ކޮރޯނާ ވައިރަސް، ކޮވިޑް-19 ގެ ސަބަބުން ޕްރެކްޓިސްތައް ކުރިއަށް ނުދާތީ ވަގުތީ ގޮތުން މެދުކަނޑާލާފައި އޮތް ގައުމީ ޓީމުތަކުގެ ކުޅުންތެރިންގެ އެލަވަންސް އަލުން ދޭން ނިންމާފައިވާ ކަމަށް އިތުބާރު ހުރި މަސްދަރަކުން "ސަން" އަށް ޔަގީންކޮށްދީފި އެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރި، ކުޅިވަރުގެ ހުރިހާ ހަރަކާތެއް ހުއްޓާލާފައިވާތީ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ވެސް އާމްދަނީއެއް ލިބޭނެ ގޮތެއް ނެތެވެ. އަދި ބައެއް ކުޅުންތެރިން ވަނީ ސަރުކާރުން ދޭ ފައިސާ ނުލިބޭތީ ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް ބުނެފަ އެވެ.
އެހެންކަމުން މިކަންކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވަނީ ދާދި ފަހުން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ވަކި ވަކިން ބައްދަލުކޮށް އެ އެންމެންގެ ކަންބޮޑުވުންތައް އަޑުއައްސަވާފަ އެވެ.
އަދި އެ ބައްދަލުވުންތަކަށްފަހު ކުޅުންތެރިންގެ އެލަވެންސް ދިނުން އަލުން ފެށުމަށް ނިންމާފައިވާ ކަމަށާއި، އެކަމުގައި ލަފަޔަކަށް ފިނޭންސް މިނިސްޓްރީއަށް މިހާރު ފޮނުވާފައިވާ ކަމަށާއި، އެ މިނިސްޓްރީން އެކަމަށް ގޮތެއް ނިންމުމުން ރަސްމީކޮށް އެކަން މީޑިއާތަކަށް ހާމަކުރާނެކަން ސަން އަށް ވަނީ އިތުބާރު ހުރި މަސްދަރަކުން ޔަގީންވެފަ އެވެ.
އަދި ކުޅުންތެރިންގެ މުސާރަ ލަސްވާ މައްސަލައަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ކޮވިޑް ކަންތަކަށްފަހު ކުޅުންތެރިންނަށް ދޭންޖެހޭ ފައިސާ ކުއާޓާ ތަކަކަށް ބަހާލައިގެން އެފައިސާ އެސޯސިއޭޝަންތަކާ ހަވާލު ކުރަން ނިންމާފައިވާ ކަމަށެވެ. އެހެން ކަމުން މިހާރު ޔޫތު މިނިސްޓްރީ މެދުވެރިކޮށް ދެމުން އައި މުސާރަތައް އެއަށްފަހު ދެމުންގެންދާނީ އެސޯސިއޭޝަންތައް މެދުވެރިކޮށް ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ.
އަދި އެއާ އެކު ގިނަ އެތުލީޓުންތަކެއް ހަމައެކަނި ކުޅިވަރުގެ އާންމުދަނީއަށް ބަރޯސާވާކަން ފާހަގަ ކުރެވިފައިވާތީ އަލުން އެލަވަންސް ދޭން ފެށުމަށް ނިންމާފައިވާ ކަން ވަނީ އެނގެފަ އެވެ.
އެކަމަކު މީގެ ތެރޭގައި ހިމެނޭނީ ހަމައެކަނި ކުޅުންތެރިން ކަމަށާއި، ކޯޗުންނަށް ލިބޭ މުސާރަ އަކީ ވަކި އުސޫލެއްގެ ދަށުން ދެވޭ މުސާރައަކަށް ވާތީ އެ ފަރާތްތަކަށް މުސާރަ ހޯދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަންއެމްޕްލޯއިމެންޓް ބެނެފިޓް ޕެކޭޖުގައި ބައިވެރިވެވޭނެކަމަށް ޔޫތް މިނިސްޓްރީގެ އޮފިޝަލަކު ވެސް ސަން އަށް ވަނީ މައުލޫމާތު ދީފަ އެވެ.
އަދި ކުޅިވަރު އެކެޑަމީތަކުގެ ތެރެއިން މި ޕެކޭޖުތަކުގައި ބައިވެރިވެވޭނީ ވިޔަފާރިއެއް ގޮތަށް ރަޖިސްޓްރީ ކުރެވިގެން ހިންގާ އެކެޑަމީތަކަށް އެކަނި ކަމަށް އޮފިޝަލު ވަނީ ބުނެފަ އެވެ.