އައިޝާ ނަސީމްގެ ނިރުބަވެރިޔާ--

އީދުވިލޭރޭ މާޒިންއާއި އާލިޔާގެ ކައިވެނި ކުރެވުނީ އެކުދިން ރޭވިގޮތަކަށް ނޫނެވެ. ދެފަރާތު އާއިލާއިން ސިއްރުން އެކައިވެނި ހީނުކުރާހަ ކުލަގަދަކޮށް ބޭއްވިއެވެ. އާލިއާއަކީ ދީނީ ކުއްޖަކަށްވީމަ އަންހެނުންނާއި ފިރިހެނުންނަށް ވަކިން ތިބެވޭގޮތަށް ރިޒޯޓްވެސް އޮތީ ތައްޔާރުކޮށްފައެވެ. އެންމެފަހު ވަގުތުގައި މިންކާ އާލިއާއަށް ގެނެސްދިން ހުދުކުލައިގެ ހެދުމުގައި އަގުބޮޑު ޖަވާހިރުތައް ދަޅައަރާވަރުން ލޯ ތަރަތަރަޖަހައިގެން ދާވަރުވިއެވެ. އެހެދުން އޮތީ އާލިޔާގެ ގަޔަށް އެހާ ހެޔޮވަރުކޮށެވެ. އިސްރާފުކުރުމުގެ ހައްދެއް އޭނަގެ ބައްޕަމެންގެ ނެތޭ ހިތަށް އަރާ އާލިއާ ދެރަވިއެވެ.

އަރްސަން އެ ޕާޓީގައި ހުންނަ ހިތެއްވެސް ނުވިއެވެ. ފޫހިވީ އަޔާޒުއާއި އަދާ އެކީ އައިސް ލޯންޗުން ފޭބި މަންޒަރު ފެނިފައެވެ. އޭނަގެ ބަދަލުގައި އަދާގެ އަތުގައި ހިފައިލީ އަޔާޒު ކަމުގައި ވީތީއެވެ.

"ޝިޓް. އެންމެން ހިތަށް އަރާނެ މަށަށް ކަމެއް ނުވިއޭ.." އަރްސަން ފަޓުލޫގެ ޖީބަށް އަތް ޖަހައިލިއެވެ.

"ތިއީ ލޯތްބެއް ނޫން..." މަހުދީއަށް ހެވުނެވެ.

"ތިހެން ބުނި ދެވަނަ މީހާ ތި..." އަރްސަން ސިހޭގޮތްވިއެވެ.

"ލޯބިވަންޏާ ތިފާޑަކަށް ވާހަކަ ނުހުންނާނެ. އެހެން މީހުން ހިތަށްއަރާނެ އޭ ކަމެއް ނުވިއޭ. ލޯބިވާ މީހަކު އުޅޭގޮތަކަށް ސޭމް އުޅޭތަނެއް މަ ނުދެކެން. އަމިއްލަ ނަފުސާއި ސުވާލުކޮށްބަލަ. ތިއީ ހަގީގީ ލޯތްބެއްތަ؟އެހެންމީހުން ވިސްނާނެ ގޮތަކާމެދު ޚިޔާލުނުކޮށް ބީ ޔޯ ސެލްފް.އަމިއްލަ ޕްރޮޕަޓީއެއް ކަމަށް ހަދައިގެން އަދާ ގެންގުޅެން އުޅުނަސް އެ ގެއްލުނީ. އެހެން ޕާޓްނާއެއް ހޯދާ. އަދާއަށްވުރެ ރީތި ކުދިން ޚާންދާނުގައި އުޅެއެއްނު. ޖީން ކިހިނެއްވާނެ؟ "

"މެޗްމޭކްކުރަން ނޫޅޭތި...."

"ވަން މޯ ތިންގް ސޭމް. އާލިއާއަކީ މަގޭ ކޮއްކޮ. އެހާ އެޓޭޗްވެ އަދި މިންކާމެންވަރުގެ ލޯތްބެއް ހިތުގައި ނެތަސް އޭޒް އެ ބިގް ބްރަދާ އަހަރެން ބޭނުން އޭނައަށް ހިމާޔަތްދޭން. ޒިންއާއިއެކު ސޭމް ތި ގޭމްގައި ބައިވެރިނުވާތި. މިންކާ މަގޭ ކައިރީ ބުނި އާލިޔާ އިސްތިޚާރާކޮށްފައޭ މެރީކުރީ. އޭނަ ޒިންދެކެ ލައިކްވެސް ވެޔޯ...."

"އިސްތިރިއޭ؟ ވަޓް ދަ ހެލް އިޒް ދެޓް..." އަރްސަން އެހިއެވެ.

"އެއީ އަރަބި ލަފުޒެއް..........." މަހުދީ މިންކާ އޭނައަށް ކިޔާދިންގޮތަށް ބުނެދިނެވެ. އަރްސަން ވިސްނަމުން ދިޔައީ އޭނައާއި މާޒިން އެކުޅިގަނޑު ކުޅުމުގެ ނިޔަތެވެ. އަދާގެ ދިރިއުޅުމަށް ގޮސް ދަތިކުރަންވެގެންނެވެ. އާލިޔާއަށް ދެރަގޮތަށް ނަހަދާ އާލިޔާގެ ލޯބި ހޯދަން އޭނަ މަސައްކަތްކުރާނީއެވެ. މާޒިން އާލިއާއާއި ކައިވެނި ކުރީ އޭނައަށްޓަކައެވެ. މަޖުބޫރުވެގެންނެވެ.

"މިއަށްވުރެ ފޫހި ޕާޓީއެއް ދެކުނިންތަ؟ ޔޯ އޯން ސިސްގެ ވެޑިން. ހަމަ އަސްލުގަވެސް ދިސް ސަކްސް.." އަރްސަން ގެ ތަބީއަތު ގޯސްވިއެވެ.

"ނުދެކެން..." މަހުދީވެސް ބުނެލިއެވެ.

"މައިކް ކޮއްކޮއަށް ވިސްނައިދީ...."

"ސޭމް މަގޭ އަޑު އަހައިގެނެއްނު އެހެން މީހަކު ގަބޫލުކުރާނީ. ބީ ޔޯ ސެލްފް. ސޭމް..."

މަހުދީއާ އެހެން އެކުވެރިންތަކެއް ވާހަކަދައްކަން ތިއްބާ އަރްސަން އޭނަގެ އިންސްޓަގްރާމަށް ލީ މުއްސަންޖެއްގެ ދަރިއެއްކަން އެނގޭފަދަ "ފޮނި" ފޮޓޯއެކެވެ. އަގުބޮޑު ޖެޓެއްގެ ތެރޭ އިނދެ ނަގާފައިވާ ރީތި ފޮޓޯއެކެވެ. ހިނދުކޮޅެއްގެ ތެރޭ އެތައް ގިނަ ލައިކްސްތަކާއި ކޮމެންޓްތަކުން ފުރުނެވެ. އަންހެންކުދިން ހަމަ މޮޔަވެފައެވެ. އަދިވެސް މީހުން މޮޔަވާފަދަ ފޮޓޯތައް މަދެއް ނޫނެވެ. އޭނަގެ ޕެންޓްހައުސް ޔޮޓް އަދި ޖެޓްގެ ފޮޓޯތަކެވެ. މިނިކާވަގަކާއި ބައްދާލައިގެން އިން ފޮޓޯއާއި ކޮންމެވެސް އެކަކު އޭނަގެ ގައިމައްޗަށް ޑޮލަރު އޮއްސަ ފޮޓޯއަކާއި ފިސްތޯލައެއް ހިފައިގެން ހުރި ފޮޓޯތައްވެސް އެހާ ރީއްޗެވެ. އޭނަ ދެން އުޅޭނީ އޭނަގެ ފެންވަރު އަންގާލައިގެންނެވެ. މުއްސަދި ޒުވާން ބިލިއަނަރެއްގެ ގޮތުގައެވެ.

ކައިވެންޏަށްފަހު އާއިލާގެ ފޮޓޯތައް ނެގިއިރު އާލިޔާވެސް މަހުދީމެންނާއެކު ފޮޓޯ ސެޝަނުގައި ބައިވެރިވިއެވެ. މަހުރަމުންނާއެކު އެކަނިއެވެ. އަރްސަންއަށް އާލިޔާ ފެނުމުގެ ނަސީބެއް ނުލިބުނެވެ. ކޮންމެހެން އޭނަ ހުރީ އާލިޔާ ފެންނާނެކަމުގެ އުއްމީދުގައެއް ނޫނެވެ. ނަމަވެސް އަދާއަށް ޖެއްސުމެއް ކޮށް އުދަގުލެއް ނުކުރެވިފައެވެ. ފިރިހެނުންގެ ބައިގާ އުޅުނުއިރު އަޔާޒްއާއި ޖިބްރީލް ގާތްކޮށް އުޅުނުތަން ފެނުމުން އޭނައަށް އުދަގޫވިއެވެ. ޖިބްރީލްވެސް އަޔާޒުއާއި ގާތްކަން ބާއްވަން ޖެހޭހެއްޔެވެ؟

"އޭމް އައި ގެޓިން ޖެލަސް އޮފް ހިމް އޯ ސަމްތިން..." އަރްސަން ބުމަ ގޮށްޖަހައިލިއެވެ.

***

ކައިވެންޏަށްފަހު މާލެ އަންނަންވެގެން ފާލަން ކައިރީ ތިބިއިރު އަޔާޒް ހުރީ އަދާގެ އަތުގައި ހިފަހައްޓާލައިގެންނެވެ. އެ މަންޒަރު އަނދިރީގެ ތެރޭ ހުރެ އަރްސަން ބެލިއެވެ. އޭނަ ހީކުރީ އަޔާޒް އޭނައަށް ދައްކަންވެގެން ކުޅޭ ޑްރާމާ ކަމަށެވެ. ގަސްތުގައި އަޔާޒު އަމަލުކުރާގޮތް ކަމުގައެވެ. އަތްވެސް މުށްކަވައިލެވުނެވެ. އެދިޔަ ބާރުމިނުގައި ގޮސް އަޔާޒްގެ މޫނުގައި އެތިފަހަރެއް ޖަހަން ހިތަށް އަރާފައިވެސް ކެތްތެރިވެލިއެވެ.

އަޔާޒްއާއި އަދާ ދައްކަމުން ދިޔައީ އަމިއްލަ ވާހަކައެކެވެ.

"އަޔާ އެކްސްވައިފް ކޮންމެވެސް ސްޓޭޓަސް އެއް ޖަހައިފިއެއްނު. ނުސީދާކޮށްވެސް އަޔާ މެރީކުރީމައޭ އެކޮމެންޓްޖެހީ. އަދި ކޮމެންޓެއްގައި އޮތެއްނު ކޮން ކަމެއް ސާބިތުކޮށްދޭން ހެއްޔޭ ބައެއް މީހުން އުމުރުން ތިމާގެ ދަރިން ވަރު މީހުންނާއި އިންނަނީ...."

"އަދާވެސް އޭނަގެ އެފްބީ ހާވަނީ؟ " އަޔާޒު ހައިރާންވިއެވެ.

"ނޫން މިންކް ބުނީ..." އަދާ ހީގަތެވެ.

"ހެހެ..." އަޔާޒްއަށް މަޖާވިއެވެ.

"މިންކް އަދިވެސް ވަރަށް އެކަހަލަ ކަންތައް ކުރާ ހިތްވާނެ..." އަދާ ބުނެލިއެވެ.

"އެމީހަކު ބޭނުން ގޮތަކަށް ވިސްނާނީ. އެއް އުމުރެއްގެ މީހުންނާއި އިނަސް ޚިޔާލު ތަފާތުވެ ނޫޅެވޭ. އެހެޔޮ ކިތަންމެ ލޯބިން ކައިވެނިކުރިޔަސް. މިންކްގާތު ބުނައްޗޭ މީހުންގެ ދިރިއުޅުމުގެ ތެރެއަށް ނުވަންނާށޭ، ކިޔާ އެއްޗެއް ކިޔަސް އެހެންމީހުންނަކަށް އޭގެ އަސަރެއް ނުކުރާނެ ދޯ...."

"އަދި އެކަކު ކޮމެންޓްގައި ޖަހައިފިޔޭ ދަރިންކޮޅު ބޮލަށް ޖަހާލާށޭ. އޭރުން ދޮން އަ....ބޮލަށް އުދަގޫވެގެން ފިލާފާނެއޭ. ހަޑި ބަސްތައްވެސް ބޭނުންކޮށްފައި އެކުވެރިން އެތިބީ. ދެން އޭނަ ބުންޏޭ މިހާރު އެގޮތަށް ޕްލޭން ކޮށްފީމޭ....." އަދާ އެ ލަފުޒު ނުކިޔާ ފިލިތައް ޖަހާފައި ކިޔައިދިނެވެ.

"ނަސީބެއްނު. ކުދިން އަނބުރާ ގެންނަން ކުރި މަސައްކަތް މާތްﷲ ދެނެވޮޑިގެންވަނީ. ކޮންމެ ކަމަކަށް ހިކުމަތެއްވާނެ. މިކައިވެނީގައި ހުރި އެންމެ ބޮޑު ނަސީބަކީ ކުދިން އަނބުރާ ލިބުންކަމަށްވެސް ވެދާނެ...."

އަޔާޒުއާއި އަދާ އެކަނިމާ އެކަނި ދުރުގައި ހީހީފައި އެކަކު އަނެކަކަށް ބަލަން ތިބެ އެދައްކަނީ ކޮން ވާހަކައެއްކަން ނޭގި އެންމެ އުދަގޫވީ އަރްސަންއަށެވެ. ނަމަވެސް ފަހުން ވިސްނުން ހަމަޔަކަށް އަޅުވާލާފައި އޭނަ ވިސްނީ އަވަހަށް މާލެ ދިޔުމަށެވެ. މާދަމާއަށް ކުރަން ޖެހޭ ބައިވަރު ކަންތައް ހުރުމާއެކު އަދާއާއި ހިސާބުން ދިރިއުޅުން ހުއްޓުވާފައި ހަމައެކަނި އޭނައަށް ސަމާލުކަން ދިނުމަކީ މޮޔަކަމެއް ކަމަށް ވިސްނުނީއެވެ.

***

މަންސޫރު މާޒިންއާއި އާލިޔާގެ ނިތުގައި ބޮސްދިނެވެ.

"މާތްﷲ ދެކުދިންގެ ކައިވެނީގައި ބަރަކާތް ލައްވާށި......"

"އާމީން.." އާލިޔާ ކިޔައިލިއެވެ.

"ކައިވެނީގެ ހަދިޔާއަކަށް މިއޮތީ ހަނީމޫން ޓިކެޓް. އަދި އެޕާޓްމެންޓެއްގެ ތަޅުދަނޑި. އުމުރުގައި ދުވަހަކު އެއްޗެއް ނުދެވޭ ދަރިއަކަށް މިވަރު މަދުކަމުގައި ގަބޫލުކުރަން.." މަންސޫރު މިރޭ ހުރީ އުފަލުންނެވެ. ދަރިފުޅަށްޓަކާ އޭނައަށް ކުޑަނަމަވެސް ކަމެއް ކޮށްދެވިއްޖެއެވެ. ފެންވަރު ރަގަޅު ޕާޓީއެއް އިންތިޒާމް ކުރެވިއްޖެއެވެ. އާލިޔާގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. އެވަރު އޭނައަށް ފުދެއެވެ. އަދިވެސް އޭނައާއި އެހެންކުދިންނާއި އޮތް ގުޅުން ނެތަސް އެ ގުޅުން މަޑުމަޑުން ރަގަޅުވަމުން ދާނެކަމަށް އޭނަ އުއްމީދުކުރެއެވެ.

***

އަރްސަންގެ އަގުބޮޑު ބީޗްގެއަށް ކާރު މަޑުކޮށްލުމުން އާލިޔާއަށް ބަލައިލެވުނީ މާޒިންގެ މޫނަށެވެ.

"އާލިޔާ ހާސްނުވޭ. އަދި އާލިޔާގެ ގޭގައި ދިރިއުޅެން ނުދެވިފަ ނެތެއްނު. ފުރަތަމަ އަހަރެމެންގެ ހަނީމޫނެއްނު އޮންނާނީ...." މާޒިން ކާރުގެ ދޮރު ހުޅުވާލަދިނެވެ. އެދެމީހުން ފޭބުމުން ޑްރައިވަރު ކާރު ދުއްވާލައިފިއެވެ. މާޒިން އާލިޔާގެ އަތުގައި ހިފައިލާކަށްވެސް ނޫޅުނެވެ.

"މިގެއަށް ވުރެ ހިތްގައިމު ތަނެއް މި ގައުމަކު ނެތް. އާލިޔާ ކަހަލަ ކުއްޖެއްގެ ހިތް ވެސް އަތުލާނެ..އޯ ނޯ. އަދި މިރެއަށްޓަކާ ހާދަ ވަަރަކަށް އުއްބައްތިތައް ދިއްލާލާފައި މިއޮތީ. ކިހާ ސަޅި....."

"މިބޮޑު ގޭގައި ދެމީހުން އެކަނިތަ؟ "

"ހޫމް އަނެއްހެން . އެކަމަކު ޑެވިލް އުޅޭނެއްނު...." މާޒިން ހީލީ މާނަވީ ގޮތަކަށެވެ.

"ޑެވިލް ފޮނުވައިލާނެ ގޮތް މާޒިންއަށް ނޭގުނަސް އަހަރެން ދަންނަމޭ. ކިތަންމެ ރީއްޗަސް ބަގަރާ ސޫރަތް ނުކިޔަވާ ގެއެއްގައި ތިބުނާހެން ޖިންނި ޝައިތާނުން ދިރިއުޅޭނެ.. އައި ހޯޕް ނޯކަރެއްވެސް ނޫޅޭނެކަމަށް..."

"ހޫމް. އާލިޔާ ބޭނުމިއްޔާ ހަނދުވަރުގެ އަލީގައި ޕޫލްގައިވެސް ފަތާލެވިދާނެ. ޕްރައިވެސީ އޮންނާނެ......" މާޒިންއަށް މަޖާވިއެވެ. އާލިޔާ އެގެއަށްވަނީ ބިސްމި ކިޔާ ސަލާމްވެސް ގޮވާލާފައެވެ. ދުޢާކުރިއެވެ.

އުއްބައްތިތަކާއި ލެންޓަންގެ ރަންއަލިން ގޭތެރެ ވިދާ ބަބުޅާއިރު ގެވެސް ހީވަނީ ރަނުން ވިރުވާ އަޅާހެންނެވެ. ފައިދަށުގައި ޗިސްވަމުން ދިޔަ ރަތްފިނިފެންމަލުގެ ފިޔަތަކަށް އާލިޔާއަށް ބަލައިލެވުނެވެ. މަލެއްގެ ފިޔައަކަށްވެސް ގެއްލުމެއް ދޭން އޭނައަށް އުދަގޫވިއެވެ. މާޒިން ހުރީ ގެއަށް ނުވަދެވިފައެވެ. އޭނަ އަވަސްވެގަތީ ކައިވެންޏަށް ލާފައި ހުރި ހެދުން ބަދަލުކުރާށެވެ. ގެއަށް ވަދެފައި އައީ ކަޅުކުލައިގެ ޓީޝާޓަކާއި ދިގު ސޯޓެއްލައިގެންނެވެ.

"އާލިޔާ ކީއްވެ މިތާ މިއިނީ...." މާޒިން ފޯނާއި ކުޅެމުން އައިސް އެހެންމީހަކަށް އިށީދެވޭނެ ޖާގައިގެ ދުރުގައި ސޯފާގައި އިށީނެވެ.

"ވަރުބަލިވެފައި އިނީމަ..." އާލިޔާ ކަންބޮޑުވީ މާޒިން އެތާ އިށީނީމައެވެ. އަތްފައި ކުރިއަށްވުރެ ފިނިވެލިއެވެ.

"ބަލާލަބަލަ މިހިރަ ފޮޓޯތައް...." މާޒިން ފޯނު ހުޅުވާލާފައި ދެއްކީ މުޅިންވެސް އަރްސަންގެ ފޮޓޯތަކެވެ. ވައިބާ ގްރޫޕެއްގެ ފޮޓޯތަކެވެ. އަރްސަންގެ މުއްސަދި ފޮނި ދިރިއުޅުމެވެ.

"ރީއްޗެއް ނޫންތަ؟ "މާޒިން އެހިއެވެ.

"ރީތި..." އާލިޔާ ބުނެލީ މާޒިންގެ ބޭބެއަށް ވީމައެވެ. އާލިޔާގެ ހިތުގައި އަރްސަންއަށް މަގާމެއް ލިބިދާނެކަމަށް އުއްމީދުކުރިއެވެ. އެހެން އަންހެންކުދިން އެހާ ދީވާނާވާއިރު އާލިޔާވެސް ޖާދޫގައި ޖެހޭނެއެވެ. މިގެއަކީވެސް އަރްސަންގެ ގެއެއްކަން ބުނެދޭން އުޅެފައިވެސް އަދި މާ އަވަހޭ ހިތަށް އެރިއެވެ. އާލިޔާވެސް ބޭރުފުށުން ދެއްކެން އުޅޭނީ އޭނަ އެއްޗެއް ބޭނުން ނޫންކަމުގައެވެ. ނަމަވެސް އުފާވެރި މުއްސަދި ދިރިއުޅުމެއް ބޭނުންނުވާނީ ކޮން އަންހެން ކުއްޖެއް ހެއްޔެވެ؟

"ހެދުން ބަދަލުކޮށްލައިގެން ކޮފީއެއް ބޯލަން ޕޫލްކައިރިއަށް ދަމާ....." މާޒިން އެދުނެވެ. އޭނަ އާލިޔާ ގޮވައިގެން މާސްޓާ ބެޑްރޫމަށް ގެންގޮސް ދޮރު ހުޅުވާލަދިނެވެ. އެތަން ފެނިފައިވެސް އާލިޔާއަށް ސިހުމެއް ލިބުނެވެ. ހާދަ ފުރިހަމައެވެ. ހަޔާތުގައި އަދި އަލަށް ފެނުނު މަންޒަރެކެވެ. ތައްޔާރުކޮށްފައިވާލެއް އެހާ ރީތީއެވެ. އާލިޔާ ނިގާބު ބޭލުމަށްފަހު އެހެން ހެދުމެއް ނެތްކަން ހަދާންވެފައި ބޭރަށް ނުކުމެގެން މާޒިން ހޯދަމުން އައެވެ. އޭނައަށް އިންތިޒާރު ކުރުމެއްނެތި ޕޫލްކައިރިއަށް ދިޔައީތާއެވެ. މާޒިންގެ އަމަލު ހުރީ ހީކުރިގޮތަކަށް ނޫނެވެ. އެހާ އަޅާލާ ހެނެއް ހިޔެއްނުވެއެވެ. ހިތުގެ ކަނަކުން ކުޑަ މޮޅިވެރިކަމެއް އިހުސާސް ކުރެވުނަސް އޭނަ އެ އިހުސާސްތައް އޮއްބައިލިއެވެ. މި އުފާވެރިރޭ ޝައިތާނާ ހިތަށް ވައްދާ ވަސްވާސްތައް އޭނަގެ އުފާވެރިކަމަށް ހިޔަނި އެޅިޔަދޭކަށް ބޭނުމެއް ނޫނެވެ.

މާޒިން ކޮފީގެ ވާހަކަ ބުނި ހަދާނެއްވެ އޭނަ ބަދިގެ ހުރި ދިމާލަށް ހިނގައިގަތެވެ. ސްވިޗް ޖައްސައިލުމުން ހުދު އަލިން މުޅި ތަން ދިއްލާ އަޅާލައިފިއެވެ. ހައިރާންވާހާ ރީތި ޑިޒައިންގެ ސީލިންގައި އެލުވާލާފައިވާ ސަމޭދާންތަކުގައި އެތައް އުށްބައްތިތަކުގެ ހުޅުކޮޅު ނަށާލަ ނަށާލާވެއެވެ. ފުރިހަމަ ތަނެކެވެ. ކޮފީ މެޝިނުން ޖަގަކަށް ކޮފީ އަޅައިގެން އެނބުރުނުތަނާ ދޮރުމަތީގައި އަރްސަން ހުރިތަން ފެނި ހަޅޭއްލަވައި ނުގަނެވުނީވެސް ކިރިޔާއެވެ. ބޮލުގައި ބުރުގާ ނެތްކަމެއްވެސް ހަދާނެއް ނެތެވެ.

"ޔޫ.........."

"އާނ މަށޭ. ތިއީ އާލިޔާ؟ ހަމަ ހައިރާންވެއްޖެ....." އަރްސަން އެއް ފިޔަވަޅު ކުރިއަށް އެޅިއެވެ.

"ކީއްކުރަން މިގެއަށް ތިއައީ..." ފިލޭނެ ގޮތެއް ނެތުމާއެކު އާލިޔާއަކަށް ހަދާނެ އެހެން ގޮތެއް ނުވިސްނުނެވެ. މާޒިންގެ ބޭބެއަށް ވުމުން ގަދަރުކުރާންވެސް އެބަޖެހެއެވެ.

"ޒިންއަށް ކޮންގްރާ ކިޔަންވެގެން. އަހަރެން އައިސްގެން ނުވަނީތަ؟ ހިތަކަށް ނާރާ މިހެން ދިމާވާނެއޭ. ކޮބާތަ ޒިން...." އަރްސަން އޭނަގެ ނުބައި މަގުސަދު ފޮރުވިއެވެ. އޮޅިގެން އާލިޔާ ހުރިތަނަށް އާދެވުނީކަމުގައި ހެދުނެވެ. އާލިޔާ ހެއްލުނެވެ.

"ޒިން ޕޫލް ކައިރީ......." އާލިޔާ އަނެއް ފަރާތަށް އެނބުރުނެވެ.

"ދެކުދިން ކޮފީ ބޯންތަ؟ އަހަންނަށްވެސް ޖޮއިން ކުރެވޭނެ ؟ " އަރްސަން އެތެރެ އެތެރެއިން ހީލި ނަމަވެސް މައުސޫމްކަމަށް ހެދުނެވެ.

"ނޭގޭ... މާޒިންއަށް އެނގޭނީ.." އާލިޔާ ރުޅިއަންނަ ގޮތްވިއެވެ. އަރްސަން މިއޮތް ރީތި ރޭ ޚަރާބުކޮށްލަން ހަމަ މިގެއަށް އަންނަން ޖެހޭހެއްޔެވެ؟

އެވަގުތު ފިޔަވަޅުތަކެއްގެ އަޑު އިވުނެވެ.

"އަނހަ ތިއްތިވެސް އެބައުޅޭ. އާލިޔާ ދޭބަލަ ހެދުން ބަދަލުކޮށްލައިގެން އަންނަން.." މާޒިން ބުނެލީ ކޮންމެވެސް ވަރަކަށް ރުންކުރުވެފައިވާ ގޮތަކަށެވެ.

"ހެދުމެއް މިގެއަކު ނެތް.."

"ނޫނޭ ކްލޯޒެޓް ޗެކްކޮށްބަލަ. މިންކާމެން އާލިޔާގެ ހެދުންތައްވެސް ގެނެސް އެޅުވިކަން ނޭގޭ." މާޒިން ބުނެލިއެވެ. "އަހަރެމެން ބޭރުގައި އިންތިޒާރުކުރާނަން..."

މާޒިންއާއި އަރްސަން ނުކުމެގެން ދިޔުމުން އާލިޔާ އެނބުރުނުއިރު ތުންފަތުގައި ހިނިތުންވުން ފިލާ ނުތަނަވަސްކަން ފެންނާން ހުއްޓެވެ. މާޒިން އަދި އަރްސަން ފޮނުވައިލާކަށްވެސް ނޫޅުނެވެ. ދެން އޭނަމި ޖެހުނީ ހަމަ ނިގާބު އަޅައިގެން ނުކުންނާށެވެ. ހެދުން ބަދަލުކޮށްލައިގެން އަންނަން އަދި ބުންޏަސް އަރްސަން ހުއްޓާ އޭނައަށް ބުރުގާ އަޅައިގެނެއްވެސް ނާދެވޭނެއެވެ. މާޒިންއަށް އެކަން ނޭގެނީހެއްޔެވެ؟

"ނިގާބު އަޅަން ޖެހޭނީ." އާލިޔާ ބުނެލިއެވެ.

"އަހަރެންގެ ފެމިލީއާއެކުވެސްތަ. މަޖާ ކަމެއްނު...."

"އަރްސަން މަހުރަމަކަށް ނުވާނެ. އެހެންވެ..." އާލިޔާ ބުނެދިނެވެ.

"ހެވޭ ދެން. މަތިމައްޗަށް ސަތޭކަ ނިގާބު ދެން ލިޔަސް އަހަންނަށް އާލިޔާ ނުފެންނަކަމަކަށް ނުވާނެ. ޔޫ ލުކް ބިއުޓިފުލް. އެހެންވީމަ އަސްލު ފިތުނައިން ސަލާމަތްވާން ފޮރުވިގެން ހުރުން ބުއްދިވެރިކަން ނޭގޭ. އެހެން ކުދިންވެސް އާލިޔާ ފަދައިން ވެއިލްއާ އެއްޗެހިލައިގެން ފޮރުވެން މަށަށް ފެނޭ ކީކޭ ޒިން ބުނަނީ...." އަރްސަން މާޒިންގެ ކޮނޑަށް އަތް ވައްޓާލީ ގާތްކޮށެވެ.

"އައިމް އެގެއިންސްޓް ދެޓް..އެކަމަކު ތިއްތި ބުނާ އެއްޗެއް އާލިޔާގެ މައްސަލައިގާ ގަބޫލުކުރާނަން..." މާޒިން މާނައިން ފުރިގެންވާ ޖުމްލައެއް ބުނެލިއިރުވެސް އާލިޔާއަކަށް ރޭކާ ނުލިއެވެ.

ނިގާބު އަޅައިގެން އަރްސަންއާއި މާޒިންއާއެކު ކޮފީ ބޯން ތިބިއިރު އެދެމީހުން އާލިޔާ ނިދަން ފޮނުވައިލިއެވެ. އާލިޔާ ކޮޓަރިއަށްވަދެ އެކަނި ނަމާދުކުރިއެވެ. ދުޢާކުރިއެވެ. ތުނި ސަދުވާ ދަމާފައި ހުރި އަރާމު ތަންމަތީގެ މަޑުކަމުގެ ތެރެއަށް އެ ތުނި ހަށިގަނޑު ދޫކޮށްލަމުން ފިނިން ހިމާޔަތް ހޯދަން ކުއިލްޓް ދަށަށްވަނެވެ. ކަފަގަނޑެއްހެން އޮތް މަޑު ކުއިލްޓު ހީކުރިވަރަށް އަރާމު ހޫނުކަމެއް ހަށިގަނޑަށް ލިއްބާދިނެވެ. ވެފައި ހުރި ވަރުބަލިކަމުން އިރުކޮޅެއްގެ ތެރޭގައި ނިދީގެ ފޮނި އާލަމަކަށް އޭނައަށް ދެވުނެެވެ.

އާލިޔާ ފޯނު އެލާމް ކޮށްގެން ދަމުނަމާދުވެސް ކުރިއެވެ. ރަމަޟާން މަސް ނިމުނަސް އެ މާތް މައްސަރުގައި އަޅުކަންކުރި ގޮތަށް އަމަލުކުރަން ޖެހޭނެއެވެ. ދުނިޔެ ދޫކޮށް ދާނެ އިރެއް އިންސާނަކަަށް އެނގޭނީއެއް ނޫނެވެ.

***

އީދު ދުވަހު ރައީސް އާއްމު ރައްޔިތުންނާއި ބައްދަލުކޮށް ހެދުނު ސައިގާ ބައިވެެރިވިއެވެ. އޭނައާއި އެކު ނާއިބު ރައީސްއާއި އަނބިންނާއި ބައެއް ދަރިންތައްވެސް ބައިވެރިވިއެވެ. މައިމޫންގެ ދަރިންނާއިއެކު ތައިމޫރުގެ ޒުބްނާން ޝައުން ޖުއާން އަދި ކައިދަން ބައިވެރިވިއެވެ. އަނބިންތައް ދިވެހި ހެދުން އަޅައިގެން ތިއްބަސް މުއްސަދިކަމާއި ޝާހީކަން ފެނެއެވެ. އެ ހަފްލާ އިދިކޮޅު ފަރާތްތަކަށްވެސް ކަމުދިޔައެވެ. ދީނީ މީހުންވެސް ހައިރާންވީ ރައީސްގެ ދަރިފުޅު މާޒިންއާއެކު ހުރި ނިގާބީ ކުއްޖާ ފެނިފައެވެ.

"ކީއްވެ ލިލީ ނުގެނައީ؟ " އާލިޔާ ހަދާންވިއެވެ.

"މީޑިއާތަކަށް ނާރުވަންވެގެން. މީހުންގެ ގޮތް އެނގެއެއްނު. ލިލީއަށް ހުރިހާ ސަމާލުކަމެއް ހުއްޓޭނީ. ލިލީގެ ޕޭރެންޓުން އެގޮތް ބޭނުމެއްނުވޭ..." މާޒިން ބުނެދިނެވެ،

އޭރުވެސް ލިލީގެ ބައްޕައަކީ ތައިމޫރުގެ ކޮން ދަރިއެއްގެ ކުއްޖެއްކަމެއް އާލިއާއަކަށް ޔަގީނެއް ނުވިއެވެ.

ލިލީގެ ބައްޕައާއި މަންމަވެސް ނާންނަނީހެއްޔެވެ؟ އެމީހުން ނޯމަލްހެއްޔެވެ؟ "ޑްވާފުން"ނަށް ވުމަކީ މައްސަލައެއްކަމަކަށް އާލިޔާ ނުދެކެއެވެ. ތަފާތުކޮށް ދުނިޔެއަށް އުފަންވުމަކީ މައްސަލައެއް ނޫނެވެ. އެއިން ކޮންމެ މީހަކީ މާތްﷲ ގެ މަޚުލޫގެކެވެ. އިންސާނާ ޚަލުގުކުރައްވާފައިވަނީ އެންމެ ރީތި ސޫރައިގައެވެ. ބޭރުފުށުގެ ސިފައަށްވުރެ ރީތިވާނީ އެތެރެފުށެވެ. ފުރާނައިގެ ރީތިކަމެވެ. ތަގުވާވެރިކަމެވެ. އާލިޔާގެ ނަޒަރުގައި ރީތީ ތަގުވާވެރިންނެވެ.

***

މައިމޫން އެދުވަހު ރާހިލްގެ އިސްލާމިކް ރިޒޯޓް ހުޅުވާދެއްވިއެވެ. އަމިއްލަ ދަރިފުޅު އެފަދަ ޚިޔާލެއް ކޮށް އެ ހުވަފެން ހަގީގަތަކަށް ހެދުމަކީ ލިބުނު ފަޚުރެއްކަމުގައި ބުނުއްވިއެވެ. އޭނަގެ ދަރިންނާމެދު މީޑިއާގައި ދެކެވޭ ވާހަކަތައް ދޮގުކަމުގައި ބުނީ ސަމާސާ ކުރައްވާފަދަ ގޮތަކަށެވެ. އޭނަގެ މުއްސަދިކަމުގައި އުޅޭ ކުދިން ނޫންކަމަށާއި ބުރަ މަސައްކަތް ކުރާ ހަރުދަނާ ކުދިންކަމުގައި އަދި މީޑިއާއަށް ނޭގެނީ ކަމުގައި ބުނުއްވިއެވެ. ޖިބްރީލް ފަދައިން އަރްސަންވެސް އެ އުމުރުގައި ބިލިއަނަރަކަށް ވެ ހަތިޔާރާއި ކެމިކަލް ކުންފުނިތަކެއްގެ ސީއީއޯ އެއްކަމަށާއި އެ ގައުމަށް ބޭނުންވާ ހުރިހާ ހަތިޔާރެއް އެތެރެކުރާނީ އެ ކުންފުނިންކަމުގައި ހާމަކުރެއްވިއެވެ. އެ ވާހަކައިން މީޑިއާތައް ކެކިއަރައިގަތެވެ. މިއިން ޒަމާނެއްގައި ނުލިބޭފަދަ ހޫނު ޚަބަރެކެވެ. އެތައް ސުވާލެއް މައިމޫންއާއި އަމާޒުވިއެވެ. އަމިއްލަ ދަރިފުޅުގެ ކުންފުނި ހޮވުމަކީ ކޮރަޕްޝަންގެ އަމަލަކަށް ނުވާނެހެއްޔޭވެސް އެހިއެވެ. މައިމޫން އެހެން ރައީސުންނާއި ތަފާތެވެ. އެކުވެރިގޮތެއް ހުރެއެވެ. އަދި އެހެން ސިޔާސީ ވާދަވެރި ޕާޓީތަކާއި އެހާ ދެކޮޅުވެރިކަމެއް ނުހުރެއެވެ. އެންމެންގެ ޚިޔާލުވެސް ހޯދައެވެ. ގައުމީ އެއްބައިވަންތަކަމަކީ އޭނަގެ މޮޓޯއެވެ. ވަކި ކުލައެއްގެ ހެދުމެއް ނޫނީ ޓައީއެއް ނާޅައެވެ. ވާދަވެރި ޕާޓީތަކުގެ ލީޑަރުންނާއެކު ގާތްކޮށް ވާހަކަދައްކަވާ އުޅުއްވައެވެ. އެހެންވުމުގެ ސަބަބުން އޭނަގެ މަގުބޫލުކަން ދުވަހަކަށްވުރެ ދުވަހެއް އަންނަނީވެސް މަތިވަމުންނެވެ. އޭނަގެ ޚާރިޖީ އަދި ދީނީ ސިޔާސަތާއިވެސް މީހުން ރުހެއެވެ.

ހަފްލާ ނިންމާލާފައި އަރްސަން ކާރަށް އެރިއިރު އޭނަގެ ހަށިފާރަވެރިން ތިބިތަން ފެނުމުން އާލިޔާވެސް ހައިރާންވިއެވެ.

"އަރްސަން ކުއްލިއަކަށް ކުންފުންޏެއްގެ ސީއީއޯއަކަށް ވީ ކިހިނެއް؟ " އާލިޔާ އެހިއެވެ.

"ހެހެ. އެހެން މީހުންގެ ވާހަކަ ނާހާ ހަމައެކަނި އަރްސަންގެ ވާހަކަ އެހީ..ޚާއްސަ ކަމެއް ހުރީތަ؟ " މާޒިން ހިތްހަމަޖެހުނެވެ.

"މާޒިން....." އާލިއާ ހައިރާންވިއެވެ.

"އަރްސަންގެ ކުންފުނިތައް ދުނިޔޭގެ އެތަނުން ގަނެ އިންވެސްޓްކޮށް އޭނަ ވަރަށް ކުރިއަރައިފި. އެހާ ޅައިރު. އަހަރެމެންހެން ހޮސްޕިޓަލެއްގެ މެނޭޖަރަކަށް ނޫން. އެއަށްވުރެ އަރްސަން މާ ކުޅަދާނަ. މިފޮޓޯތައް ބަލައިލަބަލަ...." މާޒިން ކެމެރާގެ ގެލެރީ ހުޅުވާފައި އަރްސަންގެ ފޮޓޯތަކެއް ދެއްކިއެވެ.

"މުއްސަދިކަމާއި ބާރަކީ ހުރިހާ އެއްޗެއް ނޫން..." އާލިއާ ދުރަށް ބަލަން ފެށިއެވެ.

"ދުނިޔޭގައި ފައިސާއަށްވުރެ ބާރުގަދަ އެއްޗެއް ނެތްކަން އާލިއާއަށް އެނގޭތަ؟ "

"ގިނަމީހުން ދުވަނީ ފައިސާގެ ފަހަތުން އެހެން ތިއްބާ އަޖަލު ޖެހެނީ"

"އާލިއާ އަހަންނާއި މެރީ ކުރީވެސް ފައިސާ ހުރީމައެއްނު...." މާޒިން އެހެން ހިތަށް އަރާފައި ހިނި އަންނަގޮތްވިއެވެ. ގައިމު އޭނަ އަދި އާލިޔާވެސް އެކަކު އަނެކަކާއިހެދި އުޅެނީއެއް ނޫނެވެ. ލޯބީގެ ކުލައެއް މި ގުޅުމަކު ނެތެވެ. އޭނަވެސް މިހިރީ މި ނިގާބީ ކުއްޖާގެ ފަރާތުން ވީހާވެސް އަވަހަށް ސަލާމަތްވާން ބޭނުންވެފައެވެ. އަރްސަންއާއި ގުޅުވާފައި މިނިވަންވާން އޭނަ ބޭނުމެވެ. އޭނަގެ އެކުވެރިން މިކަމަކާއި ހެދި އޭނައަށް މަލާމާތްކޮށް އެފްބީގައި އެއޮތް ކުރާ ނުސީދާ ޖެއްސުންތައްވެސް އެނގޭނީ އާލިއާއަކަށް ނޫނެވެ.

އެތައް ކެމެރާތަކެއް އަމާޒުވެފައިވިޔަސް އާލިޔާއަކަށް އުދަގުލެއްނުވިއެވެ. އޭނަގެ ހަށިގަނޑުން އެންމެ ތަނެއްވެސް ފެންނާނީއެއް ނޫނެވެ. ނަމަވެސް އޭނަގެ ނުތަނަވަސްކަން ގުޅިފައިވަނީ ހަމައެކަނި މާޒިންގެ އަމަލާއި ވާހަކަ ހުރިގޮތުންނެވެ. މިކައިވެނީގެ މަގުސަދަކީ ކޮބާހެއްޔޭ ހިތަށް އެރިއެވެ. ސަބަބަކީ މާޒިން އަބަދު އޭނަ ގާތު އަރްސަންގެ ވާހަކަ ދައްކާތީއެވެ. އެހެންވެދާނެއެވެ. ބޭބެ އެހާ މޮޅުވީމަ މާޒިންވެސް ފަޚުރުވެރިވާނެތާއެވެ. ހަތިޔާރޭ އެބުނަނީ ހަމަ އެކަނި ފިސްތޯލަ ވާހަކައެއް ނޫނެވެ. ކެމިކަލް ބައިލޮޖިކަލް އަދި ނިއުކްލިއާ ހަތިޔާރުތައްވެސް ހިމެނޭނެ ނޫންހެއްޔެވެ؟ ކޮންމެވެސް ހަގުރާމައެއްގައި ދުނިޔޭގެ ކޮންމެވެސް ބިތެއް އަނދަމުން ނުދާއިރެއް އޭނަގެ ކުރު ހަޔާތުގައިވެސް ނުދެކެއެވެ. ވީއިރު ހަތިޔާރުތަކުން ކުންފުނިތައް ކިހާ މުއްސަދިވާނެހެއްޔެވެ؟ މާޒިންވެސް އެހާވަރަށް އަރްސަންގެ ވާހަކަ އެދައްކަނީ އެހެންވީމަކަން ނޭގެއެވެ. އޭނަގެ "އައިޑޮލް"އަކީ އަރްސަން އެވެ.

***

އަރްސަންގެ ސިއްރުތައް ހާމަވެ އޭނަގެ މުއްސަދިކަމާއި މަޝްހޫރުކަން ފެނި މިންކާގެ ހިތުގައިވި ލޯބި ކުރިއަށްވުރެ އިތުރުވެ މެސެޖްތައް ގިނަކޮށްލެވުނެވެ. އަރްސަން ކޮންމެވެސް ފޮޓޯއެއްގެ ކެޕްޝަނުގައި ފ* ލަވް ޖަހާފައިވާ ތަން ފެނުމުން އޭނަ އަވަހަށް ވައިބާއިން މެސެޖްކޮށްލިއެވެ.

"ސޭމް. ލޯތްބަކީ ތިހާ އަގެއްނެތް އެއްޗަކަށް ނަހަދާ."

އާދައިގެ މަތިން ހުސް ޖަވާބެކެވެ. އޭނަ މި މަސައްކަތްކުރާތާ ކޮން ދުވަހެއް ހެއްޔެވެ؟ އަރްސަންގެ އިންބޮކްސް އޭނަގެ މެސެޖްތަކުން ފުރިއަރައިގެން ދާ ވަރު ކުރާއިރުވެސް އޭނަގެ ފަރާތުން އެންމެ އިޝާރާތެއްވެސް ނުލިބެއެވެ. މިހާރު އެއޮތް ލާ ފޮނި ފޮޓޯތަކުން ހައްތާ ހިތަށް ބާރުކުރަނީއެވެ. ނިދިވެސް ނަގާލައިފިއެވެ. އެފަދަ ހިތްދަތި ވަގުތުތަކުގައި އޭނަ ގޮސް މުސައްލަމަތީ ދުޢާކޮށް ނަމާދުކުރަން އިނުމުން ހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބެއެވެ. އެހެންނޫންނަމަ ހިތްދަތިކަމުގައި އޭނަ ނިމިދާނެކަން ނޭގެއެވެ. އަދިވެސް ދުޢާކުރަނީ ކޮންމެެވެސް ދުވަހަކުން އަރްސަންގެ ހަޔާތުގެ ބައިވެރިޔަކަށް ވުމަށެވެ.

އާލިއާ ބުނާގޮތުން ދުޢާ އިޖާބަވުމުގައި ޝަރުތުތަކެއް ވެއެވެ. އަދި ހާލަތްތަކާއި އިޖާބަ ނުވާ ސަބަބުތައްވެސް ހިމެނެއެވެ. ދީނީ ހުރިހާ ކަމަކަށްވުރެ އޭނަ އެންމެ ދަސްކުރަނީ ދުޢާއާއި ބެހޭގޮތުންނެވެ. ސަބަބަކީ އެކަމާ އަރްސަން ގުޅިފައިވާތީއެވެ. އެއީ އޭނަ ދުނިޔެއިން ހާސިލުކުރަން ބޭނުންވާ ހަމައެކަނި އުފާކަމުގައި ވީތީއެވެ.

***

އަޔާޒު އޭނަގެ މަންމައާއި އަދާ ގޮވައިގެން ރެސްޓޯރެންޓަކަށް ދިޔައީ މަންމަ އުފާކުރުވުމަށެވެ. ޑިމެންޝިއާގެ ސަބަބުން މަންމަ ވާހަކަދައްކަމުންގޮސް ރޯން ފަށައެވެ. ހީ ހަދާފާނެއެވެ. ހަމަނުޖެހޭ ވާހަކަތައް ދައްކަން ފަށާނެއެވެ. އެކަންތައް ދުވަސްވާ ވަރަކަށްދަނީ ބޮޑުވަމުންނެވެ. ބުނަން ބޭނުންވާހަކައެއް ބުނަން ނުކުޅެދިގެން މުޅިން އެހެން ވާހަކަތައް ވެސް ދައްކަން ފަށާފާނެއެވެ. އޭނައަކީ ކާކުކަމެއްވެސް މިހާރު މަންމައަކަށް ނޭގެއެވެ. އެހުރިހާ ކަމަކާވެސް އަޔާޒު ދެރަވެއެވެ. މަންމައާއިއެކު ވީހާވެސް ގިނަވަގުތު ހޭދަކުރަން އޭނަ މަސައްކަތް ކުރެއެވެ. މަންމަ އުޅޭގޮތުން ލަދުން ގޭތެރޭގައި ހިފަހައްޓައިގެން އިނުމުގެ ބަދަލުގައި ހިތްހަމަޖައްސާދޭން ބީޗާއި ތަންތަނަށް ގެންދާން ފެށިއެވެ.

އަޔާޒު ޕާން ގެނެސް ޓޯސްޓްކޮށްފައި ސައި ތައްޔާރުކޮށްލިއެވެ.

"އަޔާ ކޮންމެވެސް ކަމެއް ފޮރުވަން މަސައްކަތް ކުރާކަން އެނގޭ. ކޮންކަމަކާ ދެރަވެފައި ތިހުންނަނީ؟ އާލިޔާ ދިޔައީމަތަ؟ ނޫނީ އެހެން ކަމަކާ؟ " އަދާ އަހައިލިއެވެ.

"ތެދަށް ބުނަންޏާ ކޮއްކޮގެ ޕްރެޒެންސް މިސްވޭ. އެކަމަކު މިހާރު ވިސްނަނީ ޖޮބާއިމެދު. އަދާއަށް ތިހީވަނީ ރަގަޅަށް. ޖޮބުން ވަކިކޮށްފި. އެކަމަކު އަދި ކީއްވެހެއްޔޭ ނޭހިއްޔާ ރަގަޅީ. ސަބަބަކީ އެކަމުގެ ހަގީގަތް ދެނެވޮޑިގެންވަނީ މާތްﷲ...." އަޔާޒު ހިތިގޮތަކަށް ހިނިތުންވެލިއެވެ.

"އައި ތިންކް.. އައި ނޯ...އެވާނީ އަރްސަންގެ ނުފޫޒުކަމަށް. އޭނަ ސިޔާސީ މީހުންވެސް ގަނެފައިވާކަމަށް ޚަބަރު ލިބޭ. އަދި ދީނީމީހުންނަށް ފުރައްސާރަކޮށް ހިފާ ހައްޔަރުކޮށް ތުނބުޅި ބާލުވާ ހުރިހާކަމެއް އެކުރުވަނީ ދެން ނުފޫޒު ނެތިއެކޭ ނުބުނެވޭނެ. އެކަމަކު މިއީ ބޮޑުވަރު. އަޔާގެ ކުށެއްނެތި ޖަސްޓް ލައިކް ދެޓް އެ ވަކިކޮށްލީ. ސުބުހާނަﷲ. އެނީވޭސް އަހަރެންގެ އެކައުންޓުގައި ނަސީބަކުން އެބަހުރި ފައިސާ....."

"ނޫން އަދާ. އަހަރެން އަމިއްލަގޮތުން ހަލާލު ފައިސާ ހޯދައިގެން އަހަރެންގެ އަންހެނުން ބަލަހައްޓާނީ...." އަޔާޒުގެ އަޑުގައި ސާބިތުކަން ވިއެވެ.

އަދާގެ ހިތުގައި އަރްސަންއާއިމެދު ޝަކުވާ އުފެދުނެވެ.

އަދާ ހުރީ ފުރުސަތަކަށް ބަލަބަލައެވެ. އަޔާޒު އޭނަގެ މަންމައާއި ވާހަކަދައްކަން އިން ދަނޑިވަޅު ބަލާފައި އަދާ ބޭރަށް ޖެހިލިއެވެ.

***

ސްކައިޕެލެސްއަށް އެތައް ފަހަރުވަދެ އަމިއްލަގެއަށް ވުރެ ފަރިތަވެފައިވިޔަސް މިއަދު އެހެން ކަހަލަ އިހުސާސެއް އަދާއަށް ކުރެވުނެވެ. ބީރައްޓެހިކަމެވެ. ފޫހިކަމެވެ. ވަށައިގެންވާ ކޮންމެ އެއްޗަކުން ފެންނަނީ ދެއްކުން ތެރިކަމެވެ. ބޮޑާކަމެވެ. މުއްސަދިކަމާއި ނިއުމަތްތައް ވަށާލައިގެން ގެއްލިފައި ތިއްބާ ލޯ ހުޅުވި ހަގީގީ އާލަމަށް ހޭލެވިދާނެއެވެ. ޚާދިމާއަކު ބިއްލޫރިތައް ސާފުކުރަން ސްޕްރޭއެއް ޖަހައިގެން އުޅެއެވެ.

އަދާ އެކުއްޖާއާއި ހީލިއެވެ.

"ކޮބާ މެޑަމްމެން؟ "

"މެޑަމް ގެއަކު ނޫޅުއްވާ......"

"އީދު ބަންދުގައި ޗުއްޓީއަަކަށް ހުރިހާ ބޭފުޅުން ވަޑައިގެންނެވީކަން ނޭގޭ. އަރްސަން ދެކުނިންތަ؟ " އަދާގެ އެ ސުވާލުގެ ޖަވާބު ލިބުނީ ހައިރާންވާފަދަ ގޮތަކަށެވެ. ގެއަށް ވަނީ އަރްސަންއާއި އޭނަގެ ދެހަށި ފާރަވެރިންނެވެ.

"ކަމަނާ އަޅުގަނޑު ނުފެނިގެން ހޯދާކަން އެނގިގެން ހާޟިރުވީ. ވަޓް ކެން އައި ޑޫ ފޯ ޔޫ މައި ލޭޑީ....."އަރްސަންގެ ވާހަކަތަކުން ވެސް މިއަދު އޭނައަށް ފައުޅުވީ ކިބުރުވެރިކަމެވެ.

"އިންސާނާއަށް ވުރެ ޝައިތާނާވެސް މޮޅެއްނުވާނެ. ޑެވިލްކަމަށް ހެދެން އުޅުމުގެ މާނައެއް ނެތް އަރްސަން. އަހަރެން މިއައީ ވާހަކައެއް ބުނަން. މުއްސަދިވެފައި ހުރިހާ ނިއުމަތްތައް ލެއްވުމުން ބޮޑާވެ ކިބުރުވެރިވެ އެހެންމީހުންނަށް ދަތިކުރާން އުޅޭނެކަމެއްނެތް. އިބުލީހަށް ޖެހުނު ދަތުރުން އިބުރަތް ހާސިލުކުރޭ. ބޮޑާވާ ވަރަށްވުރެ އިންސާނާއަކީ ބަލިކަށި އެއްޗެއް. ބާރުހުރި ވެރިފަރާތަކީ ހަމައެކަނި މާތްﷲ. އަރްސަންގެ ނުފޫޒު ބޭނުންކޮށްގެން އަހަރެންގެ ފިރިމީހާ ވަޒީފާއިން ވަކިކުރިޔަސް އަދި ރިޒުގަކަށް ހުރަހެއް ނޭޅޭނެ. އަހަރެމެންވެސް ތިބޭނީ އިރާދަކުރެއްވިއްޔާ ކައިގެން ބޮއިގެން. ޔޫ އާ ޑިސްގަސްޓިން..." އަދާ ރުޅިގަދަވެފައި ލޯ އަޅާލިއެވެ.

އަރްސަން ސޯފާގައި އިށީދެ މާބްލް މޭޒަށް ދެފައި އެރުވިއެވެ.

އަގުބޮޑު އަވިއައިނާއި އަތުކުރީ އަޅާފައިވާ އައިނު އައދި ޑިޒައިނާ ހެދުމުން ފެށިގެން ބޫޓަކީވެސް މިލިއަނުން އަގު ނުކުރެވޭނެއެވެ. އަދި އަތުގައިވާ ޖަވާހިރުން ގަތާފައިވާ ފަށްވެސް އަދާގެ ލޮލުގައި އަޅައިގަތެވެ. މިއީ އޭނަ ކުރިން ދަންނަ އަރްސަން އެެއް ނޫނެވެ. ނާކާމިޔާބުވުމުން އޭނަ ކުރިން ގައިގާ ނެތް ނުބައި ސިފަތައް ވެސް ހަރުލެއްވީއެވެ.

"މަ މިއުޅެނީ ހަމަ ޑެވިލްއާއި ވާދައަށް. ތިބުނާހެން އިބިލީހަށްވެސް މަ ވައްޓާލާފައި ނުދެވޭނެ. އޭނަވެސް ޖެހޭނީ މަގޭ ދަށުން އުޅެން......."

"ކުފުރު ވޭ ފޮނި ފިރިހެނާ....." އަދާ ރުޅިގަވަދެފައި ދަތްތައް ކާރުވައިގަތެވެ.

"ދެން މަ ކީއްކުރަންވީ؟ އަހަންނަކީ ބޮޑު ކުންފުންޏެއްގެ ވެރިޔާ. ތިހެން އެޕޮއިންޓްމެންޓް ނަހަދާ ވަގުތު ދެވޭވަރަށް ވުރެ މަ މާ ބިޒީކޮށް އުޅެނީ.....މަގޭ ބޮޑީގާޑުން ނެރެލާނެ ތިހެން އުޅެނިކޮށް..." އަރްސަން އިންޒާރުދިނެވެ. "މަށަށް ހީވާގޮތުން އަޔާޒުގެ އަތް ހުސްވެ ސަލާމް ޖަހަަންވީމަ އަނެއްކާ ކުރީގެ ލޯބިވެރިޔާ ގެ ގާތަށް އަންނަން އުޒުރެއް ހޯދީ؟ ހަހް؟ ސީރިޔަސްކޮށް އެހެންތަ މިވީ؟އެކަމަކު މަގޭ ހުރޭ ލޯބިވެރިޔެއް. މީހުންގެ ޕްރޮޕަޓީސްތައް މަ ބޭނުމެއް ނުކުރާނަން............................." އަރްސަން ނިކަން ހަމަޖެހިލާފައި ބުނެލިއެވެ.

"އަހަރެންގެ ފިރިމީހާއަކީ އަރްސަންއާއި ބަލާއިރު ޖަވާހިރެއް. އެކަހަލަ ފިރިޔަކު ލިބޭނީ ނަސީބުވެރި އަންހެންކުއްޖަކަށް. އެހެންވެ މާތްﷲ އަށް ހަމްދުކުރަން. އެންމެ އެއްޗެއް އަތުގައި ނެތަސް ހިތް އެހާ މުއްސަދި. އަތުގައި ކިތަންމެ ބައިވަރެއް ފުނިޖެހިފައި ހުއްޓަސް ތި ހިތް ދެލިގަނޑެއްހާ ކަޅު......" އަދާ ބުނެލިއެވެ.

"އެކަމެއް ނޭގުނު. ބެގްކުރަން ތިއައީ. ޑޯންޓް ވޮރީ. ޖޮބް ލިބޭނެ....." އަރްސަންއަށް މަޖާވިއެވެ.

"އިޑިއަޓް.." އިތުރަށް އެތާ މަޑުކުރަން ވެއްޖެއްޔާ އޭނަ ލޭމަތިވެ ސްޓްރޯކެއް ނޫނީ ހާޓްއެޓޭކެއް ޖެހިދާނެއެވެ.

އޭނަގެ ކުރީގެ ލޯބިވެރިޔަކަށް އަރްސަން ވީ ކިހިނެއް ހެއްޔެވެ؟ މިހާ ފޮނި ބޮޑާ ފިރިހެނަކާއި ހެދި އުޅެވުނުކަމުގެ މޮޔަ ހީވިއެވެ. އަދާ ބާރު ބާރަށް ނުކުތްއިރު ލޮލަށް ކަރުނަ އަތުވެއްޖެއެވެ. އޭނަ މިގެއަށް އައިކަަން އެނގިއްޖެއްޔާ އަޔާޒު މާފެއް ނުކުރާނެއެވެ. ގެއާއި ހަމަޔަށް ފޯރިއިރު އަޔާޒް އޭނަ ގެނެސް މޭގައި ޖައްސަލިއެވެ.

"އެ ކޭސް އަލުން ހުޅުވާފައި އަހަރެންގެ ކުށެއްނެތްކަން ސާބިތުވެއްޖެ. އަލުން ޖޮބަށް ނިކުންނަން އަންގައިފި..." އަޔާޒު ބުނެލިއެވެ. އަދާގެ ހިތަށް އިންތިހާ ދަރަޖައިގެ ބިރުވެރިކަން ވަނެވެ. އަރްސަންގެ ނުފޫޒު ހީކުރިވަރަށް ވުރެ ގަދައެވެ. މުޅި ގައުމު މުށުތެރޭ ލައިފިއެވެ. އެންމެނަކީ އޭނަގެ ގޮނޑި ކޮއްކޮއިންނެވެ. އަދާއަށް ހުރެވުނީ އަޔާޒްގެ އުފަލާއި ބައިވެރިވެ ހީލަންވެސް ނޭގިފައެވެ. އެހާވެސް ބޮޑަށް ކުށްވެރިކަމުގެ އިހުސާސް އެބަކުރެވެއެވެ. އެގެއަށް ކުރި ޒިޔާރަތުން އެނގުނީ ކިތަންމެ ނުބައި ނުލަފާވިޔަސް އޭނަގެ ހިތުގައި އަދިވެސް އަރްސަންއަށްޓަކާ އިހުސާސްތައް ވާ ކަމެވެ. އޭނައަށް ދެރަގޮތެއްވާން ހިތް ނޭދޭކަމެވެ. ނަމަވެސް ފެންނަގޮތުން ހިތި ނިމުމެއް އަންނާނެއެވެ.

"އަދިވެސް ފީލިންގްސް ކޮންމެވެސް ވަރަކަށް އެބަހުރި. ސަޕްރެސް ކުރަން އެބަޖެހޭ...." އަދާއަށް ވިސްނުނީ ކުރީގެ ލޯބިވެރިޔަކާ އެއްވެސް ކަހަލަ ގުޅުމެއް ބޭއްވުމަކީ ދީނީގޮތުން ހުއްދަވާނެ ކަމެއް ނޫންކަމެވެ. ނޫނީ ޝައިތާނާ ފާޑުފާޑަށް ވަސްވާސްދީ ހިތް އަނބުރުވާލާނެއެވެ.

***

މާޒިން ހަނީމޫނަށް ފުރާވާހަކަ ބުނުމުން އާލިޔާ ކަންބޮޑުވިއެވެ. މާމަމެންނާ ވަކިވެގެން ދުރަށް ދިޔުމަކީ ބޮޑު ހިތާމައެކެވެ. ނަމަވެސް ފިރިމީހާ ބުނާގޮތަށް ހަދަންވެސް މަޖުބޫރެވެ. ގެއަށް އައިސް އެންމެނާއި ވަދާއުގެ ސަލާމްކޮށްލުމަށްފަހު އަދާގެ ގާތު އެދުނީ ދިހަދުވަސްވާންދެން މާމަ ރަގަޅަށް ބަލާދިނުމަށެވެ. ދޮންބެ ވަޒީފާގައި ހުރުމުން އަދާ އެކަނި މާމަ ބަލާނެގޮތެއްވެސް އާލިޔާގެ ވިސްނުމަކަށް ނައެވެ. އަނެއްކޮޅުން ޒިކުރާ އުޅެނީ ކުދިން އަޔާޒުގާތަށް ފޮނުވުމުގެ މަސައްކަތުގައެވެ. އާލިޔާވެސް ހީކުރީ މާޒިން ހަނީމޫން ހަދާނީ ރިޒޯޓެއްގައި ކަމަށެވެ. އެއާޕޯޓަށް ދިޔުމުން އާލިޔާ ހައިރާންވިއެވެ.

"ކޮންތާކަށް ދާން؟ "އާލިޔާ ސުވާލުކުރިއެވެ.

"ކަންބޮޑުނުވޭ. ޔަގީނުންވެސް ހިތްހަމަޖެހޭވަރުގެ ތަނަކަށް ގެންދާނީ....." މާޒިން އާލިޔާގެ ދަބަސް ޓްރޯލީއަށް ލިއެވެ.

"އެކަަމަކު....."

"ތަފާތެއް ނެތެއްނު. ރިޒޯޓެކޭ ޔޫރަޕެކޭ ތަފާތަކީ ކޮބާ؟" މާޒިން ހީލިއެވެ.

ނުނިމޭ

comment ކޮމެންޓް