ފަހުގެ ޓެސްޓްތަކުން ޕޮޒިޓިވް ނަތީޖާ އައީ ޓޮޓެންހަމުން އެކަނި

ޓޮޓެންހަމް އާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އެޕީ

އިނގިރޭސި ޕްރިމިއާ ލީގު އަލުން ފަަށަން އަންނަ މަހަށް ތާވަލުކޮށްފައިވާއިރު، އެންމެ ފަހުން ނެގި ސާމްޕަލްތަކުގެ ތެރެއިން ހަމައެކަނި ކޮވިޑް-19 އަށް ޕޮޒިޓިވް ނަތީޖާއެއް އައިސްފައިވަނީ ޓޮޓެންހަމް އިން ކަމަށް ލީގުން ބުނެފި އެވެ.

ކޮވިޑް-19ގެ މެދުކެނޑުމަށް ފަހު އަލުން ޕްރިމިއާ ލީގު ފަށަން ނިންމާފައިވަނީ އަންނަ މަހު 17 ގަ އެވެ. ލީގަށް ތައްޔާރުވުމުގެ ގޮތުން ކުލަބުތަކުން އައު ފެށުމަކާއެކު ޕްރެކްޓިސްތައް ފެށި ނަމަވެސް އަދިވެސް ހަރުކަށި ބައެއް ލޮކްޑައުންގެ ފިޔަވަޅުތައް އޮތުމާއެކު ގިނަ ކަންތައްތަކެއް ވަނީ ފުރިހަމަ ކުރަން ޖެހިފަ އެވެ.

އެގޮތުން ކުލަބުތަކުގެ ކުޅުންތެރިންނާއި، އޮފިޝަލުން ގަވާއިދުން ވައިރަހަށް ޓެސްޓް ކުރަން ޖެހޭ އިރު އެންމެ ފަހުން ސާމްޕަލް ނެގި 1197 ކުޅުންތެރިންނާއި، އޮފިޝަލުންގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ އެންމެ ސާމްޕަލް އެކެވެ. އެ ސާމްޕަލް އަކީ ޓޮޓެންހަމުގެ ކުޅުންތެރިންނާއި، އޮފިޝަލުންގެ ތެރެއިން އެކަކުގެ ސާމްޕަލްކަމަށް ޕްރިމިއާ ލީގުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.

އެކަމަކު އެއީ ކާކު ކަމެއް އެ ބަޔާނުގައި ބުނެފައި ނުވާ އިރު، ޓޮޓެންހަމުން ވެސް ވަނީ އެ ޓީމަށް ނިސްބަތްވާ މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވާކަން ޔަގީންކޮށްދީފަ އެވެ.

"ކުލަބުގެ ޓްރެއިނިންގް ސެންޓަރުގައި އެންމެ ފަހުން ނެގި ޓެސްޓްތަކުގެ ތެރެއިން އެކަކުގެ ނަތީޖާ ޕޮޒިޓިވް ވުމުން ޕްރިމިއާ ލީގަށް މިހާރު ވާނީ އެކަން އަންގާފައި. އެކަމަކު ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އެމީހަކީ ކާކުކަމެއް ހާމަކުރެވޭކަށް މިވަގުތު ނެތް،" ޓޮޓެންހަމުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މިއީ މިހާތަނަށް ޕްރިމިއާ ލީގަށް ނިސްބަތްވާ ކުޅުންތެރިންނާއި، އޮފިޝަލުންނަށް ހާއްސަކޮށްގެން ނެގި ހަތަރުވަނަ ޓެސްޓް ސާމްޕަލް އެވެ. އެންމެ ފަހުން ފަަހަރު ނެގި ހުރިހާ ސާމްޕަލްއެއްގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ ހަ މީހެއްގެ ނަތީޖާ އެވެ.

މާޗު މަހުގެ އަށްވަނަ ދުވަހު ޕްރިމިއާ ލީގު ކުޅުން ހުއްޓާލިއިރު، ލީގުގައި ވާދަކުރާ 20 ޓީމުގެ ތެރެއިން 16 ޓީމަކަށް ބާކީ އޮތީ 9 މެޗެވެ. ދެން އޮތް 4 ޓީމަށް 10 މެޗު އެބައޮތެވެ.

ލީގުގެ އެއް ވަނައިގައި ލިވަޕޫލް 25 ޕޮއިންޓުގެ ލީޑަކާ އެކު އޮތްއިރު، 30 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލީގުގެ ތަށި އުފުލާލަން އެ ޓީމަށް ބޭނުންވަނީ ދެ މޮޅެވެ. އެކަމަކު ލީގު ފުރަތަމަ ފަށާއިރު ސިޓީ އަތުން އާސެނަލް މޮޅުވެ، ލިވަޕޫލް ކުޅޭ މެޗުން އެ ޓީމު އެވަޓަން ބަލިކޮށްފިނަމަ ލީގު ޗެމްޕިއަން ޔަގީންވާނެ އެވެ.

comment ކޮމެންޓް