ސްޕޭސް އެކްސްގެ ޖައްވީ އުޅަނދު ކާމިޔާބު ކަމާއެކު ބައިނަލްއަގުވާމީ ޖައްވީ އިދާރާއަށް

ޑްރެގަން ކެޕްސުލް އައިއެސްއެސްއާ ކައިރި ކުރަނީ -- ފޮޓޯ: އައިއެސްއެސް

އެެމެރިކާގެ ޖައްވީ އުޅަނދުތައް އުފައްދާ ކުންފުނި ސްޕޭސް އެކްސްގެ އުޅަނދެއްގައި އިއްޔެ ޖައްވަށް ދިޔަ ކްރޫ ޑްރެގަން ކެޕްސުލް ބައިނަލްއަގުވާމީ ޖައްވީ އިދާރާ (އައިއެސްއެސް)އަށް ފޯރައިފި އެވެ.

އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ ދެ އެސްޓްރޮނޯޓުން ކަމަށްވާ ޑަގް ހާލީ އާއި ބޮބް ބެންކެންއާ އެކު އިއްޔެ ދަތުރު ފެށި އެ އުޅަނދު ލޯންޗު ކޮށްފައި ވަނީ ސްޕޭސް އެކްސްގެ ފެލްކަން-9 ރޮކެޓަކުން، ފްލޮރިޑާގެ ކެނެޑީ ސްޕޭސް ސެންޓަރުންނެވެ.

އެ އުޅަނދު ލޯންޗު ކުރިތަން ސްޕޭސް އެކްސްގެ ބާނީ އީލަން މަސްކުގެ އިތުރުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނައިބު ރައީސް މައިކް ޕެންސް ވެސް ބައްލަވާލެއްވި އެވެ.

ސްޕޭސް އެކްސްގެ އުޅަނދުގައި ޖައްވަށް ދިޔަ އެމެރިކާގެ ދެ އެސްޓްރޮނޯޓުން ކަމަށްވާ ޑަގް ހާލީ އާއި ބޮބް ބެންކެން -- ފޮޓޯ: ގެޓީ

އެއީ ޕްރައިވެޓް ކުންފުންޏަކުން ޑިޒައިންކޮށް އުފެއްދި އުޅަނދަކުން އެސްޓްރޮނޯޓުން އައިއެސްއެސްއަށް ދިޔަ ފުރަތަމަ ފަހަރެވެ. އަދި އެއީ ފާއިތުވި ނުވަ އަހަރު ތެރޭ އެމެރިކާގެ ސްޕޭސް ސެންޓަރަކުން އެގައުމުގެ އެސްޓްރޮނޯޓުން ޖައްވަށް ފޮނުވި ފުރަތަމަ ފަހަރެވެ. މިދިޔަ ނުވަ އަހަރު ތެރޭގައި އެގައުމުން އެސްޓްރޮނޯޓުން އައިއެސްއެސްއަށް މީހުން ފޮނުވަމުން ދިޔައީ ރަޝިއާގެ ލޯންޗް ސިސްޓަމް މެދުވެރިކޮށެވެ.

އެސްޓްރޮނޯޓް ހާލީ އާއި ބެންކެން އައިއެސްއެސްއަށް ދިޔުމަށް ފަހު އެއް މަހާއި ހަތަރު މަހާ ދެމެދުގެ މުއްދަތެއް ޖައްވީ އިދާރާގައި ހޭދަ ކުރާނެ އެވެ. އަދި އެއަށް ފަހު ޑްރެގަން ކެޕްސުލްގައި އަނބުރާ ދުނިޔެއަށް އައުމަށް ފަހު، ޖައްވުގައި އެ ކެޕްސުލް މަސައްކަތް ކުރި ގޮތާ ބެހޭ މައުލޫމާތު ސްޕޭސް އެކްސްގެ އިންޖިނިއަރުންނާ ހިއްސާ ކުރާނެ އެވެ.

ސްޕޭސް އެކްސްގެ އުޅަނދެއްގައި ނާސާއިން އެސްޓްރޮނޯޓުން ޖައްވަށް ފޮނުވާފައި ވަނީ ޖައްވީ ދަތުރުތައް ކޮމާޝަލް ކުރުމަށް ޕްރައިވެޓް ކުންފުނިތަކަށް ހިތްވަރު ދިނުމުގެ ގޮތުން އެ އިދާރާއިން މީގެ 15 އަހަރު ކުރިން ފެށި ޕްރޮގްރާމުގެ ދަށުންނެވެ. އަދި ނާސާއިން ވަނީ އެމެރިކާގެ އެސްޓްރޮނޯޓުން "ޓެކްސީ ކޮށްދިނުމަށް" ސްޕޭސް އެކްސްގެ އިތުރުން ބޯއިން ކުންފުންޏާ އެކުވެސް ކޮންޓްރެކްޓުތައް ހަދާފަ އެވެ.

comment ކޮމެންޓް