ގުރައިދޫ މަރު: ތުހުމަތު ޒަހަމްވި ބިދޭސީ މީހާއަށް

ގުރައިދޫ ބަނދަރުމަތި: ޒަހަމްވި މައްސަލައިގައި ތުހުމަތު ކުރެވެނީ ޒަހަމްވި ބިދޭސީ މީހާއަށް --- ފޮޓޯ/ މޮޕިއޯ.ނެޓް

ތ. ގުރައިދޫގައި ދަނޑުވެރިކަން ކުރުމުގައި އުޅެމުން އައި އުމުރުން 35-40 އަހަރާ ދެމެދު ބަންގްލޭޝަށް ނިސްބަތްވާ ޝާހުއާލަމް ރަހުމް ކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނީ މިދިޔަ ބުދަ ދުވަހުގެ ރޭ އޭނާ ދިރިއުޅެމުން ދިޔަ ސައިޓު ކުރިމަތީ އޮއްވަ އެވެ.

އޭނާ މަރާ ގުޅިގެން ފުލުހުން އެ ރަށުގައި ހިންގި އޮޕަރޭޝަނެއްގެ ދަށުން ބިދޭސީން އުޅޭ ތަނެއް ބަލައި ފާސްކޮށް ޒަހަމްވެފައި ހުރި ބިދޭސީއެއް ހޯދި އެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުން އޭނާއަށް ފަރުވާ ދިނުމަށް ޖެހިގެން އައި ދުވަހު ތ. ވޭމަންޑޫއަށް ގެންދިޔަ އެވެ. ނަމަވެސް ފަރުވާއަށްފަހު އެމީހާ ފަހުން ގުރައީދޫއަށް ގެންދިޔަ އެވެ. އަދި ޝާހުގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ފަހުން އޭނާ ވަނީ އެ އަތޮޅު މަޑިފުއްޓަށް ގެންގޮސްފައިކަން "ސަން" އަށް ވަނީ ކަށަވަރުވެފަ އެވެ.

އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ޒަހަމްވެފައި ހުއްޓާ ފެނުނު ބިދޭސީމީހާގެ އަމަލުތައް ހުރި ގޮތުން މި މައްސަލައިގައި ބޮޑަށް ތުހުމަތު ކުރެެވެނީ އެމީހާއެށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދިޔަތާ ތިންވަރަކަށް ދުވަސްވީއިރު، އަދިވެސް އޭނާ ދޫކޮށްލާފައި ނުވާކަން އެމީހުން ފާހަގަ ކުރި އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް އެރަށު ޒިންމާދާރު މަގާމެއްގައި ހުރި އެހެން މީހަކު "ސަން" އަށް ބުނީ، ޝާހްއާލަމް މަރާލުމުގެ ހަތަރުވަރަކަށް ދުވަސްކުރިން ޒަހަމްވި މީހާ އާއި ޝާހްއާލަމްއާ ޒުވާބެއް ކުރިކަން އެނގިފައިވާ ކަމަށެވެ.

"ބޮޑަށް ބެލެވެނީ ފައިސާގެ މައްސަލައެއްގައި ކަމަށް. މަޑިފުށީ ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ފަހުން އެމީހާ އަދި ދޫކޮށްނުލާ. އެެހެންވީމަ މި މައްސަލައިގައި ތުހުމަތު ކުރެވެނީ އޭނާއަށްކަން ވަރަށް ބޮޑަށް ބެލެވޭ،" އޭނާ ބުންޏެވެ.

އެރަށުގެ ބައެއް މީހުން ބުނިގޮތުގައި އޭނާ އަކީ ވަރަށް ހިތްހެޔޮ މުރާލި މީހެއް ކަމަށާއި އޭނާ މަރާލަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ.

ގުރައިދޫ މަގެއް: މަރުވި މީހާއާއި ޒަހަމްވި މީހާ ހަތަރުދުވަސް ކުރިން ޒުވާބު ކުރިމަށްވޭ --- ފްލިކާ ފޮޓޯ/ ޝާމިން އަލީ

ގުރައިދޫ ކައުންސިލްގެ ނައިބު ރައީސް ތައުފީގު އަލީ ވިދާޅުވީ، ޒަހަމްވި މީހާ ފަރުވާއަށް ފަހު އެރަށަށް ގެނެސް ފަހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ކުއްވެރިން ބަހައްޓާނެ ތަނެއް ނެތުމުން ގުރައިދޫއިން އެމީހާ ފަހުން ފުލުހުންގެ ބެލުމުގެ ދަށުން ގެންގޮސްފައިވަނީ އެ އަތޮޅު މަޑިފުއްޓަށް ކަމަށް ތައުފީގުވެސް ވިދާޅުވި އެވެ.

"ޒަހަމްވި މީހާ ފުލުހުންގެ ބެލުުގެ ދަށުން މަޑިފުއްޓަށް ގެންދިޔަކަން އެނގޭ. ފަހުން އޭނާ ދޫކޮށްލީކަމެއް ނުކުރާކަމެއް ނޭނގެ،" ތައުފީގު ވިދާޅުވި އެވެ.

ޒަހަމްވި މީހާ މަޑިފުށީގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިކަން އެރަށު ކައުންސިލުން ވެސް "ސަން އަށް ޔަގީންކޮށްދިނެވެ.

ޒަހަމްވެފައި ހުއްޓާ ފެނިގެން، މަރުގެ ތުހުމަތު ކުރާ މީހާއަކީ ގުރައިދޫ މަސްކައްކާ ސައިޓުގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ. އަދި ޝާހްއާލަމް އާއި އެމީހާ ދިރިއުޅެމުން އަންނީވެސް ތަފާތު ދެ ސައިޓެއްގަ އެވެ.

ކުރިން ވާހަކަ ދެއްކި ގުރައިދޫ ކައުންސިލްގެ ނައިބު ރައީސް ތައުފީގު ވިދާޅުވީ، ޒަހަމްވި މީހާ އެރޭ ވަރަށް ބޮޑަށް މަކަރު ހެދިކަމަށެވެ. އެގޮތުން އޭނާ އޮތީ ހޭނެތިގެންކަމަަށް ހެދިގެން ކަމަށް ތައުފީގު ވިދާޅުވި އެވެ.

"ޒަހަމްވި މީހާ އޮތީ ހޭނެތިގެންކަމަށް ހެދިގެން އޮތީ. މިރަށު ޑޮކްޓަރުންވެސް ބުނީ ފޭކެއް ކަމަށް. އެމީހާގެ ބޯވެސް ހުރީ ފެޅިފައި. ނަމަވެސް އަތޮޅު ހޮސްޕިޓަލު ފަރުވާ ދިނުމުން ބޮލަށް މާ ބޮޑު ގެއްލުމެއް ނެތް ކަމަށް ސްކޭންތަކުން ދެއްކީ،" ތައުފީގު ވިދާޅުވި އެވެ.

ތ. ގުރައިދޫ ސިއްހީ މަރުކަޒު: ޒަހަމްވި މީހާ ފަރުވާ ދިނުމަށް އެންމެ ފުރަތަމަ ގެންގޮސްފައި ވަނީ ސިއްހީ މަރުކަޒަށް، ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ، އޭނާ މަކަރު ހެދިކަމަށް --- ފޮޓޯ/ މޮޕިއޯ.ނެޓް

ތައުފީގު ވިދާޅުވިގޮތުގައި ޝާހް އާލަމްގެ ގާތިލަކީ ޒަހަމްވި މީހާކަން ޔަގީނަށް ބުނަން އެނގޭނީ ފުލުހުންގެ ތަހުގީގަށް ފަހު ކަމަށެވެ. ނަމަވެސް އޭނާ މަރާލާފައިވަނީ ބިދޭސީއެއްކަން ކަށަވަރުވާ ކަމަށް ތައުފީގު ވިދާޅުވި އެވެ.

ތައުފީގުވެސް ސިފަ ކުރެއްވި ގޮތުގައި މަރުވެފައި އޮއްވާ ފެނުނު ޝާހްއާލަމް އަކީ ވަރަށް ހިތްހެޔޮ ރަނގަޅު މީހެކެވެ.

"އޭނާއަކީ ވަރަށް ރަނގަޅު މީހެއް ކަމަށް މަރުވީ، މަސައްކަތްވެސް ދޭ. އޭނާ ނުކިޔާނެ އަގެއްވެސް. ހުސްވަގުތުގައި ވަރަށް ގިނަ ގިނައިން މަސައްކަތް ލިބޭނެ،" ތައުފީގު ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، މި މަރާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

މަރާލި ޝާހް އާލަމް އަކީ އޭނާގެ އާއިލާގައި ހުރި ހަމައެކަނި ފިރިހެން ދަރި ކަމަށްވެ އެވެ. އޭނާ މަރާލި އިރު، އޭނާގެ އަންހެނުންނާއެކު ހަތަރު ކުދިން އެބަތިއްބެވެ.

މިހާރުވެސް އެރަށުގައި ފުލުހުންގެ ޓީމެއް ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އިއްޔެވެސް ބައެއް ބިދޭސީން ގެންގޮސް ތަހުގީގަށް ސުވާލުކޮށްފައިވާކަން ވެސް އެނގިފައިވެ އެވެ.

މިދިޔަ އަހަރު ވެސް ރާއްޖޭގައި ވަނީ ބިދޭސީއަކު މަރާލައި ކަނޑުފައްތާފަ އެވެ. ށ. ޅައިމަގު، ކުރިމަގު ބޯޓުގައި ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރި އެމީހާ މަރާލީ އެ ބޯޓުގައި ދެންތިބި ބަންގްލަދޭޝްގެ މީހުންގެ މެދުގައި ހިނގި ދެބަސްވުމަކަށްފަހު އެވެ.

comment ކޮމެންޓް