ފާޑުކިޔުންތައް ބޮޑުވެ ޒަކިއްޓެ މައާފަށް އެދިއްޖެ

ހަސަން އިރުފާން (ޒަކިއްޓެ) --- ފޮޓޯ : ޒަކިއްޓެ / ފޭސްބުކް

ހަސަން އިރުފާން (ޒަކިއްޓެ) ދާދި ފަހުން ސޯޝަލް މީޑިއާގައި ފާޅުކުރި ހިޔާލާ ގުޅިގެން އޭނާ ހޫނު ފެނަށް ވެއްޓި މައްސަލަ ގޯސްވެފައިވަނިކޮށް އޭނާ އެންމެ ފަހުން މައާފަށް އެދިއްޖެ އެވެ.

ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒުގެ ލަވަތަކާ ގުޅޭގޮތުން ސުވާލު އުފައްދާ ޒަކިއްޓެ އާންމުކުރި ހިޔާލަކާ ގުޅިގެން ދިވެހީންގެ ފަރާތުން އޭނާއަށް ފާޑުކިޔުން ރައްދުވެ މައްސަލަގަނޑު ވަނީ ހޫނުވެފަ އެވެ. މުޅި އިންޓަނެޓްގެ އެކި ޕްލެޓްފޯމްތަކުގައި ޒަކިއްޓެއާ ދެކޮޅަށް ތަފާތު ވާހަކަތައް ދައްކަން ފަށައި އޭނާއަށް މަލާމަތްކުރަން ހެދުމުން އެންމެފަހުން އޭނާ ވަނީ ދާދި ފަހުން ސޯޝަލް މީޑިއާ އެކައުންޓުތައް ޑީއެކްޓިވޭޓްވެސް ކޮށްފަ އެވެ.

ނަމަވެސް ޒަކިއްޓޭ އެނބުރި އައިސް ދާދި ދެންމެއަކު އޭނާ ކުރި ޕޯސްޓެއްގައި ބުނީ، އޭނާ ދެއްކުނު ވާހަކަތަކާ އެކަމާ މެދު އަމަލުކޮށްފައިވާ ގޮތަށް މައާފަށް އެދޭ ކަމަށެވެ.

އިއްޔެ ޒަކިއްޓެ ސޯޝަލް މީޑިއާގައި ފުރަތަމަ ޕޯސްޓުކޮށްފައިވަނީ އަލީ ރަމީޒުގެ ލަވަތަކާ ގުޅޭގޮތުންނެވެ. އޭނާ ބުނީ، އަލީ ރަމީޒުގެ ލަވަތަކުގެ 80 ޕަސެންޓު ލަވަތަކަކީ ކޮންމެވެސް އާޓިސްޓެއް ކޮޕީކޮށްގެން އުފައްދާފައިވާ ލަވަ ކަމަށެވެ.

އެ ވާހަކަ ދިފާއު ކުރަމުން ޒިކިއްޓެ އިއްޔެ ބުނެފައި ވަނީ އަލީ ރަމީޒުގެ ލަވަތަކަކީ ކޮޕީއެއް ކަމަށް ބުނެފައިވާ ވާހަކީއަކީ ގޯސް ވާހަކައެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އެއަށްފަހު އޭނާ ދެއްކި ވާހަކަތަކަކީ އެހާ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށާއި އެކަމަށް މައާފަށް އެދޭ ކަމަށް ޒަކިއްޓެ ބުންޏެވެ.

ޒަކިއްޓެ އެ އީޝާރަތްކުރަނީ އެ ޕޯސްޓަށް މީހަކު ކުރި ކޮމެންޓަކަށް އޭނާ ދިން ރައްދަށެވެ. އެ ރައްދުގައި އޭނާ ވަނީ ޒަކިއްޓެގެ މިއުޒިކް ކެރިއަރާއި އަލީ ރަމީޒުގެ މިއުޒިކް ކެރިއަރާ އަޅާ ކިޔައި ވާހަކަ ދައްކާފަ އެވެ. ޒަކިއްޓެ ބުނީ އޭނާއަކީ އެއްވެސް މީޑިއާއެއްގެ އެހީއަކާ ނުލައި އަމިއްލަ ނަމެއް ހޯދި މީހެއް ކަމަށާއި، އަދި އަލީ ރަމީޒަކީ "ޓީވީއެމްގެ ޕްރޮޑަކްޓެއް" ކަމަށެވެ.

އޭނާ އެ ހާލަތުގައި އަމަލުކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށް އޭނާ ގަބޫލުކުރެ އެވެ. ނަމަވެސް މައްސަލަ ހޫނުވެ އެހެން މީހުން އޭނާއަށް މަރުގެ އިންޒާރު ފޮނުވާ އާއިލާގެ ފަރާތްތަކަށް ފުރައްސާރަކުރާ ހިސާބަށްވެސް މައްސަލަ ގޮސްފައިވާ ކަމަށް އޭނާ ބުންޏެވެ.

އޭނާއަށް އޮޅިގެން ގޯހެއް ހެދުނު ނަމަވެސް އެފަދަ ނަފްރަތެއް އޭނާއަށް ރައްދުވުން ހައްގު ނޫން ކަމަށް ޒަކިއްޓެ ބުނެފައިވެ އެވެ.

comment ކޮމެންޓް