް ކުރާނެއެވެ. އިމާރަތް އަޅާނީ އިތުރު ތިން އެއިރޯ ބްރިޖު ގާއިމް ކުރެވޭނެ ގޮތަށެވެ.

އާ ޓާމިނަލް އަޅާނީ ދިވެހިވަންތަ އިހުސާސެއް ކުރެވޭނެ ގޮތަށެވެ. އެމްއޭސީއެލް އިން ބުނީ އާ ޓާމިނަލްގެ އިންޓީރިއާ އިން ރާއްޖޭގެ ގުދުރަތީ ރީތިކަން ފެންނާނެ ކަމަށާއި، ރާއްޖެ ދޫކޮށްދާ ފަތުރުވެރިޔާ ފުރައިގެންދާނީވެސް އެފަދަ އިހުސާސްތަކާއެކު ކަމަށެވެ.

comment ކޮމެންޓް