ޓޭލާގެ އާ އަލްބަމް ހުކުރު ދުވަހު

ޓޭލާގެ އާ އަލްބަމް "ޓޯޗާޑް ޕޮއެޓްސް ޑިޕާޓްމަންޓް"ގެ އަލްބަމް ކަވަރު

މިއުޒިކް އިންޑަސްޓްރީގައި މި ވަގުތު ހުރި އެންމެ ނުފޫޒުގަދަ އެއް ލަވަކިޔުންތެރިޔާ ކަމަށްވާ ޓޭލާ ސްވިފްޓްގެ އާ ސްޓޫޑިއޯ އަލްބަމް މި ހަފުތާ ބަންދުގައި ރިލީޒްކުރަން ތައްޔާރުވެއްޖެއެވެ.

ޓޭލާގެ އާ ސްޓޫޑިއޯ އަލްބަމް އިއުލާނުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މިއީ ޓޭލާގެ 11 ވަނަ ސްޓޫޑިއޯ އަލްބަމެވެ. މި އަލްބަމަށް ކިޔާނީ "ދަ ޓޯޗާޑް ޕޮއެޓްސް ޑިޕާޓްމެންޓް" އެވެ.

އަލްބަމް ރިލީޒްކުރުމުގެ ތާރީހު ގާތްވަމުން އަންނަ ވަރަކަށް ފޭނުންގެ މެދުގައި އަލްބަމަށް އޮތް ކެތްތެރިކަން އަންނަނީ ކުޑަވަމުންނެވެ. އަދި، އެއްބައި ފޭނުން އަންނަނީ އަލްބަމް އަޑުއެހުމަށްޓަކައި މުޅި ޝެޑިއުލްތައް ހުސްކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

މި އަލްބަމް މި ހުކުރު ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާއިރު އަލްބަމް ރިލީޒްއާ އެކު މުޅި ސޯޝަލް މީޑިއާއިން ފެނިގެންދާނީ އަލްބަމްއާ ގުޅޭ އެކި ކަހަލަ ވާހަކަތަކާއި މީމްތަކެވެ.

ޓޭލާގެ އާ އަލްބަމްގެ މިއުޒިކް ތީމް ހިމެނޭ ބައެއް ލިރިކްސްތައް ވެސް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އަދި، އާ އަލްބަމްގެ ކަވާ އާޓް ވެސް ވަނީ އޭނާ އާންމުކޮށްފައެވެ. މި އަލްބަމްގައި ހިމެނެނޭނީ 17 ލަވައެވެ.

ޓޭލާ މިދިޔަ އަހަރު ވަނީ ގިނަ އަދަދަކަށް މިއުޒިކް ރިލީޒްކޮށްފައެވެ. ނަމަވެސް އެއީ އޭނާގެ ކުރީގެ އަލްބަމްތަކުގެ ރީ ރިކޯޑުތަކެވެ. އެންމެ ފަހުން އާ ސްޓޫޑިއޯ އަލްބަމެއް ނެރެފައިވަނީ 2022 ވަނަ އަހަރެވެ. އެއީ މިޑްނައިޓްސްއެވެ.

މިދިޔަ އަހަރަކީ ޓޭލާއަށް އެންމެ ބިޒީ އެއް އަހަރެވެ. އެގޮތުން އޭނާގެ ކުރީގެ ދެ އަލްބަމް ކަމަށްވާ "ސްޕީކް ނައު" އާއި "1989"ގެ ލަވަތައް އަލުން ރެކޯޑުކޮށް ވަނީ ރިލީޒްކޮށްފައެވެ. އޭގެ އިތުރުން އޭނާގެ ބޮޑު މިއުޒިކް ޓުއާ ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް