މަޝްހޫރު ކޮމްޕޯސާ ވާޖިދު ހާން މަރުވެއްޖެ

ސާޖިދު ވާޖިދު ގެ ގްރޫޕުގެ ވާޖިދު ހާން މަރުވި އިރު އޭނާގެ އުމުރަކީ 42 އަހަރު --- ފޮޓޯ : ޒީ ނިއުސް

ބޮލީވުޑްގެ އެތައް މަޝްހޫރު އަލްބަމްތަކެއް ކޮމްޕޯސްކޮށްފައިވާ ޑުއޯ ކަމަށްވާ ސާޖިދު-ވާޖިދުގެ ވާޖިދު ހާން، ކިޑްނީ އިންފެޝަނަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.

ލަވަ ކިޔަންވެސް މަޝްހޫރު ވާޖިދުގެ ކިޑްނީ އިންފެކްޝަނެއް އުފެދުމާ ގުޅިގެން މީގެ ދުވަސްކޮޅެއް ކުރީން އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެތަނަށް ގެންދިޔުމުން އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބިގެން ދިޔަ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެއެވެ.

ވާޖިދު ހާން މަރުވި އިރު އޭނާގެ އުމުރަކީ 42 އަހަރެވެ.

އެގޮތުން ކޮވިޑް-19 އާ އެކު އޭނާގެ ހާލު ދެރަވެ އިތުރަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރަށް ލާފައިވާ ކަމަށްވެސް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ޓައިމްސް ނައު" އިން ބުނެފައިވާ ގޮތުގައި އޭނާ މަރުވެފައިވަނީ ކިޑްނީގެ މައްސަލައަކާ ގުޅިގެންނެވެ.

އެކަމާ ގުޅޭގޮތުން މަޝްހޫރު ކޮމްޕޯސަރެއް ކަމަށްވާ ސަލީމް މާޗަންޓް ވަނީ ވާޖިދު ހާންގެ މަރުގެ ވާހަކަ ކަށަވަރުކޮށްދީފައެވެ. ނަމަވެސް އޭނާ މަރުވި ގޮތުގެ ވާހަކައަށް އޭނާ އިތުރު މައުލޫމާތެއް ދީފައެއް ނުވެއެވެ.

ވާޖިދު ހާން ހިމެނޭ ޑުއޯ ކަމަށްވާ ސާޖިދު-ވާޖިދަކީ އިންޑިއާގެ އެންމެ މަޝްހޫރު އެއް މިއުޒިކް ޑައިރެކްޝަން ޓީމެވެ. ބޮލީވުޑްގެ ބޮޑެތި ޕްރޮޖެކްޓުތައް ކަމަށްވާ "ދަބަންގް" އާއި "އޭކް ތާ ޓައިގާ" ފަދަ ފިލްމުތަކުގެ ލަވަތައް ކޮމްޕޯސްކޮށްފައިވަނީ މި ދެމީހުންނެވެ.

comment ކޮމެންޓް