މަނަދޫ އިން ނެގި ހުރިހާ ސާމްޕަލެއް ނެގެޓިވް

މަނަދޫ---

ނ. މަނަދޫ އިން ކޮވިޑަށް ޕޮޒިޓިވްވި މީހުންނާ ގުޅުންހުރި މީހުންގެ ސާމްޕަލްތައް ނެގެޓިވް ވެފައިވާ ކަމަށް އެންއީއޯސީ އިން ބުނެފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ މަނަދޫ އިން ޕޮޒިޓިވްވި ނުވަ މީހުންނާ ގުޅުންހުރި 81 ސާމްޕަލެއް ނެގި ކަމަށާއި އެ ސާމްޕަލްތައް ނެގެޓިވް ވެފައިވާ ކަމަށެވެ.

މަނަދޫ އިން ނެގި ސާމްޕަލްތަކުގެ ތެރޭގައި ހިމެނެނީ ޕޮޒިޓިވްވި މީހުންނާ، އެެކި ގޮތްގޮތުން ދިމާވި މީހުންނާއި އެކްޓިވް ސަވައިލެންސް ސާމްޕަލްގެ އިތުރުން، ރީސާމްޕަލްގެ ގޮތުގައި އަލުންނެގި ސާމްޕަލް އެވެ.

ނ. ނަމަދޫ އިން އިތުރު ފަރުވާ އަށް މާލެ ގެނައި އުމުރުން 80 އަހަރުގެ އަންހެނަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެނާ އަށް ފަރުވާދީ ބަލިން ރަނގަޅުވެފައިވަނިކޮށް އެހެން ބައްޔަކަށް ބޭސްކުރަމުން ދަނިކޮށް އިއްޔެ ވަނީ މަރުވެފައެވެ.

އޭނާ އާއި ގުޅުންހުރި ނުވަ މީހަކު ބައްޔަށް ޕޮޒިޓިވްވީ މިމަހުގެ 15 ވަނަ ދުވަހުުއެވެ.

ރާއްޖެއިން މިހާތަނަށް 1274 މީހުން ޕޮޒިޓިވް ވެފައިވާއިރު 109 މީހުން ވަނީ ބަލިން ރަގަޅުވެފައެވެ. ހަތަރު މީހުން ބަލީގައި މަރުވެފައިވެއެވެ

comment ކޮމެންޓް