ލޮކްޑައުންއާ ގުޅިގެން ހާލުގައި ޖެހި، ވަގުތީ ހިޔާވަހިކަމުގައި ދިރިއުޅެމުންދާ ފަރާތްތަކަށް އީދު ދުވަހުގެ މުނާސަބަތުގައި ހާއްސަ ހެނދުނުގެ ނާސްތާއެއް ދިރާގުގެ އެހީގައި ފޯރުކޮށްދީފި އެވެ.
މި ނާސްތާއަކީ މަޓާޓޯ އާއި ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)ގެ އިސްނެގުމުގެ މަތިން ފަށާފައިވާ ފުޑް ސަޕޯޓް ޕްރޮގްރާމުގެ ދަށުން ދިން ނާސްތާއެކެވެ.
މި ޕްރޮގްރާމުގައި މަޓާޓޯއާއި އެންބީއޭއެމްއަށް ދިރާގު، ކޮކާކޯލާ މޯލްޑިވްސް އަދި މަންޓާ އެއާއިން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ވަގުތީ ހިޔާތަކުގައި ތިބި މީހުންނަށް މިއަދު ފޯރުކޮށްދިން އީދު ބްރެކްފަސްޓް-- ފޮޓޯ/ ދިރާގު
ރޯދަމަސް ފެށުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ފެށި މި ޕްރޮގުރާމު، ރޯދަމަހުގެ އިތުރުން ފިތުރު އީދާއި ޝައްވާލު މަހުގެ ފުރަތަމަ ހަ ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ.
މި ޕްރޮގުރާމްގެ ދަށުން ކަރަންޓީން އަދި ލޮކްޑައުންގެ ސަބަބުން މާލެ އަދި ހުޅުމާލޭގައި ވަގުތީ ހިޔާތަކުގައި ތިބި ދިވެހިންނާއި ބިދޭސީންނަށް ކާބޯތަކެތީގެ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ.
މި ފަރާތްތައް މިހާރު ދިރިއުޅެމުންދަނީ މާލެ އަދި ހުޅުމާލޭގައި ސަރުކާރުން ހަމަޖައްސާފައިވާ ވަގުތީ ހިޔާތަކުގަ އެވެ. މިއަދާ ހަމައަށް މި ޕްރޮގުރާމްގެ ދަށުން 25000 އެއްހާ "މީލް ޕެކޭޖް" ވަނީ ހަދިޔާކޮށްފަ އެވެ.