ކޮރޯނާވައިރަސް: ތައިލޭންޑުން 59.7 ބިލިއަން ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖެއް ފާސްކޮށްފި

ތައިލޭންޑުގެ އިގުތިސާދު މިއަހަރު ވަރަށް ބޮޑަށް ދަށަށް ދާނެ ކަމަށް އެގައުމުން ވަނީ ލަފާކޮށްފަ -- ފޮޓޯ: ބްލޫމްބާގް

ބޭންކޮކް (ޖޫން 1): ކޮރޯނާވައިރަސް ބަލިމަޑުކަމުގެ ސަބަބުން ތައިލޭންޑުގެ އިގުތިސާދަށް ލިބޭ ގެއްލުމުން އަރައިގަތުމަށް އެގައުމުން 59.7 ބިލިއަން ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖެއް ފާސްކޮށްފި އެވެ.

ތައިލޭންޑުން މިހާތަނަށް ފާސް ކުރި އެންމެ ބޮޑު ސްޓިމިއުލަސް ޕެކޭޖުގެ 17.3 ބިލިއަން ޑޮލަރު ހާއްސަކޮށްފައި ވަނީ ދަނޑުވެރިންނާއި ނުރަސްމީ ވަޒީފާތައް އަދާ ކުރާ މީހުންނަށް ދިނުމަށެވެ. އަދި ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް 1.4 ބިލިއަން ޑޮލަރު ކަނޑައަޅާފައިވެ އެވެ.

އެ ޕެކޭޖް ޕާލިމެންޓުން ފާސް ކުރި އިރު އިދިކޮޅު ބައެއް މެމްބަރުން ވަނީ އެ ފައިސާ ހަރަދު ކުރާނެ ގޮތާ ބެހޭ މައުލޫމާތު ދެފުށް ފެންނަ ގޮތަކަށް ސަރުކާރުން ބަޔާންކޮށްފައި ނެތް ކަމަށް ބުނެ ފާޑު ކިޔާފަ އެވެ. ނަމަވެސް ބޮޑުވަޒީރު ޕްރަޔުތު ޗަން އޮޗާ ވަނީ ސްޓިމިއުލަސް ޕެކޭޖުގެ ފައިސާ ހަރަދު ކުރާ ގޮތުގެ ކޮންމެ ފިޔަވަޅެއްވެސް ސްކްރީން ކުރަމުން ދާނެ ކަމަށް ވިދާޅުވެފަ އެވެ.

ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ތައިލޭންޑުގެ އިގުތިސާދަށް ވަނީ ކޮރޯނާވައިރަހުގެ ސަބަބުން ބޮޑު ގެއްލުމެއް ލިބިފަ އެވެ. އަދި މި އަހަރު އެގައުމުގެ އިގުތިސާދީ ކުރިއެރުން -6 ޕަސެންޓަށް ދަށްވާނެ ކަމަށް އެގައުމުން ވަނީ ލަފާކޮށްފަ އެވެ.

ތައިލޭންޑުގައި މިހާތަނަށް 3،082 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 57 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް