އިންޑިއާއަށް ފުރަތަމަ އޮލިމްޕިކް ގޯލްޑް ހޯދައިދިން ބަލްބީރް ސިންގް މަރުވެއްޖެ

އިންޑިއާގެ ހޮކީ ލެޖެންޑް ބަލްބީރް ސިންގް --- ފޮޓޯ: ބީބީސީ

ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އިންޑިއާއަށް އޮލިމްޕިކްސް ގޭމަކުން ރަން މެޑަަލް ހޯދައިދިން ހޮކީ ޓީމުގައި ހިމެނުނު ބަލްބީރް ސިންގް މަރުވެއްޖެ އެވެ.

އިނގިރޭސިންގެ އަޅުވެތިކަމުން ސަަލާމަތްވުމަށް ފަހު އިންޑިއާއިން ބައިނަލް އަގުވާމީ ކުޅިވަރު މައިދާނުގައި އެންމެ ފުރަތަމަ ވިދާލީ 1948 ވަނަ އަހަރު ލަންޑަންގައި އޮތް އޮލިމްޕިކްސް ގޭމުންނެވެ. އެފަހަރުގެ އެ އޮލިމްޕިކްސްގައި އިންޑިއާގެ ހޮކީ ޓީމުން ހޯދި ރަން މެޑައްޔަކީ އެގައުމުން އެފަދަ ބޮޑު މުބާރާތެއްގައި ހޯދި ފުރަތަމަ ރަން މެޑައްޔެވެ.

އެފަހަރުގެ އެ މެޑަލް ހޯދި ފަހުން 72 އަހަރު ވޭތުވެގެން ގޮސްފައިވާ އިރު އިންޑިއާގެ ގޯލްޑް ޓީމުގައި ހިމެނުނު އެންމެ މުހިއްމު ކުޅުންތެރިޔާ ބަލްބީރް ސިންގް ވަނީ އިއްޔެގެ ވަގުތެއްގައި މަރުވެފަ އެވެ. އުމުރުން 95 އަހަރުގައި ބަލްބީރް ސިންގް މަރުވުމާ ގުޅިގެން އިންޑިއާގެ މުޅި ކުޅިވަރު އާއިލާއިމް އަންނަނީ ހިތާމަ ފާޅު ކުރަމުންނެވެ.

އިންޑިއާގެ ހޮކީ ލެޖެންޑް ބަލްބީރް ސިންގް --- ފޮޓޯ: ބީބީސީ

އިންޑިއާގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު އެއް ހޮކީ ކުޅުންތެރިއާ ކަމަށްވާ ބަލްބީރް ސިންގް ވަނީ އޭނަގެ ހޮކީ ކެރިއަރުގައި ތިން އޮލިމްޕިކް ގޯލްޑް މެޑަލް ހޯދައިފަ އެވެ. އަދި ކުޅުމުން ރިޓަޔާ ކުރުމަށް ފަހު ކޯޗެއްގެ ގޮތުގައި ހުރެ 1975 ވަަނަ އަހަރުގެ އޮލިމްޕިކްގައި ވެސް ބަލްބީރް ސިންގް ވަނީ އިންޑިއާއަށް ރަން މެޑައްޔެއް ހޯދައިދީފަ އެވެ.

ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އެންމެ ދަތި ހާލެއް ޖެހުނު އިންޑިއާއިން 1948 ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސްއަށް ދިޔައީ ޒުވާން ޓީމަކާ އެކު އެވެ. އެ ޓީމުގެ ސްޓްރައިކަރަކަށް ހުރި ބަލްބީރް ސިންގްއަށް ވެސް އޭރު ވީ އުމުރުން 23 އަހަރެވެ.

އެގައުމަށް ކާމިޔާބާ ހިސާބަށް ވާސިލް ވުމަށް އޮތް ދަތިތަކަށް ބަލާއިރު އެ ދުވަސްވަރުގެ ގޮތުން ކުޅުންތެރިންނަށް ބޭނުންވާ ޑައިޓް ފުރިހަމަ ކުރުމުގެ ގޮތުން ބޮޑު މަހުގެ މަސްވެސް ކުޅުންތެރިންނަށް ކާންދެން ޖެހުނެވެ. އެކަމަކު އެ ހުރިހާ ގޮންޖެހުންތަކަކާ އެކު ވެސް އެފަހަރުގެ ފައިނަލުގައި އިނގިރޭސިން ބަލިކޮށް އިންޑިއާއިން ރަން މެޑަލް އުފުލާލީ ފައިނަލުގައި 0-4 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ދެ ގޯލު ކާމިޔާބުކޮށްދިން ބަލްބީރް ސިންގަށް މުޅި ސްޓޭޑިއަމުގެ އެންމެން އަދުވަހު ތައުރީފް ކުރިކަމަށް އޭނާ މީގެ ކުރިން ބުނެފައިވާ އިރު އެ ރަން މެޑަލް އަކީ އިންޑިއާއަށް ކުޅިވަރުން ކުރިއަށް ދިއުމަށް ލިބުނު އެންމެ ބޮޑު ހިތްވަރު ކަމަށް ގިނަބަޔަކު ސިފަކުރެ އެވެ.

އެގޮތުން އެފަހަރުގެ ރަން މެޑަލާ އެކު ޖެހިގެން އައި ދެ އޮލިމްޕިކުގައި ވެސް އިންޑިއާއިން ވަނީ ރަން މެޑަލް ހޯދައިފަ އެވެ. އޭގެތެރެއިން 1952 ގެ ފައިނަލުގައި ނެދަލެންޑުގެ މައްޗަށް އިންޑިއާއިން 6-1 ގެ ކާމިޔާބެއް ހޯދި އިރު ބަލްބީރް ސިންގް ވަނީ ފަސް ގޯލު ޖަހައިފަ އެވެ. އަދި ޖެހިގެން އައި 1956 ވަނަ އަހަރުގެ މުބާރާތުގައި އޭނާ ވަނީ އިންޑިއާގެ ޓީމުގެ ކެޕްޓަންކަން ކޮށް މުޅި މުބާރާތުގައި ވެސް ބައިކޮޅަށް ގޯލެއް ވަނަ ނުދީ ނިންމާލައިފަ އެވެ.

comment ކޮމެންޓް