12 ގަޑިއިރު ތެރޭ 21,653 ހުއްދަ ދޫކޮށްފި

ޖޫން 1، 2020: ނިއު ނޯމަލްގެ ފުރަތަމަ މަރުހަލާ ފެށުމާއިއެކު މާލޭ މަގުތަށް ބާރުބޮޑުުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕޮލިސް އޮންލައިން ޕޯޓަލް މެދުވެރިކޮށް ބިޒްނަސް ޕާމިޓަށް އެދުމުގެ ފުރުސަތު ހުޅުވާލިތާ 12 ގަޑިއިރުގެ ތެރޭގައި 21,653 ހުއްދަ ދޫކޮށްފައިވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ޕޯޓަލް މެދިވެރިިކޮށް ހުއްދައަށް އެދުމުގެ ފުރުސަތު ހުޅުވާލީ އިއްޔެ ހަވީރުއެވެ. މާލޭ ސަރަހައްދުގެ އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއި ދިނުމާ ގުޅިގެން، ފުލުހުން ހުއްދަ ދޫކުރަމުން އައި އުސޫލަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

ސީޕީ ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ލުއިތަކާ ގުޅިގެން ފާއިތުވި 12 ގަޑިއިރުގެ ތެރޭގައި ފުލުހުންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް، 1927 ވިޔަފާރިއަކަށް 21,653 ހުއްދައެއް ޖެނެރޭޓްކޮށް، ދޫކޮށްފައިވާ ކަމަށެވެ.

ސީޕީ ވިދާޅުވީ އެ ހުއްދަތަކާ އެކު، މިހާރު ގްރޭޓާ މާލެ ސަރަހައްދުގައި އިގްތިސޯދީ މަސައްކަތްތައް ކުރިއަށް ގެންދަން، އިތުރު 11،826 މީހަކަށް މަގުތަކަށް ނުކުތުމުގެ ހުއްދަ ދެވިފައިވާ ކަމަށެވެ.

ވިޔަފާރިތަކަށް ފުލުހުން ހުއްދަ ދޫކުރަމުން އަންނަނީ އިކޮނޮމިކް މިނިސްޓްރީން ކަަނޑައަޅާފައިވާ މިންގަނޑަށް ފެތޭ އެޕްލިިކޭޝަންތަކަށެވެ.

ފިޔަވަހިތަކަކަށް ބަހާަލައިގެން ފުރަބަންދަށް ލުއި ދޭއިރު، ފުރަތަމަ ފިޔަވަހީގައި މާލެ ސިޓީގައި ވިޔަފާރިކުރުމާއި އާމްދަނީ ލިބޭ ޒާތުގެ ތަފާތު މަސައްކަތްތައް ކުރުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭނީ ސިޓީ ކައުންސިލްގެ ޕޯޓަލް އަށެވެ. ސިޓީ ކައުންސިލަށް ހުށަހެޅުމުން ހުއްދަ ދޭނީ ފުލުހުންނެވެ.

މާލޭ ސަރަހައްދުގެ އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއި ދިނުމުން، މިހާރު ޝޮޕިން ޕާމިޓް ދޫކުރުމަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މާލޭގެ ކޮންމެ ހިސާބަކަށްވެސް ދެވޭ ގޮތަށް ކޮންމެ ގޭބިސީއަކަށް ވިޔަފާރިކުރަން ތިން ޝޮޕިން ޕާމިޓް މިހާރު އަންނަނީ ދޫކުރަމުންނެވެ.

ގެއަކަށް ތިން ޝޮޕިން ޕާމިޓު ދޫކުރަމުން އަންނަ އިރު، އެ ޕާމިޓް ބޭނުންކޮށްގެން ދެ ގަޑިއިރު ބޭރުގައި އުޅެވޭނެއެވެ.

comment ކޮމެންޓް