ވައިރަހުގެ ކޭސްތައް ގިނަވެ، ދެކުނު ކޮރެއާގެ 251 ސްކޫލް އަނެއްކާވެސް ބަންދުކޮށްފި

ދެކުނު ކޮރެއާގެ 200 ސްކޫލެއް އަނެއްކާވެސް ވަނީ ބަންދު ކުރަން ޖެހިފައި-- ފޮޓޯ: އޭޕީ

ސޯލް (މެއި 30): ދެކުނު ކޮރެއާގައި ކޮރޯނާވައިރަހުގެ ކޭސްތައް ކުއްލިއަކަށް ގިނަވުމާ ގުޅިގެން އެގައުމުގެ 200އަށް ވުރެ ގިނަ ސްކޫލް އަނެއްކާވެސް ބަންދުކޮށްފި އެވެ.

ދެކުނު ކޮރެއާއިން އެ ފިޔަވަޅު އެޅީ މިދިޔަ ބުދަ ދުވަހު އެގައުމުގެ 79 މީހަކު ވައިރަހަށް ޕޮޒިޓިވްވި ފަހުންނެވެ. އެއީ ފާއިތުވި ދެ މަސް ތެރޭ އެގައުމުން އެއް ދުވަހުގެ ކޭސްތައް އެހާ ވަރަށް ގިނަވި ފުރަތަމަ ފަހަރެވެ. އޭގެ ފަހުން ބުރާސްފަތި ދުވަހުގަ އާއި އިއްޔެ އެގައުމުން 97 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

ދެކުނު ކޮރެއާއިން އެންމެ ފަހުން ފެނިފައިވާ ގިނަ ކޭސްތައް ގުޅިފައި ވަނީ އެގައުމުގެ އެންމެ ބޮޑު އޮންލައިން ވިޔަފާރި ކުންފުނި ކަމަށްވާ ކޫޕަންގްގެ ވެއާހައުސްއަކާ އެވެ. ސިއްހީ އޮފިޝަލުން ވިދާޅުވި ގޮތުގައި ބޫޗާން ސިޓީގައި ހުންނަ އެ ވެއާހައުސްގައި ގައިދުރުކަން ބެހެއްޓުން ފަދަ ވައިރަސް ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް އަޅާފައި ނުވެ އެވެ. އަދި އެ ވެއާހައުސްގެ ހުރިހާ މުވައްޒަފުންނާއި އެމީހުންނާ ކޮންޓެކްޓުވި މީހުން ހޯދާ ޓެސްޓުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އެ ކޭސްތަކާ ގުޅިގެން ބޫޗާންގެ 251 ސްކޫލެއް ވަނީ ހުޅުވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ބަންދުކޮށްފަ އެވެ. އަދި ވެރިރަށް ސޯލްގެ 117 ސްކޫލެއް ހުޅުވުން ވަނީ ފަސްކޮށްފަ އެވެ. އެ ސްކޫލުތަކުން އަނެއްކާވެސް އޮންލައިންކޮށް ކިޔަވައިދިނުން ކުރިއަށްދާނެ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

ދެކުނު ކޮރެއާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ސްކޫލުތައް ބަންދުކޮށްފައި އޮންނަތާ ތިން މަސް ފަހުން އެގައުމުގެ ސްކޫލުތައް އަލުން ހުޅުވަން ފެށީ މި މަހުގެ 20ގަ އެވެ. އަދި އެގައުމުން ރާވާފައި އޮތީ އަންނަ މަހުގެ އަށްވަނަ ދުވަސް އަންނަންވާ އިރަށް ހުރިހާ ސްކޫލުތައް ވެސް ހުޅުވާލާށެވެ.

މިއަހަރުގެ ކުރީކޮޅު ދެކުނު ކޮރެއާގައި ހަލުވި ކަމާއެކު ވައިރަސް ފެތުރުނު ނަމަވެސް އެގައުމުން ދުރާލާ ފުޅާ ދާއިރާއެއްގައި ޓެސްޓުކޮށް، ޓްރޭސްކޮށްގެން ވައިރަސް ފެތުރުން ކޮންޓްރޯލް ކުރި އެވެ. ނަމަވެސް އެގައުމުގައި މީގެ ކުރިން އަޅާފައި އޮތް އިޖުތިމާއީ ގައިދުރުކުރުމުގެ ފިޔަވަޅުތައް ލުއި ކުރި ފަހުން އެގައުމުން ވަނީ ވައިރަހުގެ ބޮޑެތި ކްލަސްޓާތަކެއް ފެނިފަ އެވެ. އެގޮތުން މި މަހުގެ އެކެއްގައި ސޯލްގެ ނައިޓްކްލަބްތަކަކުން ފެނުނު ކްލަސްޓާއަކުން 266 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

ދެކުނު ކޮރެއާގައި މިހާތަނަށް 11،441 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު ބަލީގައި 269 މީހަކު ވަނީ މަރުވެފަ އެވެ. އަދި 10،000އަށް ވުރެ ގިނަ މީހުންގެ ބަލި ވަނީ މިހާރު ރަނގަޅުވެފަ އެވެ.

comment ކޮމެންޓް