ގިނަ ތަރިންތަކަކާއެކު ލޮކްޑައުން ފިލްމު "ކުޑަކުޑަ ބާރު" ގެނެސްދީފި

ކުޑަކުޑަ ބާރުން ފެނިގެންދާ ތަރިން---

ކޮވިޑް19ގެ ސަބަބުން މާލޭ ސަރަހައްދު ލޮކްޑައުންކޮށްފައިވާ މި ދަނޑިވަޅުގައި ވެސް ފިލްމީ ތަރިން އެކުވެގެން ލޮކްޑައުން ފިލްމެއް ނެރެފިއެވެ.

ކާމިޔާބު އެކްޓަރު އަހުމަދު އަޒްމީލް (އަޒޭ) އިސްނެގުމުގެ މަތިން ގޭގައި ތިބެގެން ޝޫޓްކޮށްގެން ގެނެސްދީފައިވާ މި ފިލްމަކީ އާންމުންނަށް ވަރަށް މުހިއްމު މެސެޖެއްދިން ފިލްމެކެވެ. "ކުޑަކުޑަ ބާރު"ގެ ނަމުން ނަންދީފައިވާ މި ފިލްމުގެ އެންމެ ހާއްސަ ތަންކޮޅަކީ ހުރިހާ އެންމެންގެވެސް "ޖިންނި ޖިނާ" (ރީކޯ މޫސަ) ފެނިގެންދިޔުމެވެ. އޭނާ އާއެކު ޖިންނި ޖިނާގެ ޒޫނާ (ނިއުމާ މުހައްމަދު) ވެސް މި ފިލްމު ވަނީ ފެނިގެން ގޮއްސައެވެ.

ދިވެހި ފިލްމީ އިންޑަސްޓްރީގެ ގިނަ ތަރިންތަކެއް މި ފިލްމުން ފެނިގެންދިޔައިރު ކުރީގެ އެކްޓަރު މަރިޔަމް އަފީފާ ވެސް ވަނީ މި ކުރު ފިލްމުން ފެނިގެން ގޮއްސައެވެ. ދިހަ ވަރަކަށް މިނެޓްގެ މި ކުރު ފިލްމުގެ ސްކްރިޕްޓާއި އެޑިޓިން މަސައްކަތްކޮށްފައިވަނީ ވެސް އަޒޭއެވެ.

"ކުޑަކުޑަ ބާރު" އިން ފެނިގެންދާ ބައެއް ތަރިންނަކީ އައިޝަތު ރިޝްމީ، އައިމިނަތު ރަޝީދާ (އައިންތު) އާއި ރަވީ ފާރޫގު، އިސްމާއީލް ޖުމައިހް (ޖުމާ)، އަހުމަދު ސައީދު، ފާތުމަޒު އާޒިފާ (އަޒޫ) ރޯނު ހަސަން މަނިކާއި އާރިފާ އިބްރާހީމް، ޝަރާ އަދި ޒެއްލު ހިމެނެއެވެ.

މި ފިލްމަކީ ބޮލީވުޑްގެ ލޮކްޑައުން ކުރު ފިލްމު "ފެމިލީ" އިން އިންސްޕަޔާވެގެން ތައްޔާރުކުރި ފިލްމެކެވެ. ފިލްމުގައި އަތްދޮވުމުގެ މުހިއްމުކަމާއެކު ގައިދުރުކުރުމުގެ މުހިއްމުކަމަށްވެސް އަލިއަޅުވާލައިފައިވެއެވެ. ކުޑަކުޑަ ބާރު މިހާރު ޔޫޓިއުބުން ބަލައިލެވޭނެއެވެ.

comment ކޮމެންޓް