ޖަޕާނަށް ޓްރިލިއަން ޑޮލަރުގެ އިތުރު ސްޓިމިއުލަސް ޕެކޭޖެއް

ޖަޕާނުގެ އިގުތިސާދު ވަނީ ރިސެޝަނަކަށް ވެއްޓިފަ -- ފޮޓޯ: އޭއެފްޕީ

ޓޯކިޔޯ (މެއި 28): ޖަޕާނުގެ އިގުތިސާދަށް ކޮރޯނާވައިރަހުން ލިބޭ ގެއްލުން ކުޑަކުރުމަށް އެގައުމުން އެއް ޓްރިލިއަން ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖެއް އިއުލާންކޮށްފި އެވެ.

މިދިޔަ އޭޕްރިލް މަހު 989 ބިލިއަން ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖެއް ފާސް ކުރި ޖަޕާނުން އިއްޔެ ވަނީ އިތުރު 117 ޓްރިލިއަން ޔެން (1.1 ޓްރިލިއަން ޑޮލަރު)ގެ ސްޓިމިއުލަސް ޕެކޭޖެއް ތައާރަފް ކުރަން ނިންމާފަ އެވެ.

އެ ޕެކޭޖުގައި ވަކި ފަރުދުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުލި ސަބްސިޑީތައް ދިނުމަށާއި ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ފައިސާ ކަނޑައަޅާފައިވެ އެވެ. އަދި ބަލިމަޑުކަމުގެ ތެރޭގައި ސިއްހީ މައިދާނުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ ކޮންމެ މުވައްޒަފަކަށް 200،000 ޔެން (1،860 ޑޮލަރު) ދޭން ސަރުކާރުން ފާސްކޮށްފައިވެ އެވެ. އެ ޕެކޭޖަށް ފަންޑު ކުރަން ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހު ޕާލިމެންޓުން ފާސް ކުރާނެ ކަމަށް ބެލެވޭ ސަޕްލިމެންޓަރީ ބަޖެޓަކުންނެވެ.

ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު އިގުތިސާދު ކަމަށްވާ ޖަޕާން މިހާރު ވަނީ ރިސެޝަނަކަށް ގޮސްފަ އެވެ. އެއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެގައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތް -1.9 ޕަސެންޓަށް ވެއްޓި، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ނިސްބަތް -0.9 ޕަސެންޓަށް ދަށްވުމުންނެވެ. އަދި ކަމާ ބެހޭ މާހިރުން ވަނީ މިއަހަރު އެގައުމުގެ އިގުތިސާދީ ކުރިއެރުން އިތުރަށް ދަށަށް ދާނެ ކަމަށް ލަފާކޮށްފަ އެވެ.

ޖަޕާނުގައި 16،000 އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 858 މީހަކު ވަނީ މަރުވެފަ އެވެ. މި ހަފްތާ ތެރޭ އެގައުމުގެ ސަރުކާރުން ވަނީ ވައިރަހުގެ ކޭސްތަކުގެ ގުދު ފަތި ކުރެވިފައިވާ ކަމަށް ބުނެ އެގައުމުގައި އިއުލާންކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާފަ އެވެ.

comment ކޮމެންޓް