ރާއްޖޭގެ އާބާދީގެ 10 މީހަކުން އެކަކީ ފަގީރެއް

މީހަކު މަގު ހުރަސް ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ އާބާދީގެ 28 ޕަސެންޓު މީހުން ނުވަތަ ކޮންމެ 10 މީހުންގެ ތެރެއިން އެކަކަކީ ފަގީރެއް ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނެރުނު ރާއްޖޭގެ މަލްޓި ޑައިމެންޝަން ޕަވަޓީ އިންޑެކްސް (އެމްޕީއައި) ރިޕޯޓުން ދައްކައިފި އެވެ.

އާމްދަނީގެ ފަގީރު ކަމުގެ ބަދަލުގައި ބަލާ މަލްޓި ޑައިމެންޝަން ޕަވަޓީ އިންޑެކްސް ނުވަތަ އެމްޕީއައި އަކީ ތަފާތު އެކި ނަޒަރުން ފަގީރުކަން ވަޒަން ކުރުމަށް އެކުލަވާލެވޭ މިންގަނޑެކެވެ. ރާއްޖޭގެ ގައުމީ އެމްޕީއައިގައި ހިމެނިފައިވަނީ މައިގަނޑު ތިން ދާއިރާ އެވެ. އެއީ ސިއްހަތާއި ތައުލީމާއި މައުލޫމާތު އަދި ދިރިއުޅުމުގެ ފެންވަރެވެ. އެ ދާއިރާތަކުގެ ތެރޭގައިވެސް ޖުމްލަ އަށް ބައެއް ހިމެނެ އެވެ.

ރާއްޖޭގެ އެމްޕީއައި އަށް ބަލާނަމަ ފަގީރު ކަމުގެ ހާލަތު ބޮޑީ މާލެއަށްވުރެ އަތޮޅުތަކުގައި ކަމަށް ރިޕޯޓުން ދައްކައެވެ. އެގޮތުން މާލެ ސިޓީގައި ފަގީރުންގެ މިންގަނޑު އުޅެނީ 9.6 ޕަސެންޓުގައެވެ.

ވަކި އަތޮޅުތަކަށް ބަލާއިރު، މެދުރާއްޖެ ސަރަހައްދުގައި ފަގީރުންގެ އަދަދު އުޅެނީ އާބާދީގެ 46 ޕަސެންޓުގައެވެ. އުތުރު ސަރަހައްދުގައި 44 ޕަސެންޓުގައި ހުރި އިރު އުތުރު ސެންޓްރަލް ސަރަހައްދުގައި ހުރީ 36.5 ޕަސެންޓުގައެވެ.

ދެކުނުގެ ސަރަހައްދަށް ބަލާއިރު ދެކުނުގެ ފަގީރުކަމުގެ މިންގަނޑު ހުރީ 39 ޕަސެންޓުގަ އެވެ. އަދި ދެކުނު ސެންޓްރަލް ސަރަހައްދުގައި ފަގީރުމިން ހުރީ 38.5 ޕަސެންޓުގައެވެ.

މުޅި ރާއްޖޭގެ އެމްޕީއައި އަށް ބަލާއިރު އެންމެ ބޮޑު ހިއްސާއެއް ކުރަނީ ސިއްހީ އަދި އިރުއުޅުމުގެ ފެންވަރު ދައްކުވައިދޭ ދާއިރާ ކަމަށް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެއެވެ. އޭގެ އިތުރުން ސްކޫލުގައި ހޭދަކުރާ އަހަރު މަދުވުންވެސް ސްޓެޓިސްޓިކްސް އިން ފާހަގަކުރެެއެވެ.

މާލޭގައި އެންމެ ބޮޑު ހިއްސާއެއް ކުރަނީ ގެދޮރުގައި ތޮށްޖެހިގެން އުޅެއް ޖެހުން ކަމަށް ރިޕޯޓުގައި ބުނެއެވެ. އެގޮތުން އެމްޕީއައިގައި ބުނާގޮތުގައި އެއް ކޮޓަރިއެއްގައި ތިން މީހުންނަށްވުރެ ގިނައިން އުޅޭ ކަމުގައިވާނަމަ އެމްޕީއައިގެ އެއް ކެޓަގަރީއަށް ފެތޭނެއެވެ.

އާމްދަނީގެ ފަގީރުކަމާ އަޅާ ބަލާއިރު އެމްޕީއައި އުޅެނީ މަތީގައެވެ. އެގޮތުން އާމްދަނީގެ ފަގީރު ކަމަށް ބަލާނަމަ އެއީ ރާއްޖޭގެ އަށް ޕަސެންޓެވެ.

comment ކޮމެންޓް