ރޭ މަރުވި ބަންގްލަދޭޝްގެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޭރުގައި ބަޔަކު މަޑުކޮއްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޭ މާލޭގައި މަރުވި ބަންގްލަދޭޝްގެ ރައްޔިތަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެ ބިދޭސީ މީހާ އަކީ ރޭ 10:45 ގައި ހޭނެތިގެން އައިޖީއެމްއެޗަށް ގެންދިޔަ މީހެއް ކަމަށެވެ.

އުމުރުން 46 އަހަރުގެ އޭނާ އަކީ ހިތުގެ ބަލި ހުންނަ މީހެއް ކަމަށާއި އޭނާ މަސައްކަތް ކުރަމުންދިޔައީ ދިވެހި އަމިއްލަ ފަރާތަކާ އެކު ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ރޭ 10:00 ގައި ފަރީދީމަގުގައި ހުރި ތަނެއްގައި އެ ބިދޭސީ މީހާ އުޅުނު ކަމަށާއި އޭނާ ދިރިއުޅެނީ އިތުރު ބަންގްލަދޭޝްގެ މީހުންނާއެކު ކަމަށެވެ. ނަމަވެސް އޭނާ އަކީ ތޮއްޖިގެން ބިދޭސީން އުޅޭ ތަނެއްގައި ދިރިއުޅެމުން އައި މީހެއް ނޫން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"ފެނުނުއިރުގައި ހޭވެރިކަން ނެތިގެން މަގުމަތިން ގެންގޮސްފައިވަނީ. އަދި އައިޖީއެމްއެޗަށް ގެންދެވުނު އިރުގައި ނިޔާވެފައި ކަމަށް ވަނީ ނިންމާފައި. ކޮވިޑަށް ޓެސްޓް ކުރުމުން ޕޮޒިޓިވްވެފައި ވަނީ،" މަބްރޫކް ވިދާޅުވި އެވެ.

އޭނާ އަކީ ހިތުގެ ބަލި މީހެއް ކަމަށް ވުމުން ބަލި ހާލަތު ހުރުމުގެ ގޮތުން މީގެ ދެ ތިން މަސް ދުވަސް ކުރިން މަސައްކަތް ކުރުން ހުއްޓާލުމަށްފަހު އެނބުރި ގައުމަށް ދިއުމަށް ނިންމައިގެން ހުރި ކަން މަބްރޫކް ފާހަގަކުރެއްވި އެވެ.

އެމީހާއާ ކޮންޓެކްޓްވި ހަތަރު މީހަކު ކަރަންޓީން ކޮށްފައިވާއިރު އެ މީހުންނަކީ އޭނާ ހޮސްޕިޓަލަށް ގެންދިޔަ މީހުންކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް