ވިޔަފާރިތަކުން މާލެ ސިޓީ ކައުންސިލަށް ހުއްދައަށް އެދުމަށް ހުޅުވާލައިފި

މާލޭގެ މާރުކޭޓް ސަރަހައްދު: ވިޔަފާރި ހުއްދައަށް އެދުމުގެ ފުރުސަތު ސިޓީ ކައުންސިލުން ވަނީ ހުޅުވާލާފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19އާ ގުޅިގެން ފުރަބަންދު ހާލަތުގައި މާލެ ސިޓީގައި ވިޔަފާރިކުރުމާއި އާމްދަނީ ލިބޭ ޒާތުގެ ތަފާތު މަސައްކަތްތައް ކުރުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހެޅުމުށް ހުޅުވާލައިފި އެވެ.

ލޮކްޑައުންއަށް ލުއިދޭއިރު، ފުރަތމަ ފިޔަވަހީގައި ވިޔަފާރިތަކުން ހުއްދައަށް އެދި ހުށަހަޅަންޖެހޭނީ ސިޓީ ކައުންސިލްގެ ޕޯޓަލް އަކަށް ކަމަށް އިއްޔެ ފުލުހުން ވަނީ ހާމަކޮށްފަ އެވެ. ސިޓީ ކައުންސިލަށް ހުށަހެޅުމުން ހުއްދަ ދޭނީ ފުލުހުންނެވެ.

އެގޮތުން ހުއްދައަށް އެދި ހުށަހެޅުމަށް ސިޓީ ކައުންސިލުން މިއަދު ވަނީ ޕޯޓަލްއެއް ގާއިމްކޮށް އެކަން އިއުލާން ކޮށްފައެވެ. އެ ޕޯޓަލް، ސިޓީ ކައުންސިލްގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދޭ ފަރާތްތަކުން ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރަން ޖެހޭނެ އެވެ. އަދި ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ. އެ ގަޑިތަކުގެ ފަހުން ހުއްދައަށް އެދޭ ފަރާތްތަކުގެ މަސައްކަތްތައް ހިނގާނީ ޖެހިގެން އަންނަ ދުވަހު ކަމަށް ވެސް ވަނީ ބުނެފަ އެވެ،

ހުއްދައިގެ ކަންތަކާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން އެ ގަޑީގައި 3306719 އަށް ގުޅައި މައުލޫމާތު ސާފު ކުރުމަށް ސިޓީ ކައުންސިލުން ވަނީ އެދިފަ އެވެ.

މީގެ ކުރިން އާންމުންނަށް ދޫކޮށްފައި ހުރި ހުއްދަތަކާއި ވިޔަފާރި ހުއްދަތަައް އަދިވެސް ބޭނުން ކުރެވޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އިތުރު ހުއްދައަށް ހުށަހެޅުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށާއި މިހާރު ހުށަހެޅިފައިވާ ހުއްދަތައް ޕްރޮސެސްކޮށް ދޫކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ހުއްދަ ދޫނުކުރާނީ ހަމައެކަނި ކަރަންޓީނުގައި ނުވަތަ އަންޑާ މޮނީޓަރިންގެ ދަށުގައި ހުރި ތަންތަނަށް އެކަނި ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް