ޑޮކްޓަރުންނާއި ނަރުހުން ކޮވިޑް-19 އަށް ޓެސްޓްކުރަނީ އެ ބައްޔަށް އަލާމާތެއް ފެނިއްޖެނަމަކަމަށް އައިޖީއެމްއެޗްއިން ބުނެފި އެެވެ.
އައިޖީއެމްއެޗުގެ ނޭވާލާ ނިޒާމުގެ ޑޮކްޓަރު ޑރ. މޫސާ ހުސައިން އަށް ކޮވިޑް19 ޖެހުނު ކަމަށް ބުނެ އަޑުތަކެއް ރޭ ވަނީ ފެތުރިފަ އެެވެ. ނަމަވެސް ޑރ. މޫސަ ވަނީ އެ ވާހަކަތައް ދޮގުކޮށް ކޮވިޑްއަށް މިހާތަނަށް ޓެސްޓްވެސްކޮށްފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ، އެފަދަ ކަމެއް އުޅޭ ނަމަ، އިސްވެ އެކަން ހާމަކުރާނެ ކަމަށެވެ.
އައިޖީއެމްއެޗްގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ ޑޮކްޓަރުން، ނަރުހުން އަދި ސިއްހީ ހިދުމަތްތެރިން ކޮވިޑް-19 އަށް ޓެސްޓް ކުރުމުގައި އަމަލު ކުރަން ވަކި އުސޫލެއް ކަނޑައަޅާފައި އޮންނަ ކަމަށެވެެ.
އެ އުސޫލުގެ ދަށުން ޓެސްޓްކުރަނީ ކޮވިޑް-19ގެ އެއްވެސް އަލާމާތެެއް ފެނި ނޫނީ ޕާސަނަލް ޕްރޮޓެކްޝަން އިކުއިޕްމަންޓް (ޕީޕީއީ) ބޭނުން ނުކޮށް ކޮވިޑް-19 ޖެހިފައިވާ މީހަކާ ކޮންޓެކްޓްވުން ފަދަ ހާލަތެއް އަތުވެއްޖެ ނަމަ އެވެ.
އޭގެ އިތުރުން ޕީޕީއީ އެޅުމުގައި ގެންގުޅެންޖެހޭ ހަމަތަކާއި އެއްގޮތަށް ބޭނުން ނުކުރެވިއްޖެ ހާލަތެއްވެސް ކޮވިޑްއަށް ޓެސްޓްކުރާނެކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ރެންޑަމްކޮށް" ސިއްހީ ހިދުމަތްތެރިން ޓެސްޓްނުކުރި ނަމަވެސް އެޗްޕީއޭއިން މިހާރު ނަގަމުންދާ ސަވައިލަންސް ސާމްޕަލިން އަށް އައިޖީއެމްއެޗްގެ ހޮސްޕިޓަލުގެ ޑޮކްޓަރުން، ނަރުހުން އަދި ސިއްހީ
ހިދުމަތް ތެރިންގެ ރެންޑަމް ސާމްޕަލިން އެއް ނެގުމަށް ހަމަޖެހިފައިވާނަމަ ޓެސްޓް ކުރާނެކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
އައިޖީއެމްއެޗްއިން ބުނީ އެ ހޮސްޕިޓަލުގެ ނަރުހެއް އަދި ޑޮކްޓަރެއް މަސައްކަތުގެ މާހައުލުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ނުވާ ކަމަށެވެ. ނަމަވެސް ޑޮކްޓަރަކާއި ނަރުހަކު ދިރިއުޅެމުންދާ ގެއިން ކޭސްތަކެއް ފެނި އޭގެތެރެއިން ޑޮކްޓަރަކާއި ނަރުހަކު ވަނީ ޕޮޒިޓިވްވެ ފަރުވާދެވި ބަލިން ރަނގަޅުވެފައިވާކަމަަށް ވެސް އައިޖީއެމްއެޗްއިން ބުންޏެވެ.
ޑޮކްޓަރުންގެ ފަރާތުން ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ވަކިން އައިސޮލޭޓްކޮށް ޓެސްޓް ހަދާ ނެގެޓިވް ވިޔަސް މަސައްކަތަށް އަލުން ނެރޭނީ އައިސޮލޭޓްވިތާ 14 ދުވަސް ހަމަވުމުން ކަމަށް ވެސް އައިޖީއެމްއެޗްއިން ބުންޏެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 1829 އަށް އަރާފައިވާއިރު ކޮވިޑް ޖެހިގެން ހަތް މީހަކު ވަނީ މަރުވެފަ އެވެ.