އޮޅުވެލީގައި މީހަކު މަރުވެފައި އޮތް ކަމަށް ބުނެ ދޮގު ހަބަރު ފެތުރި މައްސަލަ ތަހުގީގު ކުރަނީ

އޮޅުވެލި ބީޗު ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް --

އޮޅުވެލި ރިސޯޓު އިސޮލޭޝަން ފެސިލީގައި ބަހައްޓާފައިހުރި މީހަކު މަރުވެފައި އޮތް ކަމެއް ބުނެ މީސް މީޑިއާގައި ދޮގު ހަބަރު ފެތުރި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

އެ ރިސޯޓުގެ އައިސޮލޭޝަން ފެސިލިޓީގައި މީހަކު މަރުވެފައި އޮތް ކަމަށް ބުނެ ފޮޓޯއަކާއެކު މީސް މީޑިއާގައި ފަތުރަމުންދާ ހަބަރާ ގުޅިގެން ފުލުހުން މިރޭ ބުނީ، އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.

"މި ނާޒުކު ދަނޑިވަޅުގައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަަށް ޝޯޝަލް މީޑިއާގައި މިފަދަ ދޮގު މައުލޫމަތު ފެތުރި މައްސަލަ މި ސާވިސް އިން ތަހުގީގުކޮށް ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގައި ދަންނަވަން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެ ޕޯސްޓް ޝެއާ ކުރެވިފައިވާ މީހުންވެސް އެ ޕޯސްޓް ޑިލީޓްކޮށް، އިތުރަށް ޝެއާ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުން އިތުރަށް ބުނީ، ކޮވިޑް19އާ ގުޅޭ ގޮތުން ދޮގު މައުލޫމަތު ފަތުރާ މައްސަލަތައް އެ މުއައްސަސާއިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާނެ ކަމަށެވެ. އަދި އެފަދަ އަމަލުތައް ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް