މޫސުން ވަރަށް ބޮޑަށް ގޯސްވެ، ހއ. އަތޮޅުން ފެށިގެން ށ. އަތޮޅަށް އޮރެންޖު އެލާޓު ނެރެފި އެވެ. މިއީ، މި މަހުގެ ތެރޭގައި މެޓް އޮފީހުން އޮރެންޖު އެލާޓު ނެރުނު ދެވަނަ ފަހަރެވެ.
ހއ. އަތޮޅުން ފެށިގެން ށ. އަތޮޅަށް އޮރެންޖު އެލާޓު ނެރެފައިވަނީ 18:30 އިން ފެށިގެން މިރޭ 20:00 އާ ހަމައަށެވެ.
މެޓުން ބުނީ މި ގަޑިތަކުގައި ހއ. އަތޮޅުން ފެށިގެން ށ. އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުރުން އަދި ފެން ބޮޑުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އޮރެންޖު އެލާޓަކީ "ސިވިއާ" ނުވަތަ ތިން ވަނަ ލެވެލްގެ އެލާޓެވެ. އޮރެންޖު އެލާޓު ނެރެނީ އާދަޔާހިލާފަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމާއި، އާދަޔާހިލަފަށް ގުގުރުމާއެކު ވައި ގަދަވުން އެކަށީގެންވާ ހާލަތުގަ އެވެ.
އެގޮތުން އޮރެންޖު އެލާޓުގައި އެއް ގަޑިއިރު ތެރޭ 90 މިލިމީޓަރުގެ، ނުވަތަ ހަ ގަޑިއިރު ތެރޭގައި 120 މިލިމީޓަރުގެ ވާރޭ ވެހޭނެއެވެ. އޮރެންޖު އެލާޓުގައި ވިލާގަނޑުގައި 63 މޭލަށް ވައިގަދަވާނެއެވެ.
މެޓުން މިއަދު ބުނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.
އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް، ހުޅަނގާއި ހުޅަނގުއުތުރުން އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ހުރިހާ ހިސާބަކަށްވެސް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ބުނެފައެވެ.
ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށް ލަފާކޮށްފައި ވާއިރު ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައި ކަމަށެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.