ހިޔާ ފްލެޓުތަކުގެ މަސައްކަތް ނިމޭނީ މިއަހަރު ފަހުކޮޅަށް: އެޗްޑީސީ

ފެބްރުއަރީ 23، 2020: ހުޅުމާލޭގައި ހަދަމުންދާ ހިޔާ މަސްރޫއުގެ ފްލެޓްތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދާ ހިޔާ މަޝްރޫއުގެ ފްލެޓުތަކުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި އެ މަސައްކަތް މިއަހަރުގެ ފަހުކޮޅަށް ނިމޭނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މިއަދު "ސަން" އަށް ވިދާޅުވީ ފްލެޓުތަކުގެ ސްޓްރަކްޗާ މަސައްކަތް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ އެތެރޭގެ މަސައްކަތް ކަމަށެވެ.

"މިހާރު ކުރިއަށްދަނީ ފްލެޓްތަކުގެ އެތެރޭގެ މަސައްކަތްތައް. އަޅުގަނޑުމެން ލަފާ މިކުރަނީ ކުރިން ވެސް ލަފާކުރިގޮތަށް މި އަހަރުގެ ފަހުކޮޅަށް ފްލެޓްތަކުގެ އަމަލީ މަސައްކަތް ނިންމާލެވޭނެ ކަމަށް،" ސުހައިލް ވިދާޅުވިއެވެ.

ފްލެޓުތަކާ ގުޅޭޭގޮތުން ހައުސިން މިނިސްޓަރު އާމިނަތު އާތިފާ މިއަދު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމެޓީގައި ވަހަކަ ދައްކަވަމުން ވިދާޅުވީ ފްލެޓު ލިބޭ މީހުންގެ ލިސްޓު ފައިނަލް ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި ޖުލައި މަސް ނިމޭއިރު ފްލެޓު ލިސްޓު ފައިނަލް ކުރެވޭނެ ކަމަށެވެ.

ކުރީ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަންފެށި ހިޔާ މަޝްރޫއުގެ ދަށުން 7،000 ހައުސިން ޔުނިޓުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީ) އިންނެވެ. މި މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އަޅާފައިވެ އެވެ.

ހިޔާ މަޝްރޫއުގެ ފްލެޓު ހޯދުމަށް 22،000 މީހަކު ހުށަހަޅާފައިވާއިރު ކުރީ ސަރުކާރު ނިމުމުގެ ކުރިން ފްލެޓު ލިބޭ މީހުންގެ ލިސްޓު ވަނީ އާންމުކޮށްފަ އެވެ. ނަމަވެސް ފްލެޓު ދިނުމުގައި ކޮރަޕްޝަން އެކުލެވޭކަމަށް ތުހުމަތުކޮށް ހިޔާ ފްލެޓުތައް ދީފައިވާގޮތް ބެލުމަށް ވަނީ ކޮމެޓީ އެއް އެކުލަވާލައިފަ އެވެ. ފްލެޓު ކޮމެޓީ ގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދީފައިވަނީ އެންމެ ފަހަރަކު އެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓުތައް އޭގެ ހައްގުވެރިންނާ މިއަހަރު ހަވާލު ކުރައްވާނެ ކަމަށެވެ. އަދި ފްލެޓު ދޭނީ ކުރީ ސަރުކާރުގެ ލިސްޓަށް ކަމަށްވެސް ރައީސް ވަނީ ފަހުން ވިދާޅުވެފަ އެވެ.

މަޖިލީހުގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އާތިފާ މިއަދު ވިދާޅުވީ މިހާރު ކުރިއަށްދަނީ ފްލެޓުތަކާ ގުޅޭ ފައިނޭންޝަލް ގެރެންޓީސްތަކުގެ މަސައްކަތްކަމަށެވެ.

ކޮމެޓީ ބައްދަލުވުމުގައި، ހިޔާ މަޝްރޫއުގެ ފްލެޓު ދޫކުރަން ފެށޭނެ މުއްދަތތަކީ ކޮބައިތޯ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލް ހަކީމް ސުވާލު ކުރެއްވުމުން މިނިސްޓަރު ވަނީ ހިޔާ މަޝްރޫއުގެ ފްލެޓުތައް ޖުލައި މަސް ނިމޭއިރު ހަވާލުކުރަން ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު އެކްސްޕެކްޓު ކުރަން ހުޅުވިގެން މަސައްކަތް ފަށައިގަނެވިއްޖެެ ކަމަށް ވަންޏާ ޖުލައި މަސް ނިމޭއިރު ހަވާލު ކުރެވެނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް