އެމްއެސްއެސްއަށް އެކަށީގެންވާ ވަރަށް މުދާ ނުލިބޭ، އެކަމަކު އުންމީދު ބޮޑު

އޭޕްރީލް 5، 2020: ރާއްޖޭގައި އަލަށް އުފެއްދި ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ފުރަތަމަ ބޯޓު ރާއްޖެ ގެނެސް، ރާއްޖޭގެ އާ ޝިޕިން ލައިން އިފްތިތާހްކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު ހިދުމަތް ފެށި ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)އަށް މިވަގުތު އެކަށީގެންވާ ވަރަށް މުދާ އުފުލަން ނުލިބޭ ނަމަވެސް، ކުރިއަށް އޮތް އަހަރެއްގެ ތެރޭ ކުންފުނި ފައިދާއަށް ބަދަލު ކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް އެ ކުންފުނިން ބުނެފި އެވެ.

"ސަން"އިން ކުރި ސުވާލަކާ ގުޅިގެން އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ ކޮވިޑް-19 ރޯގާގެ ސަބަބުން ޓޫރިޒަމް ހުއްޓިފައިވުމުން ރާއްޖެއަށް އެތެރެ ކުރާ މުދާ ވަރަށް ބޮޑުތަނުން ދަށަށް ގޮސްފައިވާ ކަމަށެވެ. އެހެން ކަމުން އޭނާ އެންމެ އުންމީދު ކުރި ވަރަށް މުދަލުގެ ރަނގަޅު ވޮލިއަމްއެއް ލިބެމުން ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް އެއީ ޝިޕިންލައިން ފަށަން ހެދި ދިރާސާގައިވެސް ލަފާކުރެވިފައިވާ ކަމެއް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"އަޅުގަނޑު އުންމީދު ކުރީ ދިރާސާގައި އެހެން އޮތަސް، އަޅުގަނޑުމެންނަށް ތަންކޮޅެއް އަވަހަށް ވޮލިއަމްއެއް ހޯދިދާނޭ. އެހެން ނަމަވެސް އަޅުގަނޑު އެންމެ އުންމީދުކުރި ވަރަށް އަދި ވޮލިއަމް ޕިކަޕް ވެގެނެއް ނާދޭ. މި ވިޔަފާރި ފަށަން ހެދި ދިރާސާ ނުބައެއް ނުވޭ،" ސައީދު ވިދާޅުވި އެވެ.

އެމްއެސްއެސްއިން މުދާ އުފުލުމުގައި ބޭނުން ކުރަނީ ކުއްޔަށް ހިފާފައިވާ ލައިބީރިއާގެ ބޯޓެއް ކަމަށްވާ، އިބްރިއަން އެކްސްޕްރެސް އެވެ. އެ ބޯޓުން އަދި ދަތުރުތައް ކުރަނީ ކޮލަމްބޯ-މާލެއާ ދެމެދު ކަމަށްވާއިރު، އެ ބޯޓުގައި އެއްފަހަރާ 20 ފޫޓުގެ 700 ކޮންޓެއިނަރު އުފުލެ އެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން ސައީދު ވިދާޅުވީ، އެ ކުންފުނިން ބަލަނީ ކޮންމެ 10 ދުވަހަކުން 10 ދުވަހަކުން މުދާ ބަރުކޮށްގެން މާލެ-ކޮލަމްބޯއާ ދެމެދު ދަތުރުތައް ކުރުމަށް ކަމަށެވެ. އަދި ގިނަ ގޮންޖެހުންތަކާ އެކުވެސް އެ ޝެޑިއުލްއަށް އަދި ދަތުރުތައް ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭޕްރީލް 5، 2020: ރާއްޖޭގައި އަލަށް އުފެއްދި ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ފުރަތަމަ ބޯޓު ރާއްޖެ ގެނެސް، ރާއްޖޭގެ އާ ޝިޕިން ލައިން އިފްތިތާހްކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ސަން"އަށް ލިބިފައިވާ ތަފާސްހިސާބުތަކަށް ބަލާއިރުވެސް މިދިޔަ އޭޕްރީލް މޭ މަހު ކޮލަމްބޯ މަގުން މާލެއަށް 4986 ކޮންޓެއިނަރު ގެނެސްފައިވާ އިރު ގައުމީ ޝިޕިން ކުންފުނިން ގެނައީ 266 ވަރަކަށް ކޮންޓެއިނަރެވެ. އެއީ، ރާއްޖެ ގެނައި ކޮންޓެއިނަރުގެ 5.33 ޕަސެންޓެވެ.

މާލެ-ކޮލަމްބޯއާ ދެމެދު ދެން ދަތުރުތައް ކުރާ ލިލީ ޝިޕިން އިން 2،250 އެއްހާ ކޮންޓެއިނަރު ގެނެސްފައިވެ އެވެ. އެއީ 45 ޕަސެންޓެވެ. އަދި އެ ރޫޓުން އެންމެ ގިނައިން ރާއްޖެެއަށް ކޮންޓެއިނަރު ގެނައި ޓީޓީއެސް ގްރޫޕުން 2،470 ކޮންޓެއިނަރު ގެނެސްފައިވެ އެވެ. އެއީ، 49.5 ޕަސެންޓެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، 700 ކޮންޓެއިނަރު އުފުލޭ އެމްއެސްއެސްގެ ބޯޓަށް ދަތުރެއްގައި އަދި އުފުލެނީ 44 އަށް ކޮންޓެއިނަރެވެ. ބައެއް ދަތުރުތަކުގައި އުފުލީ 10 ވަރަކަށް ކޮންޓެއިނަރު ކަމަށް ވެސް އެނގިފައިވެ އެވެ.

ޝިޕިން ދާއިރާގެ ބޭފުޅަކު ވިދާޅުވި ގޮތުގައި އެމްއެސްއެސްއިން ކުއްޔަށް ހިފާފައިވާ ބޯޓެއްގެ ޗާޓަރު އަގު މާކެޓްގަިއ ދުވާލަކަށް 7،000 ޑޮލަރުވަރަށް އުޅޭ އިރު އެ ކުންފުނިން މިހާރު ކޮންޓެއިނަރު އުފުލާ އަދަދަށް ނަމަ ގެއްލުން ވަރަށް ބޮޑުވުން އެކަށީގެންވެ އެވެ. އެހެންވެ، ވަރަށް ރޭވުންތެރި ކަމާ އެކު ކަންކަން ނުކޮށްފި ނަމަ، ވިޔަފާރި ދިގު މުއްދަތަކަށް ކުރިއަށް ގެންދަން އުނދަގޫތައް ހުންނާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އޭޕްރީލް 8، 2020: މޯލްޑިވްސް ސްޓޭޓް ޝިޕިން(އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ސަންއަށް މީގރ ކުރިން ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސައީދު ވިދާޅުވީ ގައުމީ ޝިޕިން ކުންފުންޏަކީ އާ ކުންފުންޏެއް ކަމަށްވުމުން ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އަދި އެ ގޮންޖެހުންތައް ހުންނާނެ ކަމަށް، ހެދި އަންދާޒާތަކުން ވެސް ފެންނަން ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް، ދުވަހެއް ދުވަހަކަށް އުފުލަން ލިބޭ މުދަލުގެ އަދަދު އިތުރުވަމުން އަންނަ ކަމަށާއި ކުރިމަގުގައި އުފުލަން ލިބޭ މުދާ އިތުރުވަމުން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައީދު ދެއްވާ ޔަގީންކަމަކީ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ކުންފުނި ފައިދާއަށް ބަދަލުކުރާނެ ކަމެވެ. އަދި އެކަމާ މެދު ޝައްކު ނުކުރެއްވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑުމެންގެ ކޮމްޕެޓިޓާޒް ވެސް ވަރަށް ގިނަ. ވަރަށް ގިނަ ޗެލެންޖް އެބަހުރި. އެކަމަކު އަޅުގަނޑުމެންނަށް ކުރި މަގު ފެންނަނީ އުޖާލާކޮށް. މިކަން އަޅުގަނޑުމެން ހުއްޓައެއް ނުލާނަން. ކުރިއަށް އޮތް އެއް އަހަރު ތެރޭ އަޅުގަނޑުމެންނަށް ފައިދާއަށް މި ކުންފުނި ބަދަލު ކުރެވޭނެ. މިކަން ފަށައިގަތީވެސް ފުރަތަމަ ދުވަހު ފައިދާވާނެ ކަމަކަށް ނޫން،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިދިޔަ ދުވަސްތަކުގައި ގައުމީ ޝިޕިން ލައިނުން ގިނައިން ގެނެސްފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާނެ ބައެއް ސިއްހީ ދާއިރާގެ ތަކެއްޗާއި ބޭހާ އަދި ކާޑުގެ ބާވަތްތަކެވެ. އެއީ އެ ކުންފުނީގެ ފޯކަސްއަކަށް އޮތީ ސަރުކާރުން މިވަގުތުން މި ވަގުތަށް ބޭނުންވާނެ ތަކެތި ގެނައުން ކަމަށް ވާތީ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

https://sun.mv/134440

ކުރިއަށް އޮތްތަނުގައި ޝިޕިންލައިނުން އިންޑިއާއަށް ދަތުރުކުުރުމަށް ރާވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ސައީދު ވިދާޅުވި ގޮތުގައި އެ ދަތުރުތަކުގެ ބޭނުމަކީ، އިންޑިއާއިން ތަރުކާރީ އަދި މޭވާ ފަދަ ތަކެތި ގެންނަން ބޭނުންވާ ވިޔަފާރިވެރިންނަށް އެ ފުރުސަތު ހުޅުވާލުމެެވެ.

"ޕެރިޝެބުލް އެއްޗިހި ރެފްރިޖަރޭޓެޑް ކޮންޓެއިނާގައި އަޅުގަނޑުމެން ގެންނަން ދަތުރުތައް ފަށާނަން. އެ ދަތުރުތަކުގެ ކަންތަކުގައި މި އުޅެނީ،" ސައީދު ވިދާޅުވި އެވެ.

އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި އުފެއްދި، އެމްއެސްއެސް އުފެއްދުމުގެ ބޭނުމަކީ ދިވެހި ވިޔަފާރިވެރިންގެ މުދާ ގެނައުމަށް މިހާރަށް ވުރެ ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމެވެ. އަދި އެ ކުންފުނިން މިވަގުތު ކޮލަމްބޯ-މާލެ ދަތުތުތައް ކުރި ނަމަވެސް ވިސްނުން ހުރީ އެ ޝިޕިން ލައިން އިތުރަށް ފުޅާކުރަން ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

comment ކޮމެންޓް