ރާޅުގެ ދުނިޔޭގައި އިސްމާއިލް ރަޝީދު (ސްމައިލީ)ގެ ނަން ވިދަންފެށީ، 2019ގައި ރާއްޖޭގައި މުޅިން އަލަށް ރާޅާ އަޅާ ކުޅުންތެރިންގެ ގައުމީ ޓީމެއް ނަގަން ބޭއްވި "ޓްރަޔަލްސް 2019"ގެ ޝަރަފްވެރި އެއް ވަނަ ހޯދުމުންނެވެ. އެއަށްފަހު އޭނާގެ އެންމެ ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތް ކަމުގައިވާ ވޯލްޑް ޗެމްޕިއަންޝިޕުން ދެވަނަ ލިބުނުއިރު، ހަމަ އެ އަހަރު މުޅިން އަލަށް ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ އޯޕަން މެންސް ޝޯޓްބޯޑް ކެޓަގަރީގެ ކުއާޓާ ފައިނަލްގައި ވާދަކުރި ހީޓުން އެއްވަނައިގެ ގޮތުގައި ފައިނަލަށްގޮސް އޭނާވަނީ އެ ކެޓަގަރީއިން ހަތަރުވަނަ ހޯދާފަ އެވެ.
ކުރު މުއްދަތެއްގެ ތެރޭގައި ސްމައިލީ މިވަނީ އޭނާގެ ހުނަރުން މުޅި ރާއްޖެ ފަހުރުވެރިކޮށްދީފަ އެވެ. މީގެ އަހަރެއްހާ ދުވަސްކުރިން މަދުބަޔަކަށް ނޫނީ ނޭނގޭ މި ޒުވާނާ މިއަދު ވަނީ މުޅި ރާއްޖޭގެ ރާޅާ އެޅުންތެރިންގެ ރޭންކިންގައި އެންމެ ކުރިއަށް އަރައިފަ އެވެ.
އެހެންނަމަވެސް މިހިސާބަށް އާދެވުމުގައި ސްމައިލީ ގިރާކުރަންޖެހުނު ބާނިތައް ވަކި ކުޑައެއްނޫނެވެ. އަހަރުތަކެއް ފަހަތަށް ދާއިރު، މިހާރު ހުރި މިހިސާބަށް އޭނާއަށް އާދެވިދާނޭ ކަމަށް ހުދު އޭނާ ވެސް ޝައްކުކުރި އެވެ. އެހެން ނަމަވެސް ސްމައިލީގެ ހިތްގައިމު ހިނިތުންވުމާ އެކީ އޭނާ ކިޔައިދެނީ ހިތްވަރާއި އަޒުމާއި އެކީ ކުރިމަތިލައިފިކަމެއްގައި ކާމިޔާބީއަކީ މާ ދުރުގައިވާކަމެއް ނޫންކަމެވެ. ކަމެއް ކުރާހިތުން ކުރާ ނަމަ ކޮންމެ ފަދަ ހުރަސްްތަކެއް ވެސް ގިރާކޮށް އެކަމެއް ކުރާނެކަމެވެ.
ސްމައިލީ ގެ ދިރިއުޅުން ގުޅިފައި ވަނީ ރާޅުތަކާ އެވެ. އުޅެ ބޮޑުވީ ރާޅުތަކުގެ ތެރޭގަ އެވެ. ކުޑައިރުގެ ފޮނިފޮނި ހަނދާންތަކަކީ ބޭބެއާއި ގާތްތިމާގެ ކުދިންނާ އެކު މޫދުގައި ހޭދަކުރި އުފާވެރި ވަގުތުތަކަކީ އޭނާ ބުނާ ގޮތުން އެންމެ ފޮނި ހަނދާންތަކެވެ. ރަށް މިހާރު ހިއްކާފައި އޮތް ނަމަވެސް ކުރިން ރާޅު ބިންދާލަނީ ހަމަ ސީދާ އޭނާގެ ގޭގެ ބުޑަށެވެ. އެހެންކަމުން އެންމެ ޅައުމުރުއްސުރެ، ނިކަން ފުން ލޯތްބެއް ރާޅަށް އޮތީ ހިތުގައި ދެވިފަ އެވެ.
ސްމައިލީ ބުނާ ގޮތުގައި ރާލާއަޅަން ފެއްޓުނީ ބޭބެމެން ކުޑައިރު ރާޅާ އަޅާތަން ފެނި އެކަމަށް އުފެދުނު ޝައުގުވެރިކަމުގަ އެވެ. އޭރުނަމަ އެންމެ ފުރަތަމަ ގޮސްއުޅެނީ ފަރުމައްޗަށެވެ. އެއަށްފަހު ސްކޫލް ނިންމާލާ ނަސީބު އައިސް އަތުގައި ހިފީ ސަފާރީއަކުން ލިބުނު ވަޒީފާއަކުންނެވެ. ގާތްގަނޑަކަށް ދެ އަހަރާއި ހަމަސް ވަންދެން އޭނާ މަސައްކަތްކުރީ ސާފް ގައިޑެއްގެ ގޮތުގަ އެވެ.
މޫދުގައި އުޅެބޮޑުވި، ރާޅާއެޅުމަށް ކެތްމަދުވެފައި ހުރި ޒުވާން ހިތަކަށް މިފަދަ ވަޒީފާއެއްވާނީ ބޮޑު ރަންގަނޑަކަށް ނޫންހެއްޔެވެ؟
ސްމައިލީ ބުނާގޮތުގައި މި ދާއިރާއިން ކުރިއަށްދާން އޭނާއަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ މި ވަޒީފާ އެވެ. މަދުވެގެން ކޮންމެ ދުވަހަކު އެއްފަހަރު ރާޅާ އެޅުމުގެ ފުރުސަތު އޭނާއަށް ލިބުނު އިރު، އެންމެ ބޮޑު ލޯތްބެއް މިކަމަށް އުފެދުނީ ރާއްޖޭގެ އެންމެ ރީތީ ރާޅު ސްޕޮޓްތަކުގައި ސާފްކުރަން ފުރުސަތު ވެސް ލިބުމާއި އެކު އެވެ.
އޭރުވެސް މުބާރާތެއްގައި ބައިވެރިވެ ރަންވަނަތަކެއް ހޯދުމަކީ ސްމައިލީ ފަދަ ޒުވާނަކަށް ކުލަޖެއްސޭނެކަމުގެ އުންމީދު ކުޑަ ހުވަފެނެކެވެ. ރާޢްޖޭގެ ކުޅިވަރުތަކުގެ މައި ހަބަކީ އެހެން ހުރިހާކަމެއްވެސް އެތަނަކަށް ބަރޯސާވެފައިއޮތް ވެރިރަށް މާލެ އެވެ. ގައްދޫއަކީ މިފަދަ ކުޅިވަރެއް މާބޮޑަށް ތަރައްގީވެފައި ތަނަކަށް ނުވުމާއިއެކު، ރާޅާއަޅަން ކިތަންމެ ބޭނުންވިޔަސް، ގުޅަންވީ ކާކަށްތޯ، އެހީއަކަށް އެދެންވީ ކޮން ފަރާތެއްގައިތޯ ނުވަތަ ކުޑަމިނުން ރާޅާއަޅާނޭ އަމިއްލަ ބޯޑެއް ހޯދުން ވެފައިވަނީ ވެސް އެހާމެ އުނދަގޫބޮޑު ދަތި މަސައްކަތަކަށެވެ.
"ރަށުގައި ހުރެގެން ކުރީގައި ވަރަށް އުނދަގޫވި މިކަންކުރަން. ބޯޑެއް ވެސް ނުލިބޭ މިހިސާބަށް. މީހަކާއި ކޮންޓެކްޓް ކުރާނެ ގޮތެއްވެސް ނެތް. ގެސްޓެއްގެ އަތުން ބިންދައިން ދާ ބޯޑެއް ލިބޭނީ. އެންމެ ފުރަތަމަ އެންމެން ޝެއާކުރީ އެއް ބޯޑު. އެކަމަކު މިހާރު އެކަހަލަ އެއްވެސް ދަތިކަމެއް ނެތް. ހުރިހާކަމެއްވެސް ފަސޭހަވެއްޖެ" ސްމައިލީ ކިޔައިދިނެވެ.
ސްމައިލީއާއި އެކީ ގައްދޫގައި ރާޅާ އަޅާ 20 ވަރަކަށް ޒުވާނުން މިހާރު އުޅެ އެވެ. އެންމެންނަކީ ވެސް ދާދި އެކުއެކީގައި އުޅެބޮޑުވި ބަޔަކަށްވާއިރު، ރާއްޖޭގެ ގައުމީ ޓީމުން ސްމައިލީ އަށް ލިބުނު ޖާގައިން މި ހުރިހާ އެންމެންގެ ވެސް ހިތްވަރާއި އުންމީދު ގެނެސްދީފި އެވެ.
ރާޅާއެޅުމަކީ ކުޑައިރުއްސުރެ ސްމައިލީގެ އެންމެ ބޮޑު ހުވަފެނެވެ. އެހެންނަމަވެސް ރަސްމީ ގޮތެއްގައި މިކަން ކުރުމަށް އޭނާގެ މައިންބަފައިންވެސް އެންމެ ފުރަތަމަ ހިތްހަމައެއް ނުޖެހުނެވެ. ސަބަބަކަށްވީ މިއީ ހަރުދަނާގޮތެއްގައި އާމްދަނީ ލިބި ދިރިއުޅުން ކުރިއަށްގެންދެވޭނެ ކަމެއް ކަމުގައި އޭރު ނުފެންނާތީ އެވެ. އެހެންނަމަވެސް ސްމައިލީ ބުނާގޮތުން މި ހިޔާލު ބަދަލުވީ އޭނާގެ ބޭބެ ސާފް ގައިޑެއްގެ ވަޒީފާއަކަށްދާން ފެށުމުންނެވެ.
މިދާއިރާގައި ސްމައިލީ މަސައްކަތްކުރާތާ މިހާރު އަށް އަހަރުވެފައިވާ އިރު ފާއިތުވި ފަސް އަހަރު އޭނާ މަސައްކަތްކުރަމުން ދަނީ ބޮޑުރަންފުށީ ރިސޯޓްގައި ސާފް ގައިޑެއްގެ ގޮތުގަ އެވެ. ގައުމީ ޓީމްގެ ޕްރެކްޓިސްތަކަށް ފުރިހަމައަށް ދިޔުމުގެ އިތުރަށް ވަޒީފާ އާއި އެހެނިހެން ވަގުތުތަކުގައި ޕްރެކްޓިސްތައް މެނޭޖްކުރަނީ އަމިއްލައަށްކަމަށް ސްމައިލީ ބުންޏެވެ.
މާލެއާއި ކިތަންމެ ދުރުގައި އުޅުނަސް، ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި ކޮންމެހެން މުހިންމީ އެމީހަކު ހުންނަ ރަށެއް އަތޮޅެއް ނޫނެވެ. އެމީހެއްގެ ހިތްވަރާއި އުންމީދެވެ. ސްމައިލީ މިއަދު ބޭނުންވަނީ އަތޮޅުތަކުގައި ތިބި ރާޅާއެޅުމަށް ޝައުގުވެރިވާ ހުރިހާ ކުދީންނަށް މިކަން ދަސްކޮށްދީ އެކުދިންނަށް ކުރިއެރުން ހޯދުމަށެވެ.