އަޑާރަން ސިލެކްޓް ހުދުރަންފުށީގައި ކަރަންޓީނުގައި ތިބި މީހުންނަށް ކ. ހުރާ ރައްޔިތުންގެ ފަރާތުން އީދު ހަދިޔާގެ ގޮތުގައި ކެއުމެއް ދީފި އެވެ.
ކ. ހުރާ ކައުންސިލުން ބުނިގޮތުގައި މި އީދު ހަދިޔާއަކީ ރަށުގެ ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއެކު ކައުންސިލާއި އެރަށުގެ ކޮވިޑް-19 ޓާސްކްފޯހުގެ އިސްނެގުމުގެ މަތިން ކުރެވުނު މަސަައްކަތެކެވެ.
"މިއީ އަޅުގަނޑުމެން ކޮންމެ އަހަރަކުވެސް މި ރަށުގައި ބާއްވާނެ އީދު ކެއުމެއް މެހެމާނުންނަށް ހާއްސަކޮށް. ދެން މި އީދުގައި، ރައްޔިތުންވެސް ތިބީ ވަރަށް ބޭނުންވެފައި މިކަހަލަ އެހީތެރިކަމެއް ކޮންމެވެސް އެއް ބަޔަަކަށް މި ހާލަތުގައި ފޯރުކޮށްދޭން،" ކ. ހުރާ ކައުންސިލުގެ ރައީސް އީސާ އަހުމަދު ސަން އަށް ވިދާޅުވިއެވެ.
އީސަ ވިދާޅުވިގޮތުގައި މި މަސައްކަތުގައި ކެއުމުގައި ހިމެނޭ ތަކެތި ތައްޔާރުކޮށްދީފައިވަނީ ރަށުގެ ރައްޔިތުންނެވެ.
ކޮންމެ ގެޔަކުންހެން ކާ އެއްޗެހި ތައްޔާރުކޮށްދިން އިރު އީސާ ވިދާޅުވިގޮތުގައި ހުރާ ރައްޔިތުންގެ އުންމީދަކީ މި ހަދިޔާގެ ސަބަބުން އަޑާރަން ހުދުރަންފުށީގައި ތިބި ފަރާތްތަކަށް ކޮންމެވެސް ކަހަލަ ހިތްހަމަޖެހުމެއް ލިބިގެން ދިޔުމެވެ.
އަޑާރަން ހުދުރަންފުށްޓަކީ ސަރުކާރުން ކޮވިޑް-19 އަށް ހާއްސަކޮށް ގާއިމުކޮށްފައިވާ ކަރަންޓީނު ފެސިލިޓީއެކެވެ. އެތަނުގައި މިވަގުތު 190 މީހަކު ކޮވިޑް-19 އަށް ޝައްކުވުމުން ނުވަތަ ޕޮޒިޓިވް ކޭސްއަކާއި ކޮންޓެކްޓް ވުމުގެ ސަބަބުން ވަނީ ކަރަންޓީނު ކުރެވިފަ އެވެ.
އީސާ އިތުރަށް ވިދާޅުވިގޮތުގައި އަދިވެސް ހުއްދަ ލިބޭ މިންވަރަކުން ރަށުގެ ރައްޔިތުން ތިބީ މިކަހަލަ އިތުރު ކަންކަން ކުރުމަށް ތައްޔާރަށެވެ.
ކޮވިޑް-19 ގެ ވަބާ ރާއްޖޭގައި ފެތުރިފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ރައްޔިތުން ދަނީ މިފަދަ އޯގާތެރި އަދި އެއްބައިވަންތަކަމުގެ ލާމަސީލު މިސާލު ދައްކުވައިދެމުންނެވެ.
އެގޮތުން އެތައް ރަށަކުން ވަނީ ފާއިތުވެދިޔަ ބަރަކާތްތެރި ރޯދަ މަހު އެތައް ކަރަންޓީނު ފެސިލިޓީއަކަށް ރޯދަ ވީއްލުން ހަދިޔާކޮށްފައެވެ.