ކޮވިޑް ޖެހިގެން އެޑްމިޓްކުރާ މީހުންގެ މައުލޫމާތު ހިމެނޭ އިންފޮމޭޝަން ސިސްޓަމެއް އިފްތިތާހްކޮށްފި

"ކޮވިޑް ކެއާ-19" އިންފޮމޭޝަން ސިސްޓަމް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އައިޖީއެމްއެޗް

ކޮވިޑް ޖެހިގެން އެޑްމިޓްކުރާ މީހުންގެ މައުލޫމާތު ހިމެނޭ އިންފޮމޭޝަން ސިސްޓަމެއް އިފްތިތާހްކޮށްފިއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި، "ކޮވިޑް ކެއާ-19" އިންފޮމޭޝަން ސިސްޓަމް އިފްތިތާހްކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއެވެ.

މިއީ އައިޖީއެމްއެޗްއާއި ހެލްތު މިނިސްޓްރީ ގުޅިގެން އިފްތިތާހްކުރި ސިސްޓަމެކެވެ. އައިޖީއެމްއެޗްގެ ސީއީއޯ ބަންދު އިބްރާހިމް ސަލީމް އެ ހަފްލާގައި ވިދާޅުވީ އެ ސިސްޓަމް ތައާރަފްކުރުމުން ކޮވިޑާ ގުޅޭ އެތަކެއް މައުލޫމާތެއް ފަހަށް ރައްކާކުރެވޭނެ ކަމަށެވެ.

" އުސޫލެއްގެ ގޮތުން އަޅުގަނޑުމެން ނެގްލެޓްކުރާކަމެއް ޑާޓާ، ސްޓެޓިސްޓިކްސް. ތަފާސް ހިސާބުގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެންގެ ޑޮކްޓަރުންނަށް ކަންކަން ކުރެވެމުން އަންނަނީ. އޭގެ ދަށުން މީގެ މައުލޫމާތުގައި އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނީ. ހަމަ އެހެންމެ މީގެ މައުލޫމާތުގެ އެހީގައި ޓްރާންސްފާ ކުރުމާއި ގެންދިއުމާއި މި ހުރިހާ ކަމެއްވެސް ކުރެވޭނެ." ސަލީމް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު އަމީން މިއަދު އިފްތިތާހްކުރި ސިސްޓަމްއާއެކު މުޅި ސިސްޓަމް ރަނގަޅުކުރުމަށް އެކި ތަންތަނަށް ބޭނުންކުރެވޭ ތަޖުރިބާއަކަށްވުން ވަރަށް މުހިންުމު ކަމަށެވެ.

"އައިޖީއެމްއެޗްގެ ލެބޯޓަރީއިން ފެށިގެން ޑޮކްޓަރުންގަ ފަރުވާއަށް ކޮވިޑް ކެއާއަށް އަދި ސާމްޕަލް ނެގުމުން ފެށިގެން ސާމްޕަލްގެ ރެކޯޑް ބެލެހެއްޓުމާ ހިސާބާ ހަމައަށްވެސް މުޅި ކޮވިޑް އޮޕަރޭޝަނަށް ކުރެވޭ މަސައްކަތްތަކަކީ ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންގެ އިންސްޓްޓިއުޝަންތައް ހަރުދަނާ ވުމަށް އޭގެ ސަބަބުން ފައިދާކުރާ ކަންކަމަށް ވުމަކީ ވަރަށް މުހިންމުކަމެއް،" އަމީން ވިދާޅުވިއެވެ.

comment ކޮމެންޓް