އަހަރެމެންގެ ރާއްޖެ އާންމު ހާލަތެއްގައި އޮތްނަމަ މިއަދު މި ރިޒޯޓު އޮންނާނީ ފުރިބާރުވެފަ އެވެ. ރާއްޖެއިން ބޭރުން ރާއްޖެ ދެކިލަން އަންނަ މެހެމާނުންނާއި އެއްވަރަށް ނުވަތަ އެއަށްވުރެވެސް ގިނައިން ގޮސްތިބޭނެ އެއްބަޔަކީ އަމިއްލަ ގައުމުގެ މުއްސަނދި ސަގާފަތާއި އާދަކާދައާއި ކުޅިވަރުތައް ދެކިލުމަށް ގޮސް ތިބޭ ކުދިބޮޑު ދިވެހީންނެވެ. ކުޑަ އީދަކަސް، ބޮޑު އީދަކަސް، އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ތާރީހާއި ސަގާފަށް އިއާދަކޮށް ފަނޑުވުމެއްނެތް ދިވެހި ކުލަތައް އެންމެ މެހެމާނުންނަށް ދައްކާލަދިނުމެވެ. އެވެރިން މިކަންކަމުގައި ބައިވެރިކުރުމެވެ.
މިއީ ސަމާ އައިލެންޑް ރިސޯޓް މޯލްޑިވްސްގައި އާންމު އީދު ދުވަހެއް މިފަހުން ކުރިއަށްދާގޮތެވެ. މިއަދު ދިމާވެފައިމިވާ ހިތްދަތި ވަގުތުކޮޅުގައި ރިޒޯޓު ބަންދުކޮށް، ވިޔަފާރި ހުއްޓުނު ނަމަވެސް، އެ ރިޒޯޓަކީ ދިވެހިންގެ ފުރިހަމަ މެހެމާންދާރީއާއި މުއްސަނދި ސަގާފަތް ދުނިޔޭގެ ލޯތަކަށް ދައްކާލަދިނުމުގެ ޒިންމާ ނިކަން ފުރިހަމައަށް އަދާކުރަމުން އައި ރިޒޯޓެކެވެ.

ސަމާރ އައިލެންޑް މޯލްޑިވްސްގެ އީދު ހަރަކާތްތައް-- ފޮޓޯ ސަމާރ އައިލެންޑް
މިފަހުން އައި ކޮންމެ އީދެއްގައިވެސް ސަމާ އައިލެންޑްގައި ފޯރިގަދަ އެތަށް ހަރަކާތެއް ކުރިއަށްގެންގޮސްފައިވެ އެވެ. ބޮޑުބެރާއި، ބޮޑު މަހާއި، މާލި ނެށުމާއި، ކޯޑި ކެނޑުމާއި، ދަނޑިޖެހުމާއި އަދި ދަފިނެގުންފަދަ އެތަކެއް މިޔުޒިކީ އަދި ސަގާފީ ކުޅިވަރުތަކުގައި ގެސްޓުންނާއި ސްޓާފުން ހޭލަމޭލަވެގެން އުޅެ އެވެ. ބިދޭސީންނަށް މިއީ މުޅީން އާ ތަޖުރިބާއެކެވެ. އަދި ދޭސީންނަށް މިއީ ފޫހިނުވާނޭފަދަ ހަރަކާތްތަކެކެވެ.
"ކޮންމެ އީދެއްގައިވެސް ވަރަށް ގިނަ ލޯކަލްސް ވެސް އާދޭ. އެއްފަހަރުއައިއްސިއްޔާ ދެވަނަ ފަހަރަށް ތިންވަނަ ފަހަރަށްވެސް އާދޭ. ފަތުރުވެރިންނާއި އެއްވަރަށް ދިވެހިންވެސް މި ހަރަކާތްތަކުގައި ބައިވެރިވެ ފޯރި ނަގާ. ރިޒޯޓަކަށްވުރެ ބޮޑަށް މި ދުވަސްތަކުގައި ހީވާނީ މިއީ އާންމު މީހުން އުޅޭ ރަށެއްހެން. އެހާވެސް ފޯރިގަދަ." ސަމާ އައިލެންޑްގެ ފަރާތުން ބުންޏެވެ.

ސަމާރ އައިލެންޑް މޯލްޑިވްސްގެ އީދު ހަރަކާތްތައް-- ފޮޓޯ ސަމާރ އައިލެންޑް
ސަމާ އައިލެންޑްގައި ހަރަކާތްތެރިވާ ސްޓާފުންގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ނިސްބަތްވާ މީހުން ހިމެނޭއިރު، އެއިން ކޮންމެ މީހެއްގެ ފަރާތުންވެސް ދިވެހިންގެ ސަގާފަތާއި އާދަކާދައިގައި ހިމެނޭ އާ ކަމެއް އެކަކު އަނެކަކަށްދަސްވެ ހިއްސާކުރުމަށްވެސް މިއަށްވުރެ ވަކިބޮޑު މުނާސަބާއެއް ނެެތެވެ.
ސަމާ އައިލެންޑުން ބުނާގޮތުން އެ ރިޒޯޓުގައި މިފަހުން ފާހަގަކުރި އީދުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ 2016 ވަނަ އަހަރުގެ ފިތުރުއީދު ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކެވެ. އެއީ ރިޒޯޓުގައި ބޮޑުމަސް ހަރަކާތް ބޭއްވިވެސް ފުރަތަމަ ފަހަރެވެ. ކަންދިމާކުރިގޮތުން ވާރޭވެހުނު ދުވަހެއް ނަމަވެސް ތާވަލްކުރި ގޮތަށް ބޮޑުމަހާއި މާލި ޕެރޭޑް ނިކަން ކާމިޔާބު ކަމާއިއެކީ ބޭއްވުނެވެ.

ސަމާރ އައިލެންޑް މޯލްޑިވްސްގެ އީދު ހަރަކާތްތައް-- ފޮޓޯ ސަމާރ އައިލެންޑް
"އެއަހަރުގެ ފަހުން ކޮންމެ އަހަރަކުވެސް ވަރަށް ކުލަގަދަކޮށް އީދު ފާހަގަކުރެވޭ. ރިޒޯޓަށް އަންނަ ގެސްޓުންނާއި އަދި ސްޓާފުންވެސް ވަރަށް ޝަައުގުވެރިވެ އުފާވާ ކަމަކަށް މިކަންވަނީ. ބޮޑުމަހާއި މާލި ޕެރޭޑަކީ ކޮންމެ އީދެއްގެވެސް ހަމަ 'މަސްޓެއް'" ރިޒޯޓުން ބުންޏެވެ.
މި ފޯރިއާއި ޖޯޝަށް މަޑުޖެހިލުމެއް މިއައީ މުޅި ދުނިޔެއަށް ފެތުރުނު ކޮވިޑް19ގެ ބަލިމަޑުކަމުގެ ސަބަބުންނެވެ. ކިތަންމެ ހަރަކާތެއް އަދި މިއަހަރަށް ތާވަލުކުރެވުނަސް، ކަންދިމާކުރީ މުޅީން ތަފާތުކޮށެވެ. ބަރަކާތްތެރި ފިތުރުއީދު މިއަދު ބައްދަލުކުރިއިރު، ރިޒޯޓު އޮތީ ފަޅަށެވެ. އުންމީދުކުރެވުނު ބޮޑުބެރުގެ އަޑުތަކެއް މިއަދަކު ނީވެ އެވެ. ހީސަމާސާކޮށް އީދުއުފާނަގާނެ ދިވެހިންތަކެއްވެސް ނެތެވެ.

ސަމާރ އައިލެންޑް މޯލްޑިވްސްގެ އީދު ހަރަކާތްތައް-- ފޮޓޯ ސަމާރ އައިލެންޑް
ސަމާ އައިލެންޑަށް މިވަގުތަކީ ކިތަންމެހާވެސް ދަތި އުނދަގޫ ވަގުތުކޮޅެކެވެ. އީދު ފަދަ މުނާސަބަތުތަކަށް ޒިޔާރަތްކުރާ މެހެމާނުންނާއި ހާއްސަކޮށް ކުޑަކުދީންގެ މަތީން ހަނދާންއާވާއިރު، އަދިވެސް ރިޒޯޓުގެ ހީވާގި މުވައްޒަފުންތިބީ އަތްއުރާލައިގެނެއް ނޫނެވެ.
ރިޒޯޓު މުވައްޒަފުންގެ ފަރާތުން ތައްޔާރުކުރާ ވަރަށް ހާއްސަ އީދު ލަވައެއް އެ ރިސޯޓުން ތައްޔާރުކޮށް ވަނީ އިއްޔެ ފޭސްބުކުން ދައްކާލައިފަ އެވެ. އަދި އިއްޔެ ހަވީރު 5:00-6:00 އަށް ސްޓާފުންނަށް ލައިވް ބޮޑުބެރު ޝޯއެއް ވެސް ބޭއްވި އެވެ.

ސަމާރ އައިލެންޑް މޯލްޑިވްސްގެ އީދު ހަރަކާތްތައް-- ފޮޓޯ ސަމާރ އައިލެންޑް
އީދު މިފަހަރު އައީ އަހަރެމެންގެ ތެރެއިން އެކަކުވެސް އުންމީދުކުރި ގޮތަކަށް ނޫނެވެ. އެހެން ނަމަވެސް އުންމީދު ގެއްލުވާނުލާށެވެ. ސަމާ އައިލެންޑްފަދައިން ރާއްޖޭގެ ގިނަ ރިޒޯޓުތަކަކީ މިފަދަ މުނާސަބަތުތަކުގައި ތަފާތު ހަރަކާތްތަކެއް ފަތުރުވެރިންނަށް ތަޖުރިބާކޮށްދޭ ރިޒޯޓުތަކެވެ. މިއަދު ނުކުރެވުނަސް ކުރިއަށްއޮތްތަނުގައި މާ ފޯރިގަދަވާނެ އެވެ.