ގާނޫނުއަސާސީ އިސްލާހުކުރާ ޖަލްސާ ބާއްވާނީ މެންދަމު

މޭ، 26، 2020: "ނިއު ނޯމަލް"ގެ ދަށުން ރައްޔިތުން މަޖިލީހުގެ ތަޅުމުގައި ފުރަތަމަ ބޭއްވި ޖަލްސާ: އެޗްޕީއޭގެ ލަފާގެ މަތިން މެންބަރުން ތިއްބަވަނީ މާސްކް އަޅައިގެން އަދި ދުރުދުރުގައި -- ފޮޓޯ/ މަޖިލިސް އިދާރާ

ގާނޫނުއަސާސީ އިސްލާހުކުރުމާމެދު މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު އެޖެންޑާކޮށް، މިރޭ މެންދަމު 01:30 ގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވަން ނިންމައިފި އެވެ.

ކައުންސިލަރުންގެ ދައުރު އިތުރު ކުރުމަށް ގާނޫނު އަސާސީގައި އަކުރެއް އިތުރު ކުރުމަށް މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފައިވާ ރިޕޯޓު ތަޅުމަށް ގެނައުން އަވަސްކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ވެސް މަސައްކަތް ކުރިއެވެ.

ނަމަވެސް ރިޕޯޓު ތަޅުމަށް ގެނައުން އަވަސްކުރުމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް އެއްބަސްވެވަޑައިނުގަތުމުން އެދުވަހު ބިލުގެ މަސައްކަތްް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން ބިލެއްގެ ކޮމިޓީ ރިޕޯޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ބަހުސެއް ކުރަންވާނީ، އެ ރިޕޯޓު މަޖިލީހުގެ މެމްބަރުންނަށް ފޮނުވުމަށްފަހު، އެ ބިލަށް އިސްލާހު ހުށަހެޅުމަށްޓަކައި މެމްބަރުންނަށް ސާފު ތިން ދުވަހުގެ މުއްދަތެއް ދިނުމަށްފަހުއެވެ.

ނަމަވެސް އެ މުއްދަތު އެއަށްވުރެ ކުރު ކުރަންޖެހިއްޖެ ހިނދެއްގައި މަޖިލީހުގެ ރައީސް، ޕާލިމެންޓަރީ ގްރޫޕުތަކުގެ ލީޑަރުންނާ މަޝްވަރާކުރުމަށްފަހު އެކަން ކުރުމަކަށް ގަވާއިިދު ހުރަހެއް ނާޅައެވެ.

ނަމަވެސް މައިނޯރިޓީ ލީޑަރާއެކު އެއްބަސްވުމަށް ނުދެވުމުން، މަޖިލީހުގެ ގަވާއިދުގައިވާ ގޮތަށް ތިން ދުވަހަށް ފަހު އެ މައްސަލައިގެ ވޯޓަށް އަހަން ރިޔާސަތުން ނިންމެވިއެވެ. ގަވާއިދުގައި ބުނާ މުއްދަތު މިރޭ ދަންވަރު ހަމަވާނެއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ މަޖިލީހުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިރޭ 23:00 ގައި ޖަލްސާއެއް ބާއްވާނެ ކަމަށެވެ. އަދި ދަންވަރު 02:00 ގައި ގާނޫނުއަސާސީ އިސްލާހުކުރުމުގެ ވޯޓަށް އައްސަވާނެ ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި އެއްވެސް މެމްބަރަކު ވެސް އަދި ރާއްޖޭގެ ރައްޔިތަކު ވެސް ކަންބޮޑުވާކަށް ނުޖެހޭ. އަޅުގަނޑުމެން މި މަސައްކަތް ނިންމާނަން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުގައި އެމްޑީޕީގެ 65 މެމްބަރުން އެބަތިއްބެވި ކަމަށާއި އަދި ޕީޕީއެމް-ޕީއެންސީ ފިޔަވައި ދެން ތިއްބެވި މެމްބަރުންނާއެކު އިސްލާހުގެ މަސައްކަތް ކުރިއަށް ގެންގޮސް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އަދަދުގެ މައްސަލައެއް އަޅުގަނޑުމެންނަކަށް ނޫޅެ،" ނަޝީދު ވިދާޅުވި އެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެނެވޭނީ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި މެމްބަރުންގެ ވޯޓުންނެވެ.

މިރޭގެ ޖަލްސާގެ އެޖެންޑާ މިހާރު އާންމުކޮށްފައި ވާއިރު، ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލު، މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު އެޖެންޑާކޮށްފައި ވެއެވެ.

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ޖޫން މަހުގެ ތިން ވަނަ ދުވަހު ހަމަވާނެއެވެ. ކައުންސިލަރުންްގެ ދައުރު ދަންމާލަން ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ފާސްނުކުރެވިއްޖެ ނަމަ، ކައުންސިލްތައް ގާނޫނީ ހުސްކަމަކަށް ދާނެއެވެ.

ގާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް އިތުރުކުރާ ދެ އަކުރު

  • ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ(ޅ) : މި މާއްދާގެ ނ. ގައި އެހެން އޮތް ނަމަވެސް 3 ޖޫން 2017 ގައި އިންތިހާބް ކޮށްފައިވާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އުމުރު ހަމަވާއިރު އެ ކައުންސިލްތަކަށް އާ މެންބަރުން އިންތިހާބް ނުކުރެވިއްޖެ ހިނދެއްގައި އެ ކައުންސިލްތަކަށް މެންބަރުން އިންތިހާބް ކުރަން ބާއްވަން ޖެހޭ އިންތިހާބް ބާއްވައި އެ ކައުންސިލްތަކަށް އަލަށް އިންތިހާބް ކުރެވޭ މެންބަރުން އެ މީހުންގެ މަގާމާއި ހަވާލުވަންދެން މިހާރު އިންތިހާބް ކޮށްފައިވާ އަދި މަގާމުގައި ދެމި ތިބި ކައުންސިލްތަކުގައި ތިބި މެންބަރުން އެމީހުންގެ މަގާމުގައި ދެމި ތިބޭނެ އެވެ.

  • ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ(ކ) : މި މާއްދާގެ ޅ. ގައި ބަޔާން ކުރާ އިންތިގާލީ މުއްދަތުގައި މަގާމްގައި ދެމިތިބޭ ކައުންސިލްތަކުގެ މެންބަރުން މަގާމުގައި ދެމިތިބޭއިރު އެ މެންބަރުން އަމަލު ކުރާނެ އިންތިގާލީ އުސޫލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަނޑައަޅަން ވާނެ އެވެ.

މިރޭގެ ޖަލްސާގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލު، ލާމަރުކަޒީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ވެސް އެޖެންޑާކޮށްފައިވެ އެވެ.

comment ކޮމެންޓް