ގައުމަށް އޮތް ލޯބި، ޑިޓިއުން އަންގައިދިނީ ލަވައަކުން

ޑިޓިއުން ބޭންޑުގެ އާ އޮރިޖިނަލް ލަވަ "މީ ރާއްޖެ" ރިލީޒްކޮށްފި އެވެ.

ރާއްޖެއަށް އޮތް ލޯބި އަންގައިދޭ ގައުމީ ވަންތަކަމުގެ ރޫހު ފެނިގެންދާ އާ ސިންގަލް ނެރެފައިވަނީ ގައުމުގެ ހާލަތާ މެދު ކުރެވޭ އިހުސާސް ފާޅުކުރުމުގެ ގޮތުން ކަމަށް އެ ބޭންޑުން ބުންޏެވެ.

ސަން އަށް މައުލޫމާތު ދެމުން އެ ބޭންޑުގެ ލަވަކިޔުންތެރިޔާ ފެޒޫ ބުނީ، އެ ލަވައަކީ ތަންކޮޅެއް ކުރީންވެސް ލިޔެފައިވާ ލަވައެއް ކަމަށެވެ. އެހެންނަމަވެސް ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ގައުމު ދެކެ ވާ ލޯބި އިހުސާސްކުރެވި އެ ލަވަ ނެރުމަށް ބޭނުންވީ ކަމަށް ފެޒު ބުންޏެވެ.

ކޮވިޑް-19 ގެ ކުރީން ޑިޓިއުން އިން ދިޔައީ ރިސޯޓުތަކަށް ގޮސް ލަވަ ކިޔައިދީ ހަދަމުންނެވެ. އެގޮތަށް ގޮސް އުޅޭއިރު ފަތުރުވެރިންގެ ފަރާތުން ގައުމަށް ތައުރީފުކޮށް މެމްބަރުންނާ ވާހަކަ ދައްކާ ކަމަށް ފެޒު ބުންޏެވެ.

"ޓޫރިސްޓުން ބުނާނެ ކޮން ކަހަލަ އިހުސާސެއް ހޭ ކުރެވެނީ އަސްލު ދުނިޔޭގެ ސުވަރުގެ ފަދަ ތަނަކަށް އުފަންވީމަ. އަޅުގަނޑުމެން ބުނަނީ ވަކި ތަފާތު ހާއްސަ ކަމެއްގެ ގޮތުގައި ނުދެމޭ،" ފެޒު ބުންޏެވެ.

އެހެންނަމަވެސް ކޮވިޑް-19 އާއެކު ފުރަބަންދުވެ ގޭގެ ހަތަރު ފާރުގެ ތެރޭގައި ތާށިވެފައި ތިބެން ޖެހުމުން ރާއްޖޭގެ ރީތިކަމާ އެފަދަ ކަންތައްތައް މަތީން އިހުސާސު ކުރެވޭ ކަމަށް އޭނާ ބުންޏެވެ.

"އެ އެއްޗެއް ނެތި ނުވަތަ ނުލިބޭ ކަހަލަ ހާލަތެއް ޖެހުނީމަ އަސްލު އެނގެނީ އެ އެއްޗެއްގެ މުހިއްމުކަން،" ފެޒު ބުންޏެވެ.

އެހެންކަމުން މިއީ ރާއްޖެ ސިންގަލް ނެރެން ބޭނުންވި ކަމަށް އޭނާ ބުންޏެވެ. އެ ލަވައަކީ ރާއްޖޭގެ ރީތި ކަމާއި ދިވެހިން އުޅެ ބޮޑުވި މާހައުލު ސިފަކޮށްދޭން ތައްޔާރުކޮށްފައިވާ ލަަވައެއް ކަމަށް އޭނާ ވަނީ ބުނެެފައެވެ.

އެ ލަވަ ލިޔެ ތައްޔާރުކޮށްފައިވަނީ އަހުމަދު ފުރުގާން (ފޫޖީ)އެވެ. ލަވައިގެ މިއުޒިކް ތައްޔާރުކޮށް ކިޔާ ހަދާފައިވަނީ ބޭންޑުގެ މެމްބަރުންގެ ގޭގައި އަމިއްލަ ސްޓޫޑިއޯގައެވެ. އެއަށްފަހު ހުރިހާ އެންމެންގެ ކޮންޓެންޓް ފޫޖީ އަށް ފޮނުވުމުން އޭނާ އެތަކެތި ކޮމްޕޯސްކޮފައިވާ ކަމަށް ފެޒު ބުންޏެވެ.

ފެޒު ބުނީ، ފުރަބަންދު އުވާލުވުމުން ލަވައިގެ މިއުޒިކް ވީޑިއޯއެއް އުފެއްދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އޭގެ ކުރީން މަސައްކަތް ކުރާނީ ބޭންޑުގެ އަލްބަމްގެ ސިންގަލްތައް ރިލީޒުކުރުމަށް ކަމަށް ފެޒު ބުންޏެވެ.

comment ކޮމެންޓް