ރިސޯޓު މުވައްޒަފުން ރަށަށް ދާން ރަޖިސްޓާވާން އިތުރު ފުރުސަތެއް

މިނިސްޓަރު އަލީ ވަހީދު -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ކުރިން ރެޖިސްޓްރީ ނުވެ، މާލޭ ފުރަބަންދުގައި ތިބި ރިޒޯޓު މުވައްޒަފުންނަށް ރަށަށް ދާން އަލުން ރަޖިސްޓްރީވާން އިތުރު ފުރުސަތެއް ޓުއަރިޒަމް މިނިސްޓްރީން ހުޅުވާލައިފިއެވެ.

މީގެކުރިން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ލޮކްޑައުން އާ ގުޅިގެން މާލޭގައި ތާށިވެގެން ރިސޯޓުތަކުގެ 153 މުވައްޒަފަކު ޓުއަރިޒަމް މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން 97 މީހަކު ކަރަންޓީނު ފެސިލިޓީތަކަށް ގެންގޮސްފައި ވާއިރު، 14 ދުވަހުގެ ކަރަންޓީނު މުއްދަތު ނިންމައިި، ކޮވިޑް19 އަށް ޓެސްޓުކުރުމަށްފަހު އެމީހުންނަށް އާއިލާތައް ކައިރިއަށް ދެވޭނެ ކަމަށެވެ.

އަދި ބާކީ ތިބި 56 މީހުން، ލޮކްޑައުނާ ގުޅިގެން ސަރުކާރުން ކުރިއަށްގެންދާ "މެނޭޖްޑް ކަރަންޓީން"ގެ ލިސްޓުގައި ހިމަނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޓުއަރިޒަމް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް19 އާ ގުޅިގެން ރިޒޯޓުތަކުގައި ވަޒީފާ އަދަކުރާ މުވައްޒަފުން އަމިއްލަ ރަށަށް ދިއުމަށްޓަކައި މާލެ އައިސް، މާލޭ ފުރަބަންދުގައި އެބަތިބި ކަމަށާއި، އޭގެ ތެރެއިން ބައެއް މުވައްޒަފުން ކުރިން ރެޖިސްޓާ ވާން ހުޅުވާލި ފުރުސަތުގައި ރަޖިސްޓަވެފައިނުވާ ކަމަށެވެ.

އެހެންކަމުން ކުރިން ރެޖިސްޓާ ނުވެ މާލޭ ފުރަބަންދުގައި ތިބި ރިސޯޓު މުވައްޒަފުންނަށް މިނިސްޓްރީގައި ރަޖިސްޓްރީވުމަށް އިތުރު ފުރުސަތެއް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ ޖޫން އެއްވަނަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީގެ ހޮޓްލައިން (7223131) އަށް އެސްއެމްއެސް މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ނަން ނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މިނިސްޓަރު އަލީ މީގެކުރިން ވިދާޅުވެފައި ވަނީ ރިސޯޓު މުވައްޒަފުންގެ އިތުރުން ވެސް ލޮކްޑައުން އާ ގުޅިގެން މާލޭގައި ތާށިވެފައި ތިބި މީހުންގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ފެސިލިޓީތައް އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް