ލަންކާއަށް ދާ ފަތުރުވެރިން ކަރަންޓީނު ނުކުރަން ނިންމައިފި

ލަންކާގެ މައްތަލަ އެއާޕޯޓެއްގައި މީހެއްގެ ހުން ހުރިތޯ ބަލަނީ -- ފޮޓޯ: ލަންކާ ޓުއަރިޒަމް ޑެވެލޮޕްމެންޓް އޮތޯރިޓީ

ކޮލަމްބޯ (ޖޫން 2): ސްރީލަންކާ ފަތުރުވެރިންނަށް ހުޅުވާލުމުން އެގައުމަށް ޗުއްޓީއަށް ދާ މީހުން ކަރަންޓީނު ނުކުރާނެ ކަމަށް ލަންކާގެ ޓުއަރިޒަމް އެންޑް އޭވިއޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ ސެކްރެޓަރީ ސިރިޕަލަ ހެޓިއަރަޗީ ވިދާޅުވި ގޮތުގައި ލަންކާއަށް ދާ ފަތުރުވެރިން ކަރަންޓީނު ނުކުރި ނަމަވެސް އެމީހުން އެގައުމަށް ދިޔުމުގެ ކުރިންނާއި ފަހުން ކޮވިޑް-19 ޖެހިފައިވޭތޯ ބެލުމަށް ޕީސީއާރު ޓެސްޓު ހަދަން ވާނެ އެވެ.

"ވިސާއަށް އެދޭ އިރު ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮންނަން ޖެހޭނެ. އަދި ލަންކާއަށް ވަނުމަށް ފަހު އިތުރު ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެ،" ހެޓިއަރުޗީ ވިދާޅުވި އެވެ.

މީގެ އިތުރުން ސިއްހީ އިދާރާތަކުން ކަނޑައަޅާފައިވާ ގަވާއިދުތަކަށް އަމަލު ކުރާ އަދި ކޮވިޑް-19ގެ ކޭސްތައް ނުފެންނަ ހޮޓެލްތައް ލަންކާ ޓުއަރިޒަމް ޑެވެލޮޕްމެންޓް އޮތޯރިޓީން ފާހަގަކޮށް، އެ ހޯޓެލްތަކަށް ސެޓްފިކެޓު ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލަންކާއިން މިހާރު ރާވާފައި އޮތީ ކޮރޯނާވައިރަހުގެ ސަބަބުން ހުއްޓުމަކަށް އައިސްފައިވާ އެގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތް އަންނަ އޮގަސްޓު މަހު ހުޅުވާލާށެވެ. ނަމަވެސް ފުރަތަމަ އެގައުމަށް ވަދެވޭނީ މަދު އަދަދެއްގެ ފަތުރުވެރިންނަށްކަން ފާހަގަކޮށްފަ އެވެ.

ލަންކާގައި މިހާތަނަށް 1،643 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން 823 މީހެއްގެ ބަލި ވަނީ ރަނގަޅުވެފަ އެވެ. އަދި އެގައުމުން ބަލި ޖެހިގެން 11 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް