ޝަކީރާއަށް ބާބީ ކަމަކު ނުދިޔަ

ޕޮޕް މިއުޒިކްގެ އެންމެ ވަރުގަދަ އަންހެން ޕަފޯމަރުންގެ ތެރޭގައި ހިމެނޭ އެކަކު ކަމަށްވާ ޝަކީރާއަށް، އަންހެނުން ބާރުވެރި ކުރުވައިދޭ މެސެޖުގެ ހިޓު ފިލްމު "ބާބީ" ކަމު ނުދާ ކަމުގައި އެންމެ ފަހުން ހާމަކޮށްފިއެވެ.

މިދިޔަ އަހަރު ނެރުނު ހިޓު ފިލްމު ބާބީ އަކީ މިދިޔަ އަހަރު ބޮކްސް އޮފީހުގައި އެންމެ ބޮޑު ހިޓަކަށް ވީ ފިލްމެވެ. ފިލްމު ނެރުމާއެކު އަންހެނުންގެ ހައްގުތަކާއި އަންހެނުން ބާރުވެރި ކުރުމާ ގުޅޭގޮތުން ތަފާތު އެކި ކަހަލަ ހިޔާލުތައް އާންމުވާން ފެށިއެވެ. ނަމަވެސް އަނެއް ބަޔަކު އެކަމާ ދެކޮޅުވެސް ހެދިއެވެ.

ކޮންމެއަކަސް ބާބީ އާ ގުޅޭ ބަހުސްތައް މިހާ ހިސާބަށް އައި އިރު އޮތީ ގާތްގަނޑަކަށް ހިނދިފައެވެ. ނަމަވެސް ދާދިފަހުން "އެލުއާ މެގަޒީން" އަށް ދިން އިންޓަވިއު އެއްގައި ޝަކީރާ ވަނީ ފިލްމާ ގުޅޭގޮތުން އޭނާގެ ހިޔާލުތައް ހިއްސާ ކޮށްފައެވެ.

ޝަކީރާގެ 11 އަހަރުގެ ފިރިހެން ދަރި ސާޝާ އާއި ނުވަ އަހަރުގެ ފިރިހެން ދަރިފުޅު މީލާ ވަނީ ދާދިފަހުން ބާބީ ބަލާފައެވެ. އަދި ދެ ކުދީންނަށް ފިލްމު އެއްގޮތަކަށް ވެސް ކަމު ނުދާ ކަމަށް ޝަކީރާ ބުންޏެވެ. ފިލްމުން ދޭހަ ވެގެން ދިޔައީ ފިރިހެނުން ދަށް ކޮށްލާ ފަދަ މެސެޖެއް ކަމުގައި ދަރިންނަށް ސިފަ ވި ކަމަށް އޭނާ ބުންޏެވެ. އަދި އެކަން ޝަކީރާ ވެސް ގަބޫލު ކުރާ ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ގަބޫލު ކުރަނީ އަންހެނުންނާއި ފިރިހެނުންނަށް މުޖުތަމައުގައި ވަކި ހާއްސަ ރޯލެއް އޮތް ކަމަށް. އަދި ދެމީހުންގެ ރޯލަކީ އެކަންތައް އޮންނަން ޖެހޭނެ ގޮތް،" ޝަކީރާ އިތުރަށް ކިޔައިދިނެވެ.

އަންހެނުން ބާރުވެރި ކުރުމުގެ މަސައްކަތުގައި ފިރިހެނުންނަށް ފިރިހެނަކަށް ވުމުގެ ފުރުސަތު ގެއްލޭ ކަމަށް އޭނާ ފާހަގަކުރިއެވެ. ފިލްމުން ދޭހަވީ އެފަދަ މެސެޖެއް ކަމުގައި ޝަކީރާ ބުންޏެވެ.

ޝަކީރާގެ މި ކޮމެންޓާ ގުޅިގެން އެތައް ބަޔަކު އަންނަނީ އޭނާ އަށް ފާޑު ކިޔަމުންނެވެ. އަދި ބާބީ މުޅި ފިލްމުގެ މެސެޖު އޭނާގެ ބޯމަތީން ގޮސްފައިވާ ކަމަށް ވެސް އެތައް ބަޔަކު ގަބޫލުކުރެއެވެ.

ބާބީ ފިލްމުގެ މައިގަނޑު މެސެޖަކީ އަމިއްލަ އަޒުމު ކަނޑައަޅައިިފި ނަމަ ކޮންމެ އަންހެނަކަށް ވެސް ބޭނުން ކޮންމެ މީހަކަށް ވެވިދާނެ ކަމެވެ. އަދި ގިނަ ފަހަރަށް އަންހެނުންގެ ކުރިއެރުމަށް އޮތް މައިގަނޑު ހުރަހަކީ ފިރިހެނުންގެ ތެރޭގައި ހެދިފައި ހުންނަ ގަވާއިދުތަކާއި ބައެއް ކަހަލަ އާދަތައް ކަމުގައި ފިލްމުން ދައްކައިދެއެވެ. މިފަދަ ހާލަތްތަކަކީ ދުނިޔޭގެ އެކި މުޖުތަމައުގެ ދިރާސާތަކުން ވެސް ސާބިތުވާން ހުރި ކަންތައްތަކެވެ.

comment ކޮމެންޓް