އަހަރެންގެ އުމުރުން އޭރު 16 އަހަރެވެ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އަލަށްވެސް ދިޔުމުގެ ފުރުސަތު ލިބުނީ 2012 ވަނަ އަހަރުގެ ވަޅު އީދު ދުވަހު އެވެ. އެއީ، ރާއްޖޭގައި ހިލޭ ސާބަހަށް މަސައްކަތްކުރާ އެންމެ ބޮޑު ޖަމްއިއްޔާ އަދި 10،000 އަށް ވުރެ ގިނަ އަންހެން މެމްބަރުން ހިމެނޭ، މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަންގެ ޒުވާން ލީޑަރުންގެ ގޮފިން އިސްނަގައިގެން އެ މަރުކަޒަށް ކުރި ދަތުރެކެވެ. އަހަރެން ވެސް ގާލްގައިންޑްގެ މެންބަރަކަށް ވުމުން އެ ދަތުރުގައި ބައިވެރިވާން ފުރުސަތު ލިބުނީ އެވެ.
"ގުރައިދޫ ދަތުރު"ގެ ނަމުގައި 2،000 ވަނަ އަހަރުން ފެށިގެން ބާއްވަމުން އެ ދަތުރު ވެގެން ދިޔައީ އަހަރެންގެ ހަޔާތުގެ އާ ސޮފްހާއެއްގެ ފެށުމަށެވެ. އަޅާ ނުލެވި ހުރި އިޖްތިމާއީ އެތައް މައްސަލައަކަށް ލޯ ހުޅުވާލަދިނެވެ. ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އުމުރުން ދުވަސްވެފައިވާ ފަރާތްތަކަށް އަޅާލުމާއި އޯގާތެރިވުމުގެ މުހިއްމުކަން އަހަނަށް ބުނެދިނީ މި ދަތުރެވެ.
ކޮންމެ އަހަރެއްގެ އީދު ދުވަހު ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ސެންޓަރަށް ޒިޔާރަތްކޮށް އެތަނުގައި ތިބޭ ދުވަސްވީ މީހުންނާ އެކު ވަގުތު ހޭދަކުރުމަކީ ކޮންމެ ގާލް ގައިޑަކަށް ވެސް ހާއްސަކަމަކަށް އޮންނަނީ ވެފަ އެވެ.
އެދަތުރުން އަހަރުމެންނަށް ކިޔައިދެނީ، މައިންބަފައިން މުސްކުޅިވެ ގައިބާރުދެރަވެ ދަރީންގެ ލޯބި އެންމެ ބޭނުންވާ ދުވަހު ގަސްތުގައި އެ އަޅާލުމުން މަހުރޫމްކުރުމުގެ ހިތާމަވެރި އެތައް ވާހަކައެކެވެ. މާލީ ފޯރުންތެރިކަން ނެތުމުން ހިތާދެކޮޅަށް "ބަލި" ދަރީން ލޮލަށް ނުފެންނަހާ ދުރަށް ފޮނުވާލަން މަޖުބޫރުވި މައިންބަފައިންގެ ހިތްދަތި އިހްސާސްތަކެވެ.
ގުރައިދޫ ދަތުރު ދިއުމަށް ކޮންމެ އަހަރެއްގެވެސް ރޯދައިގެ ކުރިން ފެށިގެން އަހަރެމެން ތައްޔާރުވާން ފަށަމެވެ. އެންމެ ފުރަތަމަ ކަމަކަށް، އެމަރުކަަޒަށް ގުޅާ އެންމެ ފަހުގެ މައުލޫމާތު އެއްކޮށް އެންމެ ބޭނުންވާ އެއްޗެހީގެ ލިސްޓެއް އެކުލަވާލަނީ އެވެ. ދެހާހުގެ ކުރީ ކޮޅު ނަމަ، އެ މަރުކަޒުގައި ތިބޭ މީހުންނަށް އެހީއެއް ފޯރުކޮށްލަ ދިނުމަށް އެދި ތަނަވަސް މީހުންނާއި ބައެއް ފިހާރަތަކަށް ސިޓީ ލިޔެ ފޮނުވަނީ އެވެ. ނަމަވެސް މި ފަހުން ސޯޝަމް މީޑިއާގައި ދަތުރުގެ މައުލޫމާތު ހިއްސާކޮށްގެން އެހީތެރިކަން ހޯދަނީ އެވެ.
އަހަރުމެން އެ ސެންޓަރަށް ދަނީ ދީލަތި އެތައް ދިވެހީންނެއް ދޭ "އީދު ހަދިޔާ" ހިފައިގެންނެވެ. ވަޅު އީދު ދުވަހު ޔަގީނަށް ވެސް އަހަރުމެން ތިބޭނީ ގުރައިދޫ މަރުކަޒުގައި އެތަނުގައި އުޅޭ މީހުންނާ އެކު ވަގުތު ހޭދަކުރުމުގަ އެވެ. މި ދަތުރުގައި އެ މަރުކަޒުގައި ތިބޭ ފަރާތްތަކަށް ބޭނުންވާނެ އަސާސީ ތަކެތިވެސް ގެންގޮސް ބަހާ ހަދަމެވެ. ދިވެހީން އިތުރުން ބޭރުގައި ތިބޭ އެކި ފަރާތްތަކުންވެސް މިކަމަށް އެހީތެރިވެ އެވެ.
މިދިޔަ އަހަރަކީ ގުރައިދީ ދަތުރަށް 20 އަހަރު ފުރުނު އަހަރެވެ. އެއާ އެކު، "ގުރައިދޫ ޕްލަސް"ގެ ނަމުގައި ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބޭ މީހުންނަށް ހެލްތް ކޭމްޕަކާއި މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުންގެ ގާބިލްކަން އިތުރުކޮށްދިނުމުގެ ގޮތުން ޓްރެއިނިން ދިނުމުގެ ޕްރޮގްރާމްތަކެއް ވެސް ރޭވި އެވެ. ބޭނުމަކީ ގުރައިދޫ މަރުކަޒަށް ދެމެހެއްޓެނިވި ގޮތެއްގައި އެހީވުމެވެ.
ގުރައިދޫ ދަތުރުގެ ހުރިހާ ކަމެއް ރާވާ އިންތިޒާމްކުރަނީ ޒުވާނުން ގައިޑުންނާއި ގައިޑް ލީޑަރުންނެވެ. އެހީ ހޯދުމަށް ސިޓީ ފޮނުވުމުން ފެށިގެން، ލިބޭ އެހީތައް އެއްކޮށް ވަކި ތަރުތީބެއްގެ ދަށުން އެތަކެތި ޕެކްކުރުމުގެ މަސައްކަތް ވެސް ކުރަނީ މި ޒުވާނުންނެވެ. އަދި މުޅި ވަޅު އީދު ދުވަހު ގުރައިދޫ މަރުކަޒުގައި ހިންގާނެ ހާއްސަ ހަރަކާތްތައް ވެސް އިންތިޒާމް ކުރަނީ މި ގުރޫޕުންނެވެ.
އެކަމަކު މިއަހަރު ތަފާތެވެ. މިއަހަރުގެ ވަޅު އީދު ދުވަހު އަހަރެމެން ގާލް ގައިޑުންގެ އާއިލާއަށް މިވަނީ ވަރަށް ބޮޑު ހުސްކަމެއް ކުރިމަތިވެފަ އެވެ. ކޮރޯނާވައިރަހާ އެކު ފުރަބަންދެއްގައި އޮތުމުން މި ފަހަރު ގުރައިދޫ ދަތުރު ކެންސަލް ކުރަން ޖެހުނީ އެވެ.
"އެ ދަތުރަކީ އަހަރުމެން ވަރަށް ކެތް މަދުވެފައި ތިބޭ ދަތުރެއް. އެތަނުގައި ތިބޭ މީހުންނަށް ކޮންމެ އީދަކު މަރުހަބާ ކިޔަން ތިބެނީ ކެތްމަދުވެފައި. އެކަމަކު މިފަހަރު އެ ނަސީބެއް ނުލިބުނު. އަހަރުމެން މިތިބީ ވަރަށް ބޮޑު މާޔޫސްކަމެއްގައި. މިއީ ބަޔާންކުރަންދަތި ފަޅުކަމެއް. އަހަރެންގެ ހިތަށް ވެސް ވަރަށް ބޮޑު ހުސްކަމެއް އައިސްފި،" ގާލް ގައިޑަކުން އޭނާގެ ޝުއޫރު ހިއްސާކުރި އެވެ.
ގުރައިދޫ ދަތުރުގެ އެންމެ ހާއްސަ ހަނދާނަކީ އެތަނުގެ މައިގޭޓުން ވަންނައިރު، އެ ތަނުގައި ތިބޭ މީހުންގެ އަހަރުމެންނަށް މަރުހަބާ ކިޔަން މާކުރިން ގޯތިތެރެއަށް އެއްވެ ތިބޭނެ މަންޒަރެވެ. އަދި ވަރަށް ގިނަ ގާލް ގައިޑުންނާއި “ސީދާ ނަމުން” އެ މީހުން މުހާތަބުކުރެ އެވެ. އެއީ، ހިތާ ހިތުގެ ގުޅުމަކަށް އޮންނަނީވެފަ އެވެ.
ހަމަ ޔަގީނަށް ވެސް، މަރުކަޒުގައި ތިބޭ ކޮންމެ މީހެއްގެ ހަނދާނުގައި ވެސް މި ދަތުރުގެ ފޮނި ހަނދާންތައް ރައްކާކޮށްފައި ހުންނާނެ އެވެ. އެ ދަތުރުގައި މެންދުރަށް ތާވަލްކޮށްފައި އޮންނަ މިޔުޒިކް އަދި ހުނަރު ޝޯގެ ހަބަރު ދަބަރު އޮޅުންފިލުވާ މިފަހަރު ބޮޑުބެރުގެ ހާއްސަ ލަވައެއް އޮންނާނެތޯ އާއި އޭނާގެ “ފޭވަރިޓް” ކުޑަ އިއްބެގެ ލަވައެއް ޕާފޯމްކޮށްލަން، މައިކުން ކިޔާލަން ލިބިދާނެތޯ އެ މީހުން ސުވާލު ކުރާނެ އެވެ. ހަމަ ގައިމު އެ ސުވާލުތަކުގެ މަތިން އަހަރުމެން ވަރަށް ހަނދާންވެ އެވެ.