ބޭންކިންއަށް އާ ބަދަލެއް، ބީއެމްއެލްގެ 90 ޕަސެންޓް މުއާމަލާތް އޮންލައިންކޮށް

ބޭންކް އޮފް މޯލްޑިވްސް--- ފޮޓޯ: ބީއެމްއެލް

ކޮވިޑް19 އާއި ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗުުތަކުން ދެމުންދިޔަ ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލި ނަމަވެސް، މި ހާލަތުގައި އެ ބޭންކުގެ ކަސްޓަމަރުން ކުރި މުއާމަލާތްތަކިގެ 90 ޕަސެންޓަކީ އޮންލައިން މުއާމަލާތްތައް ކަމަށް ބޭންކުން ބުނެފިއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރިއަށް ގެންދިތަ "ވޯކިން ފްރޮމް ހޯމް - އެމްބްރޭސިން ޓެކްނޮލަޖީ" ވެބިނާގައި ބައިވެރިވެ ވަޑައިގެން ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް، މުހައްމަދު ސައީދު ވަނީ މި ހާލަތުގައި ބޭންކުން ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާ ކުރައްވައިފައެވެ.

އެގޮތުން ބޭންކުގެ ކަސްޓަމަރުންގެ ގޮތުގައި 285،000 ކަސްޓަމަރުން ތިބިއިރު އޭގެ ތެރެއިން 87 ޕަސެންޓު ކަސްޓަމަރުންނަކީ އިންޓަނެޓް ބޭންކިން ބޭނުންކުރާ ކަސްޓަމަރުންކަން ސައީދު ފާހަގަ ކުރެއްވިއެވެ.

ކޮވިޑާ ގުޅިގެން، ބޭންކުން ކުރިން ދެމުންދިޔަ ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ދޭން ފަށާފައިވާއިރު، ނިއު ނޯމަލްގައިވެސް މީގެ ތެރެއިން ގިނަ ހިދުމަތައް ދޭނީ އޮންލައިންކޮށް ކަމަށް ސައީދު ވިދާޅުވިއެވެ.

ބޭންކުގެ ބްރާންޗުތަކުން ދޭ ހިދުމަތްތައް ނުދިން ނަމަވެސް، އިންޓަނޭޝަނަލް ޓެލެކްސް ޓްރާންސްފާ (ޓީޓީ)، މުވައްޒަފުންގެ ޕޭރޯލް، ޗެކް ޕްރޮސެސިން އަދި ބޭންކް ޓްރާންސްފާގެ ހިދުމަތް ބީއެމްއެލް އިން ދަނީ ފޯރުކޮށްދެމުންނެވެ. އަދި އިންޓަނެޓް ބޭންކިންއާއި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް 24 ގަޑިއިރު ފޯރުކޮށްދެއެވެ.

"ޕޭރޯލާއި ޓީޓީ އެޕްލިކޭޝަން އަދި ލޯކަލް ބޭންކް ޓްރާންސްފާގެ ހިދުމަތަކީ މީގެ ކުރިން ބްރާންޗުތަކުން ދެމުންދިޔަ ހިދުމަތް. މިގެނައި ބަދަލާއެކު މިހާރު ކަސްޓަމަރުން ގޭގައި ތިއްބަވައިގެން މުވައްޒަފުންގެ މުސާރަ ޝީޓާއި ގުޅުންހުރި ލިޔުންތައް އީމެއިލް މެދުވެރިކޮށް ކުރިއަށްގެންދެވޭނެ. އަޅުގަނޑުމެންގެ އަމާޒަކީ ޕޭރޯލް މިގޮތަށް ބޭއްވުން. ކަސްޓަމަރުން ބްރާންޗަށް ވަޑައިނުގެން ޕޭރޯލްގެ ކަންތައް ޕްރޮސެސް ކުރުުން،" ސައީދު ވިދާޅުވިއެވެ.

ކޮވިޑާއި ގުޅިގެން ވިޔަފާރިތަކަށައި އަމިއްލަ ފަރުދުންނަށް ހާއްސަ ފައިނޭންޝަލް ސޮލިއުޝަންތަކެއް ބޭންކުން ތައާރަފު ކުރިއިރު، މި ސޮލިއުޝަންތަކަށް އެދުމުގެ ފުރުސަތު އޮންލައިންކޮށް ހުޅުވާލިކަމަށް ސައީދު ވިދާޅުވިއެވެ.

ލޯނު މޮރިޓޯރިއަމްގެ ދަށުން ލޯނު ދެއްކުން ހަ މަހަށް ފަސް ކުރުމަށް ހުޅުވާލި އިރު މުޅިި އެ ޕްރޮސެސް އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް މަސައްކަތްކުރި ކަމަށައި، މި މަސައްކަތުގައި އުޅޭ މުވައްޒަފުންވެސް މަސައްކަތް ކުރަނީ އޮންލައިންކޮށް ގޭގައި ތިބެގެން ކަމަށް ސައީދު ވިދާޅުވިއެވެ. މިހާތަނަށް 16،000 ލޯނު ފަސް ކޮށްދިނުމަށް އެޕްލިކޭޝަން ލިބި، ޕްރޮސެސް ކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ކޮވިޑް ރިކަވަރީ ސްކީމުގެެ އެޕްލިކޭޝަނާއި، މުލި ޕްރޮސެސް ވެސް ކުރިއަށްގެންދަނީ އޮންލައިންކޮށް ކަމަށް ސައީދު ވިދާޅުވިއެވެ. އެގޮތުން ކްރެޑިޓް އިވެލުއޭޝަންގެ ކަންތައްވެސް ކުރިއަށް ގެންދަނީ އޮންލައިންކޮށް ކަމަށް ވިދާޅުވިއެވެ. މި ސްކީމުގެ ދަށުން 125 އަށް ވުރެ ގިނަ ލޯނު ދޫކޮށްފައިވާއިރު އެއީ 180 މިލިއަނަށްވުރެ ގިނަ ރުފިޔާ އެވެ.

ޓޫރިޒަމް ދާއިރާއަށް ދޭ ފައިނޭސިން ސްކީމާއި ވޯކިން ކެޕިޓަލް ލޯނަށްވެސް އޮންލައިކޮށް ހުށަހެޅޭއިރު މި ދެ ލޯނުގެ ކަންތައްވެސް ކުރިއަށްގެންދަނީ އޮންލައިންކޮށެވެ.

އިންޓަނެޓް ބޭންކިން ރެޖިސްޓްރޭޝަންގެ ކަންތައްވެސް އޮންލައިންކޮށް ކުރިއަށްގެންދާއިރު، ކަސްޓަމަރުންގެ މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރު ކުރާ ކަމަށް ސައީދު ވިދާޅުވިއެވެ.

ބީއެމްއެލްގެ ޑިޖިޓަލް ޕޭމެންޓް ހިދުމަތްތައް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރެވޭނެކަން ސައީދު ފާހަގަ ކުރެއްވިއެވެ.

އެގޮތުން ޕީއޯއެސް މެޝިނާއި، ކިޔުއާރު ކޯޑު ބޭނުންކޮށްގެން ޑިޖިޓަލް މުއާމަލާތްތައް ފަަސޭހަ އަދި ރައްކާތެރިކަމާއެކު ހިންގޭނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ވިޔަފާރިތަކުގައި ކާޑު މެޝެން ބޭނުން ނުކުރި ނަމަވެސް "އެމްޕޮސް" އެޕް ބޭނުންކޮށްގެން ފައިސާ ފޮނުވޭނެ ކަމަށާއި، އެސްއެމްއެސް ނުވަތަ އޮންލައިން މެސެޖިން ޕްލެޓްފޯމުތައް މެދުވެރިކޮށް ފޮނުވާލާ ލިންކެއް މެދުވެރިކޮށް ކަސްޓަމަރުންނަށް ފައިސާ ދެއްކޭނެެ ކަމަށް ސައީދު ވިދާޅުވިއެވެ.

ބޭންކުގެ ގިނަ ޚިދުމަތްތަކެއް އޮންލައިންކޮށް ދޭން ފެށި އިރު، ފައިސާގެ މުއާމަލާތްތައް ހިންގުމަށްފަހު ޓްރާންސެކްޝަން ޗެކް ކުރުމުގެ މުހިންމުކަމަށްވެސް ސައީދު އަލި އަޅުވާލެއްވިއެވެ.

ބޭންކުގެ 900 އަށް ވުރެ ގިނަ މުވައްޒަފުން ތިބޭ އިރު ގިނަ މުވައްޒަފުން މިހާރު މަސައްކަތްކުރަނީ ގޭގައި ތިބެގެން އޮންލައިންކޮށް ކަމަށާއި، ހިދުމަތް ދިނުމުގައި ރައްކާތެރިކަން އިސްކުރުމަށް ސިސްޓަމްތައް ސެކިޔޯ ކުރަން އިސްކަންދޭ ކަމަށް ސައީދު ވިދާޅުވިއެވެ. އެގޮތުން ގޭގައި މަސައްކަތްކުރާ މުވައްޒަފުންގެ ސިސްޓަމްތައް ވެސް ސެކިޔޯ ކޮށްފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"މުވައްޒަފުންގެ އަމިއްލަ ސިސްޓަމް ބޭނުން ކުރިނަމަވެސް ސިސްޓަމް މޮނީޓާކޮށް ޕްރޮޓެކްޝަން ބޭނުންވާނަމަ ޕްރޮޓެކްޝަން ވެސް މިދަނީ ފޯރުކޮށްދެމުން،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މި ހާލަތުގައިވެސް ބޭންކުން އޮތީ ހިދުމަތް ދިނުމަށް ތައްޔާރުވެފައި ކަމަށެވެ. ބޭންކުގެ މުއާމަލާތްތަކުގެ ބޮޑު އިންސައްތައެއް ޑިޖިޓަލް ޗެނަލްތަކުން ހިންގުމަކީ ލިބުނު ފަސޭހައެއް ކަން އޭނާ ފާހަގަ ކުރެއްވިއެެވެ.

comment ކޮމެންޓް