ރާއްޖޭގެ ތައުލީމީ ދާއިރާއަށް ލިބޭ ގެއްލުންތައް ކުޑަކުރަން ޔުނިސެފްއިން ބޮޑެތި އެހީތަކެއް

ޔުނިސެފުގެ އިސްބޭފުޅުން އެޑިއުކޭޝަން މިނިސްޓްރީގެ ބޭފުޅުންނާއެކު މިދިޔަ އަހަރޔ ބޭއްވި ބައްދަލުވުމުގެއް ތެރެއިން--- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖޭގެ ތައުލީމީ ދާއިރާއަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ޔުނިސެފްއިން ބޮޑެތި އެހީތަކެއް ފޯރުކޮށްދޭން ނިންމައިފި އެވެެ.

ކޮވިޑްއާ ގުޅިގެން ސްކޫލްތައް ބަންދުކުރަން ޖެހުމުން ޓެލެކްލާސްތައް ކުރިއަށް ގެންދިއުމުގައި ދިމާވަމުން އައި ދަތިތައް ހައްލުކުރުމަށް ޔުނިސެފުން ވަނީ ނޭޝަނަލް އިންސްޓިޓިއުޓް ފޮ އެޑިއުކޭޝަން-(އެންއައިއީ)ގައި ސްޓޫޑިއޯ ސެޓަޕެއް ގާއިމްކޮށްދީ އެކަމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ވެސް ފޯރުކޮށްދީފަ އެެވެ.

އޭގެ އިތުރުން ހުއްޓުމެއް ނެތި ދަރިވަރުންނަށް ތައުލީމު ފޯރުކޮށް ދިނުމަށްޓަކައި ޓީޗަރުންނަށް ބޭނުންވާ މައުލޫމާތާއި ތަމްރީނު ފޯރުކޮށްދިނުމަށްޓަކައި ޔުނިސެފުން މިހާރުވެސް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީން ބުންޏެވެ. މިހާރުވެސް މުދައްރިސުންނަށް އަމާޒުކޮށްގެން ޔުނިސެފުގެ އެހީތެރިކަމާއެކު ގޫގުލް ފޯ އެޑިޔުކޭޝަން ތަމްރީނު ޕްރޮގްރާމެއް ފެށިގެން ދަނީ ކުރިއަށް ގެންދަމުންނެވެ.

ރާއްޖޭގެ ތައުލީމީ ދާއިރާގެ މަޢުލޫމާތުގެ ނިޒާމު (މީމިސް) ޕޯޓަލަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވެސް ޔުނިސެފުން މިހާރު ދަނީ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

ކޮވިޑާ ގުޅިގެން ތައުލީމީ ދާއިރާއަށް ލިބޭ ގެއްލުންތައް ދިރާސާކޮށް އެކަމުން އަރައިގަތުމަށް ފަންނީ އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ ކޮންސަލްޓަންޓެއް ހޯދައިދިނުމަށްވެސް ޔުނިސެފްއިން މިހާރު ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެެ.

ދަރިވަރުންނާއި މުދައްރިސުންނަށް ނަފުސާނީ ގޮތުން ދިމާވާ މައްސަލަތަކަށް އެހީތެރިކަން ފޯރުކޮށް ދެއްވުމުގައި ވެސް ޔުނިސެފު އަންނަނީ ވަރަށް މުހިންމު ދައުރެއް އަދާކުރައްވަމުންނެވެ. އަދި އެއާއެކު ޅަފަތުގެ ތަޢުލީމުގެ މަރުހަލާގެ ދަރިވަރުންނަށް ހާއްސަކޮށްގެން މަޝްހޫރު ލިޔުންތެރިންގެ ފޮތްތައް ފޯރުކޮށް ދިނުމުގައި ވެސް ޔުނިސެފުން ދަނީ އެހީވަމުންނެެވެ.

ސްކޫލްތައް ބަންދުކުރިފަހުން މިހާރު ދެ މަހަަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ޓެލެކްލާސްތައް މެދުކެނޑިފައި އޮތުމަށްފަހު އެ ކްލާސްތައް ވަނީ ފަށައިފައެވެެ.

އަލުން ސްކޫލްތައް ފެށޭނެ ދުވަހެއް މިނިސްޓްރީން އަދި ހާމައެއް ނުކުރެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ ފުރަބަންދަށް ފަހު ސްކޫލްތައް އަލުން ހުޅުވާނީ، ދަރިވަރުންނަށް ރައްކާތެރިތޯ ކަށަވަރުކުރުމަށް ފަހު ކަމަށެވެ.

comment ކޮމެންޓް