އުރީދޫއިން ފިތުރު އީދަށް ހާއްސަ ޑިޖިޓަލް މިއުޒިކް ޝޯއެއް

ފިތުރު އީދުގައި ގޭގައި ތިބެން ޖެހުނަސް، ކުލަގަދަ އީދެއް ފާހަގަ ކުރުމަށް މަގުފަހިކޮށް ދިނުމުގެ ގޮތުން އުރީދޫއިން ޑިޖިޓަލް މިއުޒިކް ޝޯއެއް އިންތިޒާމުކޮށްފި އެވެ.

އުރީދޫއިން ބުނީ މިއީ އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ފިތުރު އީދު ގޭގައި ތިބެން ޖެހޭތީ ގާތް ތިމާގެ މީހުންނާއި ރަހުމަތްތެރިންނާ ދުރުގައި ތިބެ ފާހަގަކުރަން ޖެހުމުން އިންތިޒާމުކުރި ހަރަކާތެއް ކަމަށެވެ.

އުރީދޫ އީދު ޝޯ 2020ގެ ނަމުގައި ބާއްވާ މި ޑިޖިޓަލް ޝޯގައި ރާއްޖޭގެ މަޝްހޫރު އަދި ކުޅަދާނަ ފަންނުވެރިން ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި ޒަކިއްޓެ، އަންޔާ، މީރާ، ޝަންމޫނު، ހަބޭސް އިންޑީ، ހަބޭސް ތޮލާ، އިބްރާހިމް ވަހީދު (ބޮޑުބެ) އަދި ޒަމާނުއްސުރެ ދިވެހިންގެ މަގުބޫލުކަން ހޯދާފައިވާ ކުޅަދާނަ ގިޓަރިސްޓު ފަސީ ލައިވް ހިމެނެ އެވެ.

މި ޝޯ ލައިވް ސްޓްރީމް ކުރަނީ މިރޭ 9:00ގައި އުރީދޫ މޯލްޑިވްސްގެ ޔޫޓިއުބް ޗެނަލްގަ އެވެ. ޝޯ ބާއްވަން ހަމަޖެހިފައިވާ ވަގުތުގައި އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ އަދި މި ލިންކު މެދުވެރިކޮށް ވެސް ޝޯ ބަލައިލެވޭނެ އެވެ.

އުރީދޫއިން ވަނީ ކޯވިޑް 19 އާއި ގުޅިގެން ފްރޮންޓްލައިންގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރުމާއެކު އީދުގެ ތަހުނިޔާ އެ ފަރާތްތަކަށް ފޮނުވާފަ އެވެ.

ފަސްޓް ރެސްޕޯންސްގެ ހިދުމަތް ބޭނުންވާ ފަރާތްތަކަށް ހިދުމަތް ދިނުމުގެ އިތުރުން އެހީތެރިކަމަށް ބޭނުންވެފައި ތިބި ބިދޭސީންނަށް ކެއުމާއި ސާފުތާހިރުވުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގައި ރެޑް ކްރެސެންޓްއިން ކުރަމުންދާ މަސައްކަތްވެސް އުރީދޫއިންވަނީ ފާހަގަކޮށްފަ އެވެ.

މި ހިދުމަތުގެ އަގުވަޒަންކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މި އެހީ ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށްޓަކައި ވީހާވެސް ގިނަ ފަރާތްތަކުން ރެޑް ކްރެސެންޓަށް ޑޮނޭޓްކުރުމުގައި ބައިވެރިވުމަށް އުރީދޫއިން ވަނީ އެދިފަ އެވެ.

comment ކޮމެންޓް