މާޒިޔާގެ ބިދޭސީ 4 ކުޅުންތެރިންނާއި ކޯޗުގެ ކޮންޓްރެކްޓް ހަމަވެއްޖެ

ފެބްރުއަރީ 12، 2020: އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގުގައި ރާއްޖޭގެ މާޒިޔާއާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ސީޒަނުގެ ދިވެހި ލީގު ޗެމްޕިއަންކަން މާޒިޔާ އަށް ހޯދައިދިން މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީއާއި އެ ޓީމުގެ ބިދޭސީ ހަތަރު ކުޅުންތެރިން އެ ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވެފައިވާ ކަމަށް ކުލަބުން ބުނެފި އެވެ.

މާޒިޔާއިން މިދިޔަ ސީޒަނާ ކުރިމަތިލީ ރާއްޖޭގެ ނަަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއްގެ ސޮއެއާ އެކު ވަރަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. އަދި ސީޒަނުގެ މެދަކާ ހަމައިން އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ގޮތުން އިތުރު ބިދޭސީ ކުޅުންތެރިންތަކެއް ވެސް ޓީމަށް ގެނެސް ގައުމީ ލީގުގެ ތަށި އެ ޓީމުން އުފުލާލީ ބޮޑު ލީޑަކާ އެކު އެވެ.

ނަމަވެސް ކޮރޯނާ ވައިރަހުގެ ސަބަބުން ބާކީ އޮތް ރާއްޖޭގެ ދެމުބާރާތް ނުކުޅެ ނިންމާލަން އެފްއޭއެމް އިން ނިންމި އިރު އޭއެފްސީ މުބާރާތަށް ވެސް ވާނޭ ގޮތެއް ނޭންގެ އެވެ. އެހެން ކަމުން ޓީމުގައި ތިބި ބިދޭސީ ހަތަރު ކުޅުންތެރިއަކާއި ކޯޗު މާލޭގައި ކަމެއް ނެތި ތިބޭތާ މިހާރު ތިން މަސް ދުވަސް ވެފައިވާ އިރު އެ އެންމެންގެ ކޮންޓްރެކްޓް ހަމަވެފައިވާ ކަމަށް މާޒިޔާއިން ވަނީ ބުނެފަ އެވެ.

މާޒިޔާ އަށް ކުޅެމުން އައި ބިދޭސީ ކުޅުންތެރިންނަކީ އަފްގާނިސްތާން ގައުމީ ޓީމުގެ ގޯލްކީޕަރު އޮވޭސް އަޒީޒީ އާއި ޑިފެންޑަރު މުހައްމަދު ޝަރީފްގެ އިތުރުން ސެއިން ވިންސެންޓް ގައުމީ ޓީމުގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އަދި ސާބިއާގެ ޑިފެންޑަރު ޕީޓަ ޕްލަނިޗް އެވެ.

އޭގެ ތެރެއިން އަޒީޒީ އާއި ޝަރީފް ވަނީ ރެކްސިއު ފްލައިޓެއްގައި އެނބުރި ގައުމަށް ގޮސްފަ އެވެ. އެކަމަކު ކޯނޭ އާއި ޕީޓާގެ އިތުރުން ސެކުލޮސްކީ އަދިވެސް ތިބީ ރާއްޖޭގައި ތާށިވެފަ އެވެ. އަދި ގައުމަށް ދާން ފުރުސަތު ލިބުނުހާ އަވަހަކަށް ދާން ތައްޔާރަށް ތިބި ކަމަށް ސެކުލޮސްކީ ވަނީ ބުނެފަ އެވެ.

ސެކުލޮސްކީ ބުނީ އޭނާ މިވަގުތު ގައުމަށް އަނބުރާ ރެސްކިއު ފްލައިޓެއްގައި ވެސް ދެވެން ނެތީ މެސެޑޯނިއާގެ ބޯޑަރު ނުހުޅުވާލާތީ ކަމަށެވެ. ނަމަވެސް މާޒިޔާގެ ކޮންޓްރެކްޓުގެ މައްސަލައިގައި ހިތްހަމަ ނުޖެހުންތަކެއް ހުރިކަން ސެކުލޮސްކީ ވަނީ ނުސީދާ ގޮތެއްގައި ފާހަގަ ކޮށްފަ އެވެ.

މާޒިޔާގެ އޮފިޝަލަކު "ސަން" އަށް ބުނީ ސީޒަން ދެން ފެށޭނެ ތާރީހެއް އަދި ނޭނގޭތިއްޔާއި، އޭއެފްސީއަށް ވާނޭ ގޮތެއް ވެސް އަދި ނޭނގޭތީ ސެކުލޮސްކީއާއި ބިދޭސީ ކުޅުންތެރިންގެ ކޮންޓްރެކްޓް އިތުރު ކުރުމަށް ގޮތެއް ނުނިންމާ ކަމަށެވެ. އަދި މިވަގުތު ކުލަބުން ވެސް ބޭނުންވަނީ ކުޅުންތެރިންނާއި، ކޯޗަށް ވެސް އެނބުރި ގައުމަށް ދެވޭނެ ގޮތެއް ހަމަޖައްސައިދިނުން ކަމަށް އޮފިޝަލް ވަނީ ބުނެފަ އެވެ.

މާޒިޔާއިން ސީޒަނަށް ވާނޭ ގޮތެއް ނޭނގޭ ކަމަށް ބުނެ ކޮންޓްރެކްޓް އިތުރު ކުރުމަށް ގޮތެއް ނުނިންމާތީ ސެކުލޮސްކީގެ ހިތްހަމަ ނުޖެހުމެއް އުޅޭކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"އަހަރެން އެއްވެސް އިރަކު ނުވިސްނަން މިވެނި ކަމެއް ވެއްޖެޔާއޭ އެކަމެއް ކުރާނީއެއް. ކޯޗިންގް ލައިފެއްގައި އެކަހަލަ ކަމެއް އޮތް ކަމަކަށް ގަބޫލެއް ނުކުރަން،" މާޒިޔާއިން ކޮންޓްރެކްޓް އިތުރު ކުރުމާ މެދު ގޮތެއް ނުނިންމާކަން ހާމަ ކުރަމުން ސެކުލޮސްކީ ބުންޏެވެ.

މާޒިޔާ އިން ސެކުލޮސްކީ ދެ ވަނަ ފަހަރަށް އެ ޓީމުގެ ކޯޗަކަށް ހަމަޖެއްސީ މިދިޔަ އަހަރުގެ އޭޕްރީލްގަ އެވެ. ރަނގަޅު ޓްރެއިނިން ކޭމްޕްތަކަކަށް ފަހު ސެކުލޮސްކީ ވަނީ މާޒިޔާ އަށް ދިވެހި ޕްރިމިއާ ލީގު ކާމިޔާބު ކޮށްދިން އިރު އޭނާ ވަނީ މާޒިޔާއަށް މި ފަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިން ކާމިޔާބުކޮށްދީފަ އެވެ.

comment ކޮމެންޓް