އިންޑިއާގައި ގޮއްފުޅަނގި ގިނަވެ، ދަނޑުތަކަށް ގެއްލުން ދެނީ

އިންޑިއާގައި ގޮއްފުޅަނގީގެ ބައިގަނޑުތައް ގިނަވެ، ދަނޑުތަކަށް ދަނީ ގެއްލުން ދެމުން -- ފޮޓޯ: އޭއެފްޕީ

ދިއްލީ (މެއި 27): އިންޑިއާގެ ހުޅަނގާއި މެދުތެރޭގެ ބައެއް ސްޓޭޓުތަކުގައި ގޮއްފުޅަނގި ގިނަވެ، އެތަކެތި ދަނޑުތަކަށް ގެއްލުން ދެމުންދާ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

އިންޑިއާއަށް ފާއިތުވި 27 އަހަރު ތެރޭ ކުރިމަތިވި އެންމެ ގެއްލުން ބޮޑު ގޮއްފުޅަނގީގެ ތޫފާނުގެ ގޮތުގައި ސިފަކޮށްފައިވާ އެ މައްސަލަ ފެށިފައި ވަނީ ޕާކިސްތާނުން އިންޑިއާއަށް ވަތް ގޮތްފުޅަނގީގެ ބައިގަނޑުތަކުގެ ސަބަބުންނެވެ. އެ ގޮއްފުޅަނގިތައް ރާޖަސްތާނާއި ގުޖުރާތާއި މަހާރަޝްތުރާ އާއި މަދުޔަ ޕްރަދޭޝްގެ ދަނޑުތަކަށް ގެއްލުން ދިނުމަށް ފަހު މިހާރު އުއްތަރަ ޕްރަދޭޝްއަށް ވަންނަމުންދާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އެންޑީޓީވީން ބުނި ގޮތުގައި ގޮއްފުޅަނގި ބައިގަނޑުތަކުން ވަނީ މިހާތަނަށް 42،000 ހެކްޓަރުގެ ދަނޑުބިމަށް ގެއްލުން ދީފަ އެވެ. އަދި ގޮއްފުޅަނގިތައް މެރުމަށް ބޭސް ޖެހުމުގެ ގޮތުން 700 ޓްރެކްޓަރާއި 75 ފަޔާ އިންޖީނާއި ޑްރޯނާއި އެހެނިހެން އުޅަނދުތައް ބޭނުން ކުރަމުންދާ ކަމަށް އިންޑިއަން ކައުންސިލް އޮފް އެގްރިކަލްޗަރަލް ރިސާޗްއިން ބުންޏެވެ.

އިންޑިއާގެ ދަނޑުވެރިންނަށް ގޮއްފުޅަނގީގެ ތޫފާނަކާ ކުރިމަތިލާން ޖެހިފައި ވަނީ، ކޮރޯނާވައިރަހުގެ ސަބަބުން މިދިޔަ މާޗް މަހު ގައުމު ކުއްލި ގޮތަކަށް ފުރަބަންދު ކުރުމުން ލިބުނު ގެއްލުމުން އަރައިގަތުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ އިތުރުން އިރުމަތީ އެފްރިކާގައި އެތައް ބިލިއަން ގޮއްފުޅަނގިއެއް ދަނީ ފެތުރެމުންނެވެ. މި އަހަރުގެ ކުރީކޮޅު އދ.އިން ވަނީ އެއީ ފާއިތުވި 25 އަހަރު ތެރޭ އެސަރަހައްދުގެ ސޯމާލިއާ އާއި އިތިއޯޕިއާއަށް އެރި އެންމެ ބޮޑު ގޮއްފުޅަނގީގެ ތޫފާން ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް