ޖިމްނާސިއާގެ އެއްބަސްވުން މަރަޑޯނާ އިތުރު ކޮށްފި

އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާ -- ފޮޓޯ/ އޭޕީ

އާޖެންޓީނާއަށް ކުރިން ވޯލްޑް ކަޕު އުފުލާލަދިން ޑިއޭގޯ މަރަޑޯނާ އެގައުމުގެ ކުލަބެއް ކަމަށްވާ ޖިމްނާސިއާ އެސްގްރިމާ ލަ ޕަލްޓާއާއި އެކު ހަދާފައިވާ އެއްބަސްވުން އިތުރު ކޮށްފި އެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ މަރެޑޯނާ ފުޓުބޯޅަ ކުޅުން ހުއްޓާލުމަށްފަހު ފެށި ކޯޗިންގް ކެރިއަރުގައި މިހާތަނަށް އެދެވޭ ނަތީޖާތަކެއް ނެރެވިފައެއް ނުވެ އެވެ. އޭނާ ފުރަތަމަ ބޮޑު ޓީމަކަށް 2008 ވަނަ އަހަރު އާޖެންޓީނާގެ ގައުމީ ޓީމާއި ހަވާލުވުމަށްފަހު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އެ ޓީމު ވެސް ވަނީ ހިތްދަތި ގޮތަކަށް މުބާރާތުން ކަޓައިފަ އެވެ.

އޭގެ ފަހުން ވެސް މެކްސިކޯއާއި އާޖެންޓީނާގެ އެކި ކުލަބުތަކަށް އޭނާ ކޯޗުކަން ކޮށްދިން އިރު މާ ރަނގަޅު ނަތީޖާތަކެއް ނެރެވިފައެއް ނުވެއެވެ.

މަރަޑޯނާ، 58 މިދިޔަ އަހަރުގެ ކުރީކޮޅު ކޯޗުކަން ކޮށްދިން މެކްސިކޯގެ ޑޮރަޑޯސް ވެސް އޭނާގެ ކޯޗުކަމުގައި ވަނީ ރެލިގޭޓް ވެފަ އެވެ. މަރަޑޯނާ އެ ޓީމުގެ ކޯޗު ކަމާ ހަވާލުވެ ހުރި ނަމަވެސް ސިއްހީ ހާލަތު ގޯސްވުމުން އޭނާއަށް ވަނީ ގިނަ މެޗުތަކެއް ގެއްލިފަ އެވެ.

އެއަށްފަހު އާޖެންޓީނާގެ ޖިމްނާސިއާގެ ކޯޗު ކަމާއި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މަރަޑޯނާ ހަވާލުވީ އެކުލަބު ނަގައި ކޮޅަށް ޖަހާނެ ކަމަށް ވައުދު ވަމުންނެވެ. އޭގެ ދެ މަސްފަހު މަރަޑޯނާ ވަނީ އެ ޓީމުގެ ކޯޗު ކަމުން އިސްތިއުފާ ދީފަ އެވެ. އެކަމަކު ދެދުވަސް ފަހުން އޭނާ ވަނީ އަނެއްކާވެސް އެ ޓީމުގެ ކޯޗުިކަމާ ހަވާލުވެފަ އެވެ.

ޖިމްނާސިއާއިން ކުރި ޓްވީޓެއްގައި ބުނީ މަރަޑޯނާ ގެ ހިތަކީ އެކުލަބު ފަދައިން ނުލާއި، ހުދުން ވާ ހިތެއް ކަމަށެވެ. އަދި 2021 އާއި ހަމައަށް އޭނާގެ ކޯޗިންގް ކޮންޓްރެކްޓް އިތުރު ކޮށްފައިވާ ކަމަށް އެ ކުލަބުން ވަނީ އިއުލާން ކޮށްފަ އެވެ.

comment ކޮމެންޓް