"އެހެނަސް" ޓްރެއިލާ ތަފާތު، ސީޒަން ދޭއް މި މަހު ދައްކަނީ

އެހެނަސް ގެ ތަރިން---

ވާހަކަލިޔުންތެރިޔާ އަހްމަދު އިގްބާލް (އައިކިއު)ގެ ވާހަކަ "އެހެނަސް ހަމަ ލޯބިވޭ"ގެ މައްޗަށް އުފައްދާފައިވާ ސީރީޒް "އެހެނަސް"ގެ ދެވަނަ ސީޒަންގެ ޓްރެއިލާ ދައްކާލައިފިއެވެ.

މިއަދު އެ ސީރީޒްގެ ޓްރެއިލާ ދައްކާލުމާއެކު ބެލުންތެރިންގެ ދިގު އިންތިޒާރަށް ވަނީ ނިމުމެއް އައިސްފައެވެ. ޓްރެއިލާ ރިލީޒްކުރިއިރު ވަނީ ސީރީޒް ދައްކާނެ ތާރީޚުވެސް އާންމުކޮށްފައެވެ. މި މަހު 18 ވަނަ ދުވަހު އެހެނަސްގެ ދެވަނަ ސީޒަން ބައިސްކޯފުން ސްޓްރީމްކުރަން ފަށާއިރު މިއަދު ރިލީޒްކުރި ޓްރެއިލާ އިންވެސް ދެވަނަ ސީޒަން ތަފާތުވާނެކަން ހާމަވެއެވެ. އާ ތަރިންތަކެއް ސީރީޒްގެ ޓްރެއިލާއިން ފެނިގެންދިޔައިރު ހިތަށް އަސަރުކުރުވާ ފަދަ ކަންތައްތަކެއް ވެސް މި ޓްރެއިލާއިން ވަނީ ފެނިގެން ގޮއްސައެވެ.

ބައިސްކޯފު އެޕްލިކޭޝަނުން ދައްކާ އެހެނަސް އަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ސީރީޒްއެކެވެ. ބުލީކުރުމަށް މީހުން ހޭލުންތެރި ކުރުވުމުގެ މަގްސަދުގައި އުފެއްދި އެ ސީރީޒް ޑައިރެކްޓްކުރީ ރަވީ ފާރޫގެވެ.

"މި ސީރީޒް އަކީ ރަނޑު ފިރިހެން ކުއްޖެއްގެ ހަޔާތުގައި ދިމާވާ ކަންތައްތަކެއް ގެނެސްދޭނެ ސީރީޒްއެއް. ޖިންސީ ގޯނާއާއި ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ ކުއްޖެއްގެ ވާހަކަ. އޭނާ ދިރިއުޅުމެއް ފަށައިގެން ދިމާވާ ކަންތައްތައް ފެނިގެންދާނެ،" ރަވީ މީގެ ކުރިން ވަނީ ބުނެފައެވެ.

އެހެނަސްގެ ފުރަތަމަ ބަޔަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައިރު އެ ސީޒަންގެ ފަހު އެޕިސޯޑް ނިމިގެންދިޔައީ ބެލުންތެރިން ހައިރާންކޮށްލާފައެވެ. ބެލުންތެރިންގެ ހިތުގައި އެތައް ސުވާލުތަކެއް އުފައްދާފައެވެ. ރިޝްމީއާއި ނިޔާ ކައިވެނިކޮށްގެންނެވެ. މި ސީޒަންގައި ރިޝްމީ މުހިއްމު ރޯލެއް އަދާކުރާނެކަން ދެވަނަ ބައި ޓްރެއިލާއިން ވެސް ހާމަވެގެންދެއެވެ.

އެހެނަސްގެ ތަރި ނިޔާޒް އާއި ޝާއިރާގެ ރޯލުން ފެނިގެންދާ ބަތަލާ ރިޝްމީ---

"އެހެނަސް" އަންނާނީ ކޮންއިރަކުންތޯ ސުވާލުކުރި މީހުންނަށް ސީރީޒްގެ ޓީމުން މި ވަނީ ޖަވާބެއް ދީފައެވެ. އެހެނަސް ބަލަން ކެތްމަދުވެފައި ތިބި މީހުންނަށް ދެން ޖެހޭނީ ކުޑަ ކުޑަ އިންތިޒާރެއްކޮށްލާށެވެ. ހަމަގައިމުވެސް ދެވަނަ ބައި ފުރަތަމަ ބަޔަށް ވުރެ މާ ފުރިހަމަވެފައި ރީތިވާނެއެވެ. އެހެނަސްގެ ޓީމުން ބެލުންތެރިން މާޔޫސް ނުކޮށްލާނެކަން ގައިމެވެ. މި މަހު 18 އަށް އިންތިޒާރުކުރާށެވެ.

comment ކޮމެންޓް