ޖޯޖް ފްލޮއިޑްގެ ދިފާއުގައި ބަޔާން މިއުނިކުން ނިކުންނަނީ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ޖާގައެއް ކަށަވަރު ކުރުމަށް ފަހު، ބަޔާންގެ ކުޅުންތެރިން އުފާފާޅު ކުރަނީ: ރޭ ކުޅުނު މެޗުގައި ބަޔާނުން ވަނީ ސެލްޓިކް އަތުން 2-1 ލަނޑުގެ ނަތީޖާ އަކުން މޮޅުވެފައި --- ފޮޓޯ/ އޭޕީ

އެމެރިކާގެ މިނެސޯޓާ ސްޓޭޓްގެ ސިޓީއެއް ކަމަށްވާ މިނިއާޕޮލިސް ގެ ފުލުހުން ވަރަށް އަނިޔާވެރި ގޮތަކަށް މަރާލައިފައިވާ ޖޯޖް ފްލޮއިޑްގެ ދިފާއުގައި އަޑު އުފުލުމަށް ޖަރުމަނުގެ ބަޔާން މިއުނިކުން ނިންމައިފި އެވެ.

ކަޅު ނަސްލުގެ މީހެއްގެ ކަމަށްވާ ޖޯޖް ފްލޮއިޑް 46، ފުލުހުން ހައްޔަރު ކުރުމުގެ ތެރޭގައި މަރުވި މައްސަލަ ހޫނުވެ، އެމެރިކާގެ ގިނަ ސްޓޭޓްތަކެއްގައި މިހާރު ދަނީ ހަމަނުޖެހުންތަކެއް ހިނގަމުންނެވެ. އެ ހަމަނުޖެހުންތަކުގެ ތެރޭގައި އާއްމުންނާއި ފުލުހުންނާއި ދެމެދުގައި ވެސް ކުރިމަތިލުންތަކެއް ހިނގާފައިވާ އިރު ފްލޮއިޑަށް އިންސާފު ހޯދުމަށް ގޮވާލާ އަޑު ދުވަހަކަށް ވުރެން ދުވަހެއް ދަނީ އިތުރުވަމުންނެވެ.

ފްލޮއިޑްގެ މަރުގެ ތަހުގީގު ބާރު ސްޕީޑުގައި މިހާރު ކުރިއަށްދާ އިރު އޭނާ މަރުވި ގޮތް ޔަގީން ކުރުމަށް ހެދި އޮޓޮޕްސީ ރިޕޯޓް މިހާރު ވަނީ އާއްމުކޮށްފަ އެވެ. އެ ރިޕޯޓުގައި ވާގޮތުން ފްލޮއިޑް މަރުވީ ފުލުސް މީހާ އޭނާގެ ކަރަށް ކަކުލުން އަރައި ފިއްތައިގެން ހުރުމުން ސިކުނޑި އަށް އޮކްސިޖަން ނުލިބި، ނޭވާ ހާސްވެގެންނެވެ.

ފްލޮއިޑްގެ ދިފާއުގައި އަޑު އުފުލަމުންދާ މީހުންނާއި އެއްބައި ކިޔައި ގިނަ އަދަދެއްގެ ފުޓުބޯޅަ ތަރިންތަކެއް ވެސް މިހާރު ވަނީ އޭނާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައިފަ އެވެ. އެގޮތުން ޖަރުމަނުގެ ބުންޑެސްލީގާގައި ކުރީ ރޭ ކުޅުނު މެޗުތަކުގައި ލަނޑު ޖެހުމަށްފަހު ސެލަބްރޭޝަންގައި ކުޅުންތެރިން ވަނީ ފްލޮއިޑްއަށް އިންސާފު ހޯދައިދިނުމަށް އެދިފަ އެވެ.

ކުޅުންތެރިން މިކަމުގައި ދައްކަމުންދާ ނަމޫނާ ފެނި ފުޓުބޯޅައާއި ބެހޭ މައި އިދާރާ (ފީފާ) އިން ވެސް ވަނީ އެކަމަކަށް ތާއީދުކޮށް ހިތްވަރު ދީފަ އެވެ.

އަދި އެހެންމެ އެ ލީގުގައި ވާދަކުރާ ބަޔާން މިއުނިކުގެ ހުރިހާ ކުޅުންތެރިން ވެސް ކުރިއަށް އޮތް ބަޔާ ލެވަކޫޒަން މެޗުގައި ޖޯޖް ފްލޮއިޑަށް އިންސާފު ހޯދައިދިނުމަށް އެދި އަޑު އުފުލުމަށް ވަނީ ނިންމާފަ އެވެ.

އެގޮތުން އެ ޓީމުގެ ވިންގަކަށް ކުޅެމުން އަންނަ ޖޮޝުއާ ކިމިޗް ބުނީ، ކުރިއަށް އޮތް މެޗުގެ ކުރިން ބަޔާންގެ ކުޅުންތެރިންގެ ފަރާތުން ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް ގޮވާލައި އަޑު އުފުލާނެ ކަމަށެވެ.

"މިޒަމާނުގައި ފުޓުބޯޅަ ކުޅުންތެރިޔަކަށް ވުމަކީ ބޮޑު ޒިންމާއެއް ބޮލުގައި އެޅޭ ކަމެއް. ވަރަށް ގިނަ ބަޔަކު ފޮލޯ ކުރާ ބައެެއް. އެހެންވީމަ ކުޅުންތެރިން ދޭ މެސެޖަކީ ވަރަށް ގިނަ ބަޔަކު ގަބޫލުކުރާނެ ކަމެއް،" ކިމިޗް ބުންޏެވެ.

ކިމިޗް ބުނީ، ސަންޗޯއާއި، ތުރަމް ފަދަ ކުޅުންތެރިން ދެއްކި ނަމޫނާ އަކީ ހުރިހާ އެންމެން ވެސް ބަލައިގަންނަން ޖެހޭ ކަމެއް ކަމަށެވެ. އަދި އެކަމުން މިސާލު ނަގައި ހުރިހާ ފުޓުބޯޅަ ކުޅުންތެރިން ވެސް މި ކަމުގައި ޝުއޫރު ފާޅުކޮށް އަޑު އުފުލުމަކީ މުހިއްމު ކަމެއް ކަމަށް ކިމިޗް ވަނީ ބުނެފަ އެވެ.

ފްލޮއިޑް ފުލުހުން ހައްޔަރުކޮށްފައި ވަނީ މިނެސޮޓާގެ މިނިއާޕޮލިސްގެ ފިހާރައެއްގެ ބޭރުންނެވެ. މެއި 25 ވަނަ ދުވަހު އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ފުރަގަހަށްވާ ގޮތަށް ބިޑިއަޅުވައި ބިން މައްޗަށް ވައްޓާލައި ބޭއްވުމަށް ފަހު ކަރަށް ފައިން އަރާފައި ވަނީ ޑެރެކް ޗައުވިން، 44، އެވެ.

އޭނާ ވަޒީފާ އިން ވަކިކޮށް މިހާރު ވަނީ މީހަކު މެރުމުގެ ދައުވާ އުފުލައިފަ އެވެ. އެކަމަކުގައި ބައިވެރިވި އަނެއް ތިން ފުލުހުންގެ މައްސަލަ ވެސް ދަނީ ބަލަމުންނެވެ.

comment ކޮމެންޓް