ޑާކްރެއިން އެންޓަޓެއިންމަންޓްގެ އެންމެ އަގުބޮޑު ފިލްމު "މާމުއި" ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ރެޑް ކާޕެޓް ހަފްލާއެއްގައި ޕްރިމިއާކޮށްފަ އެވެ.
ފިލްމު ފެށިގެން ނިމެންދެން އޮލިމްޕަހުން ހޭ އަޑު ކެނޑިގެން ނުދެ އެވެ. ފިލްމުގައި ހިމަނާފައި ހުރި ލަވަތައް ބެލުންތެރިން ވަނީ ބަލައިގެންފަ އެވެ. ކުރީގެ ދިވެހި ލަވަތަކުގައި ހުރި ނެށުންތައް ބޭނުންކޮށްގެން "އަރައިގެން އައި އިރާ އޭ" ލަވަ ދައްކާލިއިރު އެ ލަވައަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.
ފިލްމަކީ މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސްކޮށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރި ފިލްމެކެވެ.
ތަރިން
މަރިޔަމް އައްޒަ (ހައިފާ)، ޖުމައްޔިލް ނިމާލް (ސަލްމާން)، އިސްމާއިލް ޖުމައިހް (ރުޝްދީ)، މަރިޔަމް މަޖުދާ (ތާނިޔާ)، ނުޒުހަތު ޝުއައިބު (ދިޔާނާ)، އަބްދުﷲ ޝާފިއު (ހައްޕު)، ޝީލާ ނަޖީބު (ވަރުޖީނާ)، ހަމްދާން ފާރޫގް (ރޯޒީ)، އާދަމް ރިޒްވީ (ޕްރަދީޕް ރައުފް)، މަރިއްޔާ ތެރެސާ (ރޮމާނީ)، އައިޝަތު ޔާދާ (ސާނިޔާ)، އަލީ ޝަޒްލީމް (ބަނީ)، އިބްރާހިމް އަމާން (އަރްސަލާން)، ސަމާހަތު ރާޒީ (ޒާރާ)، އަހްމަދު ސުނީ (ރީތި އިއްސެ)، އަލީ ނަދީހް (ސްވިޗް) އަދި އަހްމަދު ޝާކިރު (ހުދު މުހުތާރު)
މައިގަނޑު ވާހަކަ
"މާމުއިި" އަކީ އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލުގެ ސްކްރީންޕްލޭގެ މައްޗައް އުފައްދާފައިވާ ކޮމެޑީއެކެވެ.
ފިލްމުގައި ކޮންމެ ކެރެކްޓާ އަކީ ވެސް އެމީހެއްގެ އަމިއްލަ ދިރިއުޅުމުގައި ކޮންމެވެސް ކަންތައްގަނޑެއް ދިމާވެފައިވާ ތަރިން އެވެ.
ފިލްމު ފެށިގެންދިޔައި އިރު ރުޝްދީ އުޅެނީ އޭނާގެ ދުވަސްވީ ލޯބިވެރިޔާ ތާނިޔާ އާއި ކައިވެނިކުރަން ޕްރޮޕޯޒްކުރާށެވެ. ނަމަވެސް އެ ޕްރޮޕޯޒަލް ހުއްޓުވަން ރުޝްދީގެ އެންމެ ގާތް އެކުވެރިޔާ ސަލްމާން އެވެ. ސަލްމާން އޭނާގެ ބޮލަށް ނިކަން ރަނގަޅަށް ސަވާރުވެ އެކަން ފަނިކޮށްލަނީ އެވެ.
ތާނިޔާގެ ދައްތަ، ސާނިޔާގެ ޝައްކުކުރުންތައް ރުޝްދީއަށް ކުރިމަތިވެ އެވެ. އެއާ އެކު، ހީވެސްނުކުރާހާ ގޮތަކަށް ކަންކަން އެފުށް މިފުށަށް ޖެހެ އެވެ. ތާނިޔާ އަށް އެންމެ އެކަށީގެންވާ މީހަކީ ރުޝްދީ ނޫން ކަން ސާނިޔާ ހެކި ދައްކަ އެވެ. އެ ދައްކާލި ހެއްކަކީ މުޅި އޮލިމްޕަހުގައި ތިބި ބެލުންތެރިން ހީ ހީ އަޖައިބުކުރުވަނިވި ހެއްކެކެވެ.
ހައިފާ އާއި ސަލްމާން އަކީ ފިލްމުގައި ކައިވެނިކޮށްގެން އުޅޭ ލޯބި ދެމަފިރިންނެވެ. ނަމަވެސް ހައިފާގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވަނީ އޭނާގެ މައިދައިތަ ވަރުޖީނާ އެވެ. އޭނާގެ ނުފޫޒެވެ. ޒުވާން ދެމަފިރިއެއްގެ ހަޔާތަށް މައިދައިތަގެ ތުރާ ކުރިމަތިވެ އެ ލޯބި ހަޔާތް ހަރާބުވާ ވަރުފެނެ އެވެ.
ދިޔާނާ "ސެޓު" ކުރަން ހައްޕު ކުރާ ބުރަ މަސައްކަތްވެސް ފިލްމުން ނިކަން ރަނގަޅަށް ވެސް ފެނެ އެވެ. ފިލްމުގައި ޕްރަދީޕް ރައުފްގެ ކެރެކްޓާއަކީ މަޖާ އަދި ތަފާތު މޮޅު ކެރެކްޓާއެކެވެ.
"މާމުއި" ފުޅި ހޯދަން އެންމެ މަސައްކަތްކުރި އެކަކީ ހުދު މުހުތާރެވެ. މާމުއި ފުޅިއަކީ ހުދުމުހުތާރުގެ އެއްޗެކެވެ. އޭނާގެ މާމުއި ފުޅި ހިފައިގެން ރާއްޖެ އަންނަނީ ޖަގުވާ އެވެ.
"މާމުއި" ފުޅި ފޮރުވައިގެން އެ ގެއްލިގެން ހޯދަން ކުރާ ބުރަ މަސައްކަތްވެސް ފިލްމުން ދައްކުވައިދެ އެވެ. "މާމުއި" ފުޅިއަކަށް ހުދުމުހުތާރު ކުރާ ހަނގުރާމަ އެވެ.
އެކަންތައްތަކުގައި އެމީހުން އުޅެމުން ދަނިކޮށް ފަހު ވަގުތު ދިމާވާ ޓްވިސްޓަކުން އެންމެން ވެސް އެއްތަންވެ، މައްސަލައިން އެންމެން އެއްކޮށް ސަލާމަތްވެވޭތޯ އެކުގައި މަސައްކަތް ކުރާ މަންޒަރުވެސް ދައްކުވައިދެ އެވެ.
"މާމުއި" ފުޅި އަކީ ކޮން އެއްޗެއްތޯ އެނގުމުން އެންމެން ވެސް ތިބީ ހައިރާންވެފައެވެ. ހަމަ ޔަގީނުންވެސް އުންމީދު ކުރި އެއްޗަށް އެ "މާމުއި" ފުޅި ވެގެނެއް ނުދިޔައެވެ.
ތަފާތު ގޮތަކަށް ނިންމުން ގެނެސްފައިވާ އެ ފިލްމު ބަލާލަން ސިނަމާއަށް ވަދެ ތިބި އެންމެނަށް ވެސް ތިބީ ޝައުގުވެރިކަމާއެކު ފިލްމުގެ ތެރެއަށް ރަނގަޅަށް ވެސް ވަދެވިފައެވެ. ހީ ހީ ގޮސް ބަނޑުގައި ރިއްސާފައެވެ.
ފިލްމުގައި އެންމެ ތަފާތު ރޯލުން ފެނިގެންދިޔައީ ހުދުމުހުތާރު އާއި ޕްރަދީޕް ރައުފްއެވެ. އެ ދެތަރިން ފިލްމުގައި ދައްކުވައިދީފައިވާ އެކްޓިން ފާހަގަކޮށްލަންޖެހެއެވެ. ބެލުންތެރިންވެސް ވަނީ އެދެތަރިންގެ ޖާދޫގައި ހަމަ ރަނގަޅަށް ޖެހިފައެވެ.
މޮގާ އަދި އައިޝަތު ފުއާދު ޕްރޮޑިއުސްކުރި އެ ފިލްމަކީ އެންމެ ވަރުގަދަ ސްކްރިޕްޓެވެ. ފިލްމުގެ ސްކްރިޓް އަކީ ކޮންމެ ފިލްމެއްގެ ވެސް ބިންގާއެވެ. ފިލްމު އެހާ ފޮނިވެފައި މީރުވީ ފިލްމުގެ ސްކްރިޕްޓް މޮޅުވުމުންނެވެ.
އެހެން ފިލްމުތަކާ ހިލާފަށް ތަފާތު ކަންތައްތަކެއް އެ ފިލްމުން ފެނިގެން ދިޔައެވެ. ފިލްމުގެ ކޮންމެ ކެރެކްޓާއެއްވެސް އެ ކެރެކްޓާގެ ގޮތުގައި އެންމެ ފުރިހަމައަށް ފެނިގެންދިޔައެވެ. ގިނަ ކާސްޓުން ފިލްމުން ފެނިގެން ދިޔަ ނަމަވެސް އެއްވެސް ކާސްޓަކީ މި ފިލްމަށް ބޭކާރު ތަރިއެއް ނޫނެވެ. ކޮންމެ ތަރިއަކަށް ދޭންޖެހޭ މުހިއްމުކަން ދީފައިވާއިރު އެ ކެރެކްޓާތަކުގެ ސަބަބުން ފިލްމު އިތުރަށް ފުރިހަމަވިއެވެ.
ފިލްމުގެ ބައެއް މަންޒަރުތައް ނަގާފައިވަނީ ކާގޯ ބޯޓު އަދި ޖެޓުގައެވެ. ކޮންމެ މަންޒަރެއް ނެގުމަށް ގިނަ ވަގުތު އަދި ގިނަ ޚަރަދު ހިނގި ނަަމަވެސް ޑާކްރެއިންގެ މަގްސަދަކަށްވީ ބެލުންތެރިންނަށް މޮޅު ފިލްމެއް ގެނެސްދޭށެވެ.
"މާމުއި"ގެ ބެކް މިއުޒިކަކީ ބެލުންތެރިންވެސް އެންމެ ފާހަގަކުރި އެއް ކަންތަކެވެ. ހުސައިން ތައުފީގް ތައްޔާރުކުރި އެ ބެކް މިއުޒިކްގެ ސަބަބުން ފިލްމު އިތުރަށް "މާމުއި ވެގެންދެއެވެ."
ތަރިއަކަށް ދޫކުރާ ވަރުގެ ތަރިއެއް ނެތް
ފިލްމުގައި ތަރިއަކަށް ދޫކުރާ ވަރުގެ ތަރިއެއް ނެތެވެ. އެމީހެއްގެ ކެރެކްޓާ އެންމެ ފުރިހަމައަށް ވަނީ އަދާކޮށްފައެވެ. ކޮންމެ ކެރެކްޓާ އަކީ ވެސް އެ ކެރެކްޓާގެ ޒާތުގައި މަޖާ ތަރިއެކެވެ. ވަރުޖީނާގެ މަޖާ ޑައިލޮގްތަކެވެ. ރުޝްދީ އާއި ސަލްމާންގެ ގުޅުމެވެ. ހައިފާ އާއި ހައްޕުގެ "މިޝަން" އެވެ. ސުނީ އުޅޭ ހާލެވެ. ތާނިޔާ އާއި ސާނިޔާގެ ޝައްކުކުރުންތަކެވެ. ހުދުމުހުތާރުގެ ވަރުގަދަ "މާމުއި" ފުޅިއެވެ. މިހެން ގޮސް ކިޔާނެ ކަމެއްނެތެވެ. ޖުމުލަކޮށް ފިލްމުގައި ދެން ފެނުނު ތަރިންގެ އެކްޓިން ވެސް ވަރަށް ފުރިހަމައެވެ.
ފިލްމު ފެށުނީއްސުރެ ނިމެން ދެންވެސް "މާމުއި" އަކީ ކޮން އެއްޗެއްތޯ ބެލުމަށް އެންމެންވެސް ތިބީ ވަރަށް ޝައުގުވެރިވެފަ އެވެ.
ހުރިހާ ބެލުންތެރިން ވެސް ބުނަނީ މިއީ މޮޅު އަދި މަޖާ ފިލްމެއް ކަމަށެވެ. މިވަރުގެ ދިވެހި ކޮމެޑީ އެއް ނުބަލާ ކަމަށެވެ.
ފިލްމުގެ އެންމެ ކުދި މަސައްކަތުން ފެށިގެން އެންމެ ބޮޑެތި މަސައްކަތަށްވެސް އެއްވަނައެވެ. މަސައްކަތުގެ ފެންވަރު ވަރަށް ރަނގަޅެވެ. ކެމެރާގެ މަސައްކަތާ ވިޝުއަލް އިފެކްޓްސް ތައް ވެސް ވަރަށް "ސަޅި"އެވެ.
އެންމެ ފާހަގަކޮށްލެވެނީ ފިލްމުގެ ސިނަމޮޓޮގްރަފީއެވެ. މުޅި ޓީމުގެ މަސައްކަތަށް އައްސަރިބަހާ ސާބަހެވެ. ބިޒީ ޝެޑިއުލް އެއްގައި އުޅެމުން ނަމަވެސް "މާމުއި" ބަލައިލަން ވަންނާށެވެ.
މިއީ އެއް ފަހަރުން ބަލައިލަގެން ނިންމާލެވޭ ވަރުގެ ފިލްމެއް ނޫނެވެ. ކިތަންމެ ގިނަ ފަހަރު ފިލްމު ބެލިޔަސް ފޫހިނުވާނެ ކަން ގައިމެވެ. އެއް ފަހަރުން ބަލާފައި ނިންމާލުމަށް ވުރެ ގިނަ ފަހަރު ފިލްމު ބެލުމުން ފިލްމުގެ މަޖާކަމުގެ އަސްލު އެނގިގެންދާނެއެވެ.
"މާމުއި" އަކީ ބަނޑަށް ހީހީ ހަލާކުކޮށްލާނެ ކޮމެޑީއެކެވެ. ފިލްމު ނިމުމުން ބެލުންތެރިންގެ ހޫނު އަތްތިލަބަޑީގެ ތަރުހީބެއް ލިބުނެވެ. ފިލްމުގެ ކޮންމެ ލަވައަކަށްވެސް ބެލުންތެރިންގެ ތަރުހީބުބޮޑެވެ. "މާމުއި" ބަލައި ނުކުތް އެންމެންގެ މޫނުމަތިން ވެސް ފެންނަނީ އުފާވެރިކަމެވެ. ހިނިތުންވުމެވެ. އެންމެންނަށްވެސް "މާމުއި" ކަމުގޮސްފި އެވެ.