600 ޑޮކްޓަރުންނާއި ނަރުހުންނަށް ކްރިޓިކަލް ކެއާ ތަމްރީނު ދީފި

ޑރ. މޫސާ ހުސައިން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ރާއްޖޭގައި ތިބި 600 އެއްހާ ޑޮކްޓަރުންނާއި ނަރުހުން ކްރިޓިކަލް ކެއާއަށް ތަމްރީނުކުރުވާފައިވާ ކަމަށް އައިޖީއެމްއެޗް އިން ބުނެފިއެވެ.

މިއަދު ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. މޫސާ ހުސައިން ވިދާޅުވީ ކޮވިޑް19ގެ ބަލިމަޑުކަން ފެށުމާއެކު، ރާއްޖޭގައި ބަލި މެނޭޖުކުރަން ބޭނުންނަމަ، މުހިންމު ތިން ކަމަކަށް ވިސްނަންޖެހޭކަން ފާހަގަވި ކަމަށެވެ.

"މީގެތެރެއިން ފާހަގަކުރެވުނީ އަޅުގަނޑުމެންގެ ހިއުމަަން ރިސޯސް ކްރިޓިކަލް ކެއާގައި ވަރަށް ބޮޑަށް ދަށޭ. އޭގެ އިތުރަށް އަޅުގަނޑުމެންގެ އޮކްސިޖަން ކެޕޭސިޓީވެސް ދަށޭ. އަދި އަޅުގަނޑުމެންގެ ބައެއް ކަހަލަ ކްރިޓިކަލް އިކުއިޕްމަންޓްސް އެހެން ނޫނީ ވެންޓިލޭޓާޒް ވެސް މަދޭ،" ދރ. މޫސަ ވިދާޅުވިއެވެ.

ޑރ. މޫސަ ވިދާޅުވީ އެކަންކަން ފާހަގަކުރެވުނު ނަމަވެސް، މުޅި ދުނިޔޭގައި ކޮވިޑް19 ފެތުރި، ކްރިޓިކަލް ކެއާގެ މީހުންގެ ޑިމާންޑް ބޮޑުވެފައި އޮތް ދަނޑިވަޅެއްގައި، އެމީހުން ރެކްރޫޓު ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.

އެހެންކަމުން އައިޖީއެމްއެޗުން އަމާޒުހިފީ، ރާއްޖޭގައި ތިބި ޑޮކްޓަރުން ކްރިޓިކަލް ކެއާއަށް ތަމްރީނުކުރުމަށް ކަމަށެވެ.

"މިގޮތުން ރާއްޖޭގެ ހުރިހާ ފަންތިއެއްގެ ޑޮކްޓަރުން، ނަފްސާނީ ޑޮކްޓަރެއް ވިޔަސް، ލޮލުގެ ޑޮކްޓަރެއް ވިޔަސް، ކަށީގެ ޑޮކްޓަރެއް ވިޔަސް. މި ހުރިހާ އެންމެން ގެނެސް އަޅުގަނޑުމެން ބެލީ އެބޭފުޅުންނަށް ކްރިޓިކަލް ކެއާ ޓްރެއިނިން ހެދޭތޯ،" ޑޮކްޓަރު ވިދާޅުވިއެވެ.

ތަމްރީނު ދިނުމަށް ބޮޑު ޓީމެއް އެކުލަވާލީ އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ އިތުރުން އޭޑީކޭގެ ޑޮކްޓަރުންނާއި، ދެކުނު އެފްރިކާގެ ޓީމަކާ އަދި އެމެރިކާގެ ވެސް ޓީމެއްގެ އެހީތެރިކަމާއެކުއެވެ. ބޮޑު ޓީމަކާއެކު ކްރިޓިކަލް ކެއާގެ ތަމްރީނު ފެށީ މިދިޔަ މާޗު މަހުގެ މެދުތެރޭގައެވެ.

ޑރ. މޫސަ ވިދާޅުވީ ތަމްރީނުގައި ބޭނުންކުރީ ޑަބްލިއުއެޗްއޯގެ އާއި އެހެން ގައުމުތަކުގައި ވެސް ބޭނުންކުރާ މޮޑިއުލް ކަމަށެވެ. އެ މޮޑިއުލް ޑޮކްޓަރުންނާއި ނަރުހުންނަށް ފޮނުވުމަށްފަހު، އަމަލީ ތަޖުރިބާވެސް ދީފައިވެއެވެ.

"އެ ޕްރޮގްރާމުގައި ކޮންމެ ޑޮކްޓަރަކަށް ވެސް އިންޓިއުބޭޓްކޮށް ވެންޓިލޭޓާ ފެމިލިއަރައިޒް ކުރުމަށާއި ޕީޕީއީ ލާނެ ގޮތް ދަސްކޮށްދިނިން،" ޑރ. ވިދާޅުވިއެވެ.

ތަމްރީނު ޕްރޮގްރާމުގެ ދަށުން މާލެ އާއި ރީޖަނަލް ހޮސްޕިޓަލުތަކުގެ 601 ޑޮކްޓަރުންނާއި ނަރުހުންނަށް، ދެ ދުވަހުގެ ތަމްރީނެއް ދީފައި ވާއިރު، އައިޖީއެމްއެޗަށް ގެންގޮސް 11 ފަރާތަކަށް "ކޮމްޕްރިހެންސިވް ކްރިޓިކަލް ކެއާ" ތަމްރީނެއް ވެސް ވަނީ ދީފައެވެ.

ހަތް ދުވަހުގެ ކޮމްޕްރިހެންސިވް ކްރިޓިކަލް ކެއާ ޕްރޮގްރާމުގައި ތަމްރީނުކުރީ ފަސް ރީޖަނަލް ހޮސްޕިޓަލުގެ ހޭނައްތާ އަދި އެތެރެހަށީގެ ޑޮކްޓަރުންނެވެ. އެ ޑޮކްޓަރުންނަށް ތަމްރީނު ދީފައިވަނީ ކޮވިޑް ފެސިލިޓީތަކަށް ގެންގޮސްގެންނެވެ.

ޑރ. މޫސަ ވިދާޅުވީ މިހާރު އެއްވެސް ރަށެއްގައި ހާލަތެއް ދިމާވެއްޖެނަމަ، ޖެހިލުން ނުވެ، އެ ޑޮކްޓަރުންނަށް ބަލިމީހުންނަށް އެޓެންޑު ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން 78 ބައިވެރިންނަށް އަމާޒުކޮށް ވެބިނާއެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް