ހާލަތު ބަދަލުވިހާ އަވަހަކަށް މާވާރުލު އެއާޕޯޓު ހުޅުވާނެ

މާވާރުލު އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސުން -- ފޮޓޯ: މޯލްޑިވިއަން

ކޮވިޑް19 ގެ ހާލަތު ބަދަލުވިހާ އަވަހަކަށް ގދ މާވާރުލު އެއާޕޯޓު ހުޅުވާ، ދަތުރުތައް ފެށޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީ އިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމެޓީގައި މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަހުމަދު ޒުހައިރު ރޭ ވިދާޅުވީ ޓޫރިޒަމަށް ރާއްޖެ ހުޅުވާލާއިރު، މާވާރުލު އެއާޕޯޓުވެސް ހުޅުވޭނެ ކަމަށެވެ.

އެއާޕޯޓަށް ޓެސްޓު ފްލައިޓުވެސް ޖައްސާފައިވާކަން ފާހަގަކޮށް ޒުހައިރު ވިދާޅުވީ ކޮވިޑް19 އާއި ގުޅިގެން އެ އެއާޕޯޓަށް މުވައްޒަފުން ނެގުން މަޑުޖެހިފައިވާ ކަމަށެވެ.

ނަމަވެސް މިހާލަތުގައި ފްލައިޓު އޮޕަރޭޝަންތައް މަދުވެފައިވާތީ، އެއާޕޯޓުގެ އޮޕަރޭޝަންތައް ފަށާއިރު އެހެން އެއާޕޯޓުތަކުން މުވައްޒަފުން ގެނެސްގެންވެސް މާވާރުލު އެއާޕޯޓުގެެ އޮޕަރޭޝަންތައް ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ކުރިއަށް ދަނީއެއާޕޯޓުގެ ރެސްޓޯރެންޓާއި ފަސިންޖަރުންގެ ޖެޓީގެ މަސައްކަތް ކަމަށް ޒުހައިރު ވިދާޅުވި އެވެ.

މާވާރުލު އެއާޕޯޓު -- ފޮޓޯ: އެމްޓީސީސީ

މާވާރުލު އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސީ މާޗު 11 ވަނަ ދުވަހު އެވެ. އެންމެ ފުރަތަމަ ނިންމާފައި އޮތީ މާޗު 20 އިން ފެށިގެން އެ އެއާޕޯޓުގެ އޮޕަރޭޝަންތައް ފެށުމަށެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ތިން ފަހަރެއްގެ މަތިން ވަނީ ދަތުރުތައް ފެށުން ފަސްކޮށްފަ އެވެ.

މާވާރުލުގައި އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރުގެ ޖޫން މަހު އެވެ. އެ އެއާޕޯޓްގެ ރަންވޭ އާއި ޓެކްސީވޭ އަދި ފަސިންޖާ ޖެޓީގެ މަސައްކަތް ކުރީ އެމްޓީސީސީ އިންނެވެ. ޖުމްލަ 1.2 ކިލޯ މީޓަރުގެ ރަންވޭ އަކާއެކު ތަރައްގީ ކުރާ މި އެއާޕޯޓުގެ މަސައްކަތްމި އަހަރުގެ ކުރީކޮޅު ނިންމާ ދަތުރު ފެށޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ގދ. މާވާރުލުގެ އިތުރުން އެ އަތޮޅު ފަރެސްމާތޮޑާގައި ވެސް އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ސަރުކާރުގެ އަމާޒަކީ މީހުން ދިރިއުޅޭ ރަށަކުން ފުރައިގެން ސްޕީޑް ލޯންޗުގައި 30 މިނެޓުން ދެވޭ ސަރަހައްދުތަކުގައި އެއާޕޯޓުތައް ތަރައްގީ ކުރުމެވެ.

comment ކޮމެންޓް