ކޮވިޑް-19 އޮޕަރޭޝަނުގައި ސިފައިންގެ މަސައްކަތަށް ޝަމާލްގެ ތައުރީފު

އޭޕްރީލް 15، 2020: ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19އާ ދެކޮޅަށް ރާއްޖޭގެ މުއައްސަސާތައް ގުޅިގެން ހިންގަމުންދާ އޮޕަރޭޝަނުގައި ސިފައިން އަދާކުރަމުން ގެންދާ އެކިއެކި ދައުރުތަކާއި ކުރަމުން ގެންދާ މަސައްކަތްތަކަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19އާ ދެކޮޅަށް މުޅި ރާއްޖޭގައި ހިނގަމުންދާ ބޮޑު އޮޕަރޭޝަނުގައި ސިފައިންގެ މައިގަނޑު ދައުރަކީ ލޮޖިސްޓިކްސް މަސައްކަތް ނަމަވެސް، ފްރަންޓްލައިންގެ އެހެނިހެން މަސައްކަތްތަައްވެސް ސިފައިން ކުރަމުންދެއެވެ.

މިއަދު އެމްއެންޑީއެފްއިން ނެރުނު އެ އޮޕަރޭޝަނާ ބެހޭ ވީޑިއޯއެއްގައި ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ވިދާޅުވީ، މާލޭގެ އިތުރުން ސިފައިންގެ އޭރިއާ ކޮމާންޑުތަކުންވެސް ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ. ޝަމާލް ވިދާޅުވީ، އެ އޮޕަރޭޝަނުގައި އޭރިއާ ކޮމާންޑުތަކުގެ ޒިންމާއާއި ދައުރުވެސް ވަރަށް ބޮޑު ކަމަށެވެ.

"އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ ގައުމީ ދިފާއީ ބާރުގެ އޭރިއާ ކޮމާންޑުތަކުގެ، މާލޭ އޭރިއާ ކޮމާންޑާއި މިހާރު މި އޮޕަރޭޝަނަށް އެކުލަވާލެވިފައި މި އޮތް ޖޮއިންޓް ޓާސްކް ފޯސްއާއި މާލޭ އޭރިއާ ކޮމާންޑާއި ގުޅިގެން ގެންދާ އިރުވެސް، އަދި ވަކިން ހާއްސަކޮށް ސަރަހައްދުތަކުގެ ކޮމާންޑުތައްވެސް އޭގެ ތެރޭގައި ނޮދަން އެރިއާ ކޮމާންޑާއި، ސެންޓްރަލް އޭރިއާ ކޮމާންޑާއި ސަދަން އޭރިއާ ކޮމާންޑުގެވެސް ވަރަށް ބޮޑު ހިއްސާއެއް އޮތްކަން އަޅުގަނޑު ފާހަގަ ކުރަން،" ޝަމާލް ވިދާޅުވިއެވެ.

ހުޅުމާލޭގައި އިމާރާތް ކުރި 290 އެނދުގެ ކޮވިޑް ވިލެޖުގެ މަސައްކަތުގައިވެސް އިސް ދައުރެއް އަދާ ކުރީ ސިފައިންނެވެ. ސިފައިންގެ އިސްނެގުމުގެ މަތިން ކުރިއަށް ގެންދިޔަ އެ މަސައްކަތުގައި އެހެން މުއައްސަސާތަކުގެ މުވައްޒަފުންވެސް ބައިވެރިވެއެވެ.

ކޮވިޑް ވިލެޖުގެ މަސައްކަތުގައި އުޅުނު ބަޔަކު ޕޮޒިޓިވްވެ، ބޮޑު ކްލަސްޓާއެއް އުފެދުނު އިރު ސިފައިންގެ ބަޔަކުވެސް ކޮވިޑް19 އަށް ޕޮޒިޓިވްވިއެވެ. އެހެން ނަމަވެސް އެތަނުގެ މަސައްކަތް، ޑައިރެކްޓް ކޮންޓެކްޓުންނާއެކުވެސް ލޮކްޑައުންވެގެން ނިންމާލެވުނުކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.

"އެ ކުދިން ބުނަމުން ގެންދިޔައީ ކޮންމެ ގޮތެއް ހަދާފައިވެސް މިކަން ނިންމާފައި ނޫނިއްޔާ ތިމަންނަމެން ބޭނުމެއް ނޫނޭ ކަރަންޓީނަށް ދާކަށް. އެހެންވީމަ މުޅި އެތަން ލޮކްޑައުންކޮށްގެން މަސައްކަތް ކުރަމުން ގެންދިޔައީ،" ޝަމާލް ވިދާޅުވިއެވެ.

އެ ވީޑިއޯގައި ޝަމާލް އިތުރަށް ވިދާޅުވީ، ކޮވިޑް19އިން ދިވެހި ރައްޔިތުން ސަލާމަތް ކުރަން ކޮންމެ ފަދަ ގުރުބާނީއެއްވެސް ދިވެހި ސިފައިން ވާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކޮވިޑް19 ބަލިމަޑުކަމުން ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި ދިވެހި ސިފައިން ހަމަ ވެވެން ހުރި ގުރުބާނީއެއް ވާނެ. އެންމެ ފަހު މީހާއާ ހަމައަށްވެސް ސިފައިން ދާނީ މަސައްކަތް ކުރަމުން،"

ކޮވިޑް-19އާ ގުޅިގެން އޮޕަރޭޓު ކުރާ ހުރިހާ ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ސިފައިން ހަރަކާތްތެރިވެއެވެ. ކެއްކުމާ ހަމައިން ފެށިގެން ފެސިލިޓީތައް މެނޭޖުކޮށް ހިންގުމުގައިވެސް ސިފައިން މަސައްކަތް ކުރެއެވެ. ކޮންމެ ފެސިލިޓީއެއްގައި ސިފައިންނާ އެކު ފުލުހުންނާއި ޑޮކްޓަރުން ތިބޭ އިރު، ފެސިލީތަކުގައި އިސްކޮށް ހަރަކާތްތެރިވަނީވެސް ސިފައިންނެވެ. މީގެ އިތުރުން ފްރަންޓުލައިނުގައިވެސް ސިފައިން ކުރާ އެހެނިހެން މަސައްކަތުގެ ތެރެއިން ބައެއް ސިފައިން ވަނީ ބައްޔަށް ޕޮޒިޓިވްވެސްވެފައެވެ.

comment ކޮމެންޓް